އިސްލާމް ދީނުގެ ކަންކަމާއި ގުޅިގެން ރާއްޖޭގެ ދީނީ ޢިލްމުވެރިން ފާހަގަ ނުކުރައްވާ މައްސލައެއް ނެތް ކަމަށާއި ކަންކަން އިޞްލާޙް ނުވަނީ ދީނީ ޢިލްމުވެރިން އިސްލާމް ދީނުގެ ޙުކުމްތައް ބަޔާން ކުރެއްވި ނަމަވެސް ސަރުކާރުން އަމަލު ނުކުރާތީ ކަމަށް ޝައިޚް ޝަފީޢް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝައިޚް ޝަފީޢު، ވިދާޅުވީ ޒިނޭކުރުމާއި ފާހިޝް އަމަލުތައް ކުރުމާއި ވައްކަމާއި ރިޝްވަތާއި ރިބާ އާއި މިފަދަ ހުރިހާ ކަންކަމުގައިވެސް ދީނީ ޢިލްމުވެރިން ގެންދަވަނީ ދީނުގައި ކަންކަން އޮތް ގޮތް ދަރުސްތަކުގަ އާއި ޕޯސްޓްތަކުގައި ބަޔާން ކުރައްވަމުން ކަމަށެވެ. ނަމަވެސް ބައެއް މީހުން މިކަންކަމަށް ބީރުވެފައި ލިޔުންތައްވެސް ނުކިޔާތީ ނުއެނގެނީ ކަމަށެވެ.
ޝައިޚް ޝަފީޢު މިމޭރުމުން ވިދާޅުވެފައިވާއިރު އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ޢިލްމުވެރިންގެ މަހާސިންތާތަކުގައި ނިންމާ ނިންމުންތަކަށް ވެސް އަމަލު ނުކުރާތީ މަހާސިންތާ ތަކުގައިވެސް ދީނީ ޢިލްމުވެރިން ގެންދަވަނީ އަޑު އުފުއްލަވަމުންނެވެ.
ދަރިވަރުންނަށް ކިޔަވައިދޭ ފޮތްތައް އިސްލާމީ މުޖުތަމައަކަށް ފުދޭނެ މިންވަރަށް ފެއްތުމާއި ޤައުމީ މަންހަޖުވެސް އެ މޭރުމުން ބަދަލުކުރުމާއި މަޖިލީހުން ފާސްކުރާ ބިލްތައް އިސްލާމް ދީނާއި ފުށޫ ނުއަރާނެ ގޮތަށް ފާސްކުރުމާއި މިފަދަ ގިނަ ކަންތައްތަކެއް ދީނީ ޢިލްމުވެރިން ވަނީ މަހާސިންތާތަކުގައި ފާސްކުރައްވައި ސަރުކާރަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އަދި މިހައިތަނަށް އެއްވެސް އިޞްލާޙެއް ގެނެވިފައި ނުވާކަން އެންމެ ފަހުން ބޭއްވި ބޭއްވި މަހާސިންތާގައިވެސް ޢިލްމުވެރިން ވަނީ ފާހަގަކުރައްވައިފައެވެ.
ރާއްޖޭގެ ބައެއް ޢިލްމުވެރިންނާއި ބައެއް ޖަމާއަތްތަކުން ތަފާތު ސަބަބުތަކާއިހުރެ އެކި ސަރުކާރުތަކުގައި ބަސް ހާމަކުރުން މަދުނަމަވެސް ގިނަ ޢިލްމްވެރިންތަކެއް އަބަދުވެސް ގެންދަވަނީ ބަސްފުޅު ވިދާޅުވެ ސަރުކާރަށް އިލްތިމާސްތައް ކުރައްވަމުންކަން ވެސް ފާހަގަކުރައްވައެވެ. ވީމާ ރާއްޖޭގެ ދީނީ ޢިލްމުވެރިން ބަސްފުޅު ވިދާޅުނުވާކަމަށް ބުނުން ޝައިޚް ޝަފީޢު ވަނީ ދޮގުކުރައްވައިފައެވެ.
https://twitter.com/shafeeu26/status/1102465174252998656
