ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޞާބިރު ޢައްޔަނު ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޞާބިރު ޢައްޔަނު ކުރައްވައިފި

ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ގަލޮޅު ފިޔާތޮށިގެ ޙަސަން ޞާބިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަނު ކުރައްވައި، އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ. 

ޙަސަން ޞާބިރަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. 

ޞާބިރު ވަނީ މީގެ ކުރިންވެސް ޔޫރަޕިއަން ޔޫނިއަންނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމު އަދާކުރައްވައިފައެވެ. 

ޙަސަން ޞާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އެމަނކިފާނު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރައްވައި، އިންޑިޔާއިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފައެވެ. 

ޙަސަން ޞާބިރަކީ ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ޙަސަން ޞާބިރު ފުރުއްވި މަޤާމުތަކު ތެރޭގައި، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓްޓެޓިވްކަމުގެ މަޤާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަޤާމާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަޤާމު ހިމެނެއެވެ.

 

މިއަދު އޮންލައިން