ބައިނަލްއަޤްވާމީ ޖަމާއަތްތަކާ ގުޅިގެން، ދެވޭ ތައުލީމުގެ ފެންވަރު ޔަޤީންކުރަން މަސައްކަތް ކުރާ އެހެން ކޮލެޖެއް ރާއްޖޭގައި ހުރިކަން އެނގިފައެއް ނެތް: ޑރ. އަންވަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ބައިނަލްއަޤްވާމީ ޖަމާއަތްތަކާ ގުޅިގެން، ދެވޭ ތައުލީމުގެ ފެންވަރު ޔަޤީންކުރަން މަސައްކަތް ކުރާ އެހެން ކޮލެޖެއް ރާއްޖޭގައި ހުރިކަން އެނގިފައެއް ނެތް: ޑރ. އަންވަރު

ވިލާ ކޮލެޖުން ދެވޭ ތައުލީމުގެ ފެންވަރު، ދުނިޔޭގެ އެންމެ ބޮޑެތި ޔުނިވަރސިޓީތަކާއި އެއްފެންވަރުގައި ބަހައްޓަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށާއި އެގޮތުން ފެންވަރު ބަލަހައްޓާ ދުނިޔޭގެ ޖަމާއަތްތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ވިދާޅުވެއްޖެއެވެ. 

ވިލާ ކޮލެޖުގައި ނޫސްވެރިންނަށް މައްލޫމާތު ދެއްވަމުން ޑރ. އަންވަރު މިއަދު ވިދާޅުވީ އެފަދަ ޖަމިއްޔާތަކުގެ ބައްދަލުވުންތަކުގައިވެސް ވިލާ ކޮލެޖުން ދަނީ ބައިވެރިވަމުން ކަމަށާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކާ ގުޅިގެން، ދެވޭ ތައުލީމުގެ ފެންވަރު ޔަޤީންކުރަން ވިލާކޮލެޖުން މަސައްކަތް ކުރާ އެހެން ކޮލެޖެއް ރާއްޖޭގައި ހުރިކަން އަދި އެނގިވަޑައިގެންފައި ނެތް ކަމަށެވެ. 

"ދުނިޔޭގެ ޔުނިވަރސިޓީތަކާބެހޭ އެންމެ ބޮޑު ޖަމިއްޔާގެ މެންބަރަކަށްވެ އެ ޖަމިއްޔާގެ ވެސް ފެންވަރުގަ އަޅުގަނޑުމެން ކުރިއަސް މިގެންދަނީ. މީގެ އިތުރުން ކޮމަންވެލްތު ޔުނިވަރސިޓީތަކުގެ ޖަމިއްޔާގައިވެސް ބައިވެރިވެގެން ވިލާ ކޮލެޖު ކުރިއަށް މިގެންދަނީ. ބޭނުމަކީ އެފެންވަރަށް ވިލާ ކޮލެޖުގައި ކިޔަވައި ދިނުން. އެފެންވަރުގެ ކޯސްތައް ވިލާ ކޮލެޖުގައި ހިންގުން. އިތުރު ފުރުޞަތުވެސް ލިބޭނެ ގޮތް ހަމަޖައްސައި ދިނުން." 

ޑރ. އަންވަރު ވިދާޅުވީ ވިލާ ކޮލެޖުން ހިންގާ ކޯސްތައް ހިންގަނީ ޔޫރަޕުގެ ޔުނިވަރސިޓީތަކާއި ގުޅިގެން ކަމަށާއި އަދި އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ޔުނިވަރސިޓީތަކާއި އެއް ފެންވަރުގައި ކޯސްތައް ހިންގެވުމަށް ކަމަށެވެ. އެކަމަށް ކުރެވޭ މަސައްކަތްތައްވެސް ކާމިޔާބު ކަމަށާއި ވިލާ ކޮލެޖުގެ ޕްރޮގްރާމްތައް ހިންގަމުން ގެންދަނީ ޔޫރަޕްގެ ޔުނިވަރސިޓީތަކާއި އެއްފެންވަރުގައި ކަމަށެވެ. ލިބޭނީ ވެސް އެއް ފެންވަރުގެ ސެޓުފިކެޓް ކަމަށެވެ.   

ޑރ. އަންވަރު ވިދާޅުވީ މި ފުރުޞަތުތައް ވިލާ ކެލުޖުން ލިބެން ހުރުމުން ވިލާ ކޮލެޖުން ހިންގާ އެއްވެސް ކޯހެއް ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް މަތީ ތައުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީފައިވާތީ ޑރ. އަންވަރު ވަނީ ސަރުކާރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެ ފުރުޞަތުގެ ބޭނުން ވީހައި ގިނަ ދަރިވަރުން ހިފުމަށްވެސް ޑރ. އަންވަރު ވަނީ އިލްތިމާސް ކުރައްވައިފައެވެ. 

މިއަދު އޮންލައިން