ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 5

މިއަދު
ކިޔުމަށް ހޭދަވާނީ 12މ 46ސ
ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 5

(فَضَرَبْنَا عَلَىٰ آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا ﴿١١﴾ ) "ފަހެ، ހޮހަޅައިގައި އެތައް އަހަރެއްވާނދެން، ތިމަންރަސްކަލާނގެ އެއުރެން ގަދަނިއްޖެއްގައި ބައިތިއްބެވީމެވެ."

ނިދި ދެބަޔަކަށް ބެހިގެންވެއެވެ. އެއީ:

1. ލުއި ނިދި، އެހެންނަމަ އޭނާގެ ވަށައިގެންވާ ކަންތައްތައް އަޑުއިވޭނެއެވެ.

2. ފުން ނިދި، އެހެންނަމަ އޭނާގެ ވަށައިގެންވާ އެއްވެސް ކަމެއް އަޑެއް ނީވޭނެއެވެ.

(سِنِينَ عَدَدًا ) "އެތައް އަހަރެއް ވާންދެން."، އެއީ ކިތައް އަހަރުކަމެއް ބަޔާން ކުރައްވާ މި ސޫރަތުގެ 25 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾  ) މާނައަކީ: "އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ."

(ثُمَّ بَعَثْنَاهُمْ لِنَعْلَمَ أَيُّ الْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوا أَمَدًا ﴿١٢﴾)"ދެން ތިމަންރަސްކަލާނގެ އެއުރެން (ނިދީން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެން (ނިދާފައި) ތިބި މުއްދަތު އެންމެ ހަމަޔަށް ހިމަނަނީ، ދެބައިމީހުންކުރެ ކޮންބަޔެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ."

(بَعَثْنَاهُمْ) "ބަޢަޘަ" ގެ ލަފްޡީ މާނައަކީ: މަރުވުމަށްފަހު އަލުން ދިރުއްވުމެވެ.

 އެބައިމީހުން ނިދިން ހޭލެއްވުމަށް "ބަޢަޘަ" މި ލަފްޡު ގެންނަވާފައިވުމުގެ ޙިކްމަތަކީ: ނިދުމަކީ ވެސް މަރެއް ކަމަށްވާތީވެއެވެ. ސޫރަތުލް އަންޢާމްގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَهُوَ الَّذِي يَتَوَفَّاكُم بِاللَّيْلِ وَيَعْلَمُ مَا جَرَحْتُم بِالنَّهَارِ ثُمَّ يَبْعَثُكُمْ فِيهِ لِيُقْضَىٰ أَجَلٌ مُّسَمًّى ۖ ثُمَّ إِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿٦٠﴾  ) މާނައަކީ: " އަދި ރޭގަނޑަށް ތިޔަބައިމީހުންގެ ފުރާނަ ހިއްޕަވަނީ (އެބަހީ: ނިދޭގޮތް މެދުވެރި ކުރައްވަނީ) އެކަލާނގެއެވެ. އަދި ދުވާލު ތިޔަބައިމީހުން ހޯދައިގަތް ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ދެން އެއަށްފަހު ދުވާލުގެ ތެރެއަށް ތިޔަބައިމީހުން އަލުން ފޮނުއްވަތެވެ. (އެބަހީ: ހޭލައްވަވައެވެ. އެއީ) ކަނޑައަޅުއްވާފައިވާأجلހަމަވުމަށްޓަކައެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން އެނބުރި رجوعވުންވަނީ، އެކަލާނގެ حضرةއަށެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ."

ސޫރަތުއް ޒުމަރުގެ 42 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (اللَّـهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٤٢﴾) މާނައަކީ: "نفسތައް މަރުވާހިނދު، އެ نفسތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّهއެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ."

މި އާޔަތްތަކުގައި ނިދި ޞިފަ ކުރައްވާފައިވަނީ މަރެއްގެ ގޮތުގައެވެ.

(بَعَثْنَاهُمْ لِنَعْلَمَ) "ތިމަން ﷲ ދެނެވޮޑިގެންވާކަން" މި ގޮތަށް އޮތުމުން ފަހަރެއްގައި އުފެދިދާނެ ސުވާލެކެވެ. އެކަން ވުމުގެ ކުރިން ﷲ ދެނެވޮޑި ނުގަންނަވަނީ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބަކީ: ﷲ ދެނެވޮޑިގެން ވެއެވެ. ނަމަވެސް މިޢިބާރާތުން ދެކަމެއް ދޭހަކޮށްދެއެވެ.

1. މިތަނުގައި "ޢިލްމު" ނުވަތަ "ދެނެވޮޑިގަތުން" މާނަ ކުރައްވާފައި މިވަނީ ދެކެވަޑައިގަތުމަށެވެ. އެކަން ވުމުގެ ކުރިންވެސް އެގޮތަށް އެކަންވާނެކަން ﷲ ދެނެވޮޑިގެންވެއެވެ. ކަންވުމަށްފަހު އެކަން އެގޮތަށް ވެއްޖެކަން ވެސް ދެނެވޮޑިގެންވެއެވެ. ވީމާ، ކުރިން އެނގިވޮޑިގެންފައިވުމާއި ވުމަށްފަހު ވީކަން ދެނެވޮޑިގަތުން ތަފާތެވެ.

2. އެ ޢިލްމެއްގެ މައްޗަށް ޖަޒާ ދެއްވުން ތަރްތީބު ވެގެން އަންނަ ޢިލްމު، ސޫރަތު މުޙައްމަދުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ ﴿٣١﴾  ) މާނައަކީ: "އަދި ތިޔަބައިމީހުންގެ ތެރެއިން جهادކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން އަދި ތިޔަބައިމީހުންގެ خبرތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحانކުރައްވާހުށީމެވެ."

އިމްތިޙާނު ކުރެއްވުމުގެ ކުރިންވެސް ކިޔަމަންތެރިވާ މީހުންނަކީ ކޮބައި ކަމާއި އުރެދޭ މީހުންނަކީ ކޮބައިކަން ﷲ ދެނެވޮޑިގެންވެއެވެ.

(أَيُّ الْحِزْبَيْنِ) (الْحِزْبَيْنِ) ދެޖަމާޢަތުގެ މީހުން،

(أَحْصَىٰ) އެންމެ ރަގަޅަށް ގުނަނީ، އެމީހުން ހޮހޮޅައިގާ ހޭދަކުރީ ކިހާ ދުވަހެއްކަން އެންމެ ރަގަޅަށް ބުނެދޭން އެނގެނީ ކޮންބަޔަކަށްތޯ ބެއްލެވުމަށް ޓަކައި،ސަބަބަކީ އެބައިމީހުންގެ މެދުގައި ވަނީ އެކަމުގައި ޚިލާފު އުފެދިފައެވެ. ބައެއް މީހުން ބުނި ކަމަށްވަނީ (لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ) މާނައަކީ: "ތިމަންމެންތިބީ، އެއްދުވަހު، ނުވަތަ ދުވަހެއްގެ ބައެއްގައެވެ." އަނެއްބަޔަކު ބުނީ މިފަދައިންނެވެ. (رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ) މާނައަކީ: "ތިޔަބައިމީހުންތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ."

(نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ ۚ إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ وَزِدْنَاهُمْ هُدًى ﴿١٣﴾ )“ތިމަންރަސްކަލާނގެ، ކަލޭގެފާނަށް އެއުރެންގެ خبرތެދަށް ކިޔައިދެއްވަމެވެ. ހަމަކަށަވަރުން، އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެއަށް إيمانވެ، އެއުރެންނަށް، ތިމަންރަސްކަލާނގެ ތެދުމަގު އިތުރުކުރައްވާފައިވާ ޒުވާން ފިރިހެނުން ތަކެކެވެ.”

ތެދުބަހުން، ޙަގީގަތް އެނގުމާއި އެކު، ފަސޭހައިން ވިސްނޭނެ ޢިބާރާތުން ބުނެދިނުން އެއީ އެންމެ ރަގަޅު ގޮތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުގައި ވަނީ ޙައްގު ތެދެވެ. އެކަލާންގެ ބަސް ވަޙީ ކުރައްވާފައިވަނީ ޙަގީގަތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ޙާލުގައެވެ. އެންމެ ފަޞާޙާތްތެރި ޢިބާރާތުންނެވެ. މީސްތަކުންނަށް ފަސޭހައިން ވިސްނައިގަނެވޭނެ ގޮތަށެވެ.

(نَّحْنُ) "އަހަރުމެން"، ﷲ ތަޢާލާ އަކީ އެއްކައުވަންތަ އިލާހު ކަމަށްވީއިރު "އަހަރުމެން" މިފަދައިން ވަޙީ ކުރައްވާފައިވާ ވުމުގެ ޙިކްމަތަކީ:

އަމިއްލަ ނަފްސަށް އިޝާރާތްކޮށް ޖަމްޢުގެ ޞީޣާ (ނަޙްނު)، ނުވަތަ މުފްރަދުގެ ޞީޣާ (އަނާ)، ނުވަތަ ޣައިބުގެ ޞީޣާ (ހުވަ) ބޭނުން ކުރުމަކީ ޢަރަބިންގެ ތެރޭގައި ވާހަކަދެއްކުމުގައި ބޭނުން ކޮށް އުޅުނު އުސްލޫބު ތަކެވެ. ކީރިތި ގުރްއާން ބާވާލެއްވުނީ ޢަރަބި ބަހުން ކަމުން، ޢަރަބިންގެ ތެރޭގައި ބޭނުން ކޮށް އުޅުނު ތިން ޞީޣާވެސް ކީރިތި ގުރްއާނުގައި ބޭނުން ކުރައްވާފައިވެއެވެ. (ފަތާވާ އައްލަޖްނަތުއްދާއިމާ 4/143).

(އަނާ) އަދި (ނަޙްނު) މި ދެލަފްޡު ބޭނުން ކޮށްގެން މީހަކު އޭނާގެ ޖަމާޢަތަށް ނިސްބަތްކޮށްވެސް ވާހަކަ ދައްކަފާނެއެވެ. އަދި ބައެއް ފަހަރު މީހަކު އޭނާގެ އަމިއްލަ ނަފްސަށްވެސް މިދެޞީޣާ ބޭނުން ކޮށްފާނެއެވެ. މިޘާލަކަށް ރަސްރަސްކަލުން ބޮޑެތި ބަޔާންތައް އިއްވާ ހިނދުގައި (ނަޙްނު) ބޭނުން ކުރެއެވެ. އެކަމަކު އެއީ އެންމެ ފަރްދެކެވެ. މީގެ ބޭނުމަކީ މަތިވެރި ކުރުމެވެ. ނުވަތަ ވަރުގަދަކޮށް ބާރުވެރި ކުރުވުމެވެ.  އެންމެ މަތިވެރި ބާރުވެރި ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ.  އެހެންކަމުން، ކީރިތި ގުރްއާނުގައި (އިންނާ، ނަޙްނު) އައިސްފައި އިނުމުގެ ބޭނުމަކީ އެކަލާނގެ މަތިވެރިކަން ދޭހަކޮށް ދިނުމެވެ. މީގެ މާނައަކީ ފަހަރެއްގައިވެސް އެކަލާނގެ އާއި އެކު އެހެން ޝަރީކަކު ވުމެއް ނޫނެވެ.

(نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِالْحَقِّ)

(نَّحْنُ نَقُصُّ عَلَيْكَ) ކަން ހިނގާދިޔަ ގޮތް ކަލޭގެފާނަށް ކިޔައިދެއްވާނަމެވެ.

( نَبَأَهُم) އެބައިމީހުންގެ ޚަބަރު،

(بِالْحَقِّ) ޙަގީގަތާއި އެއްގޮތަށް،

(إِنَّهُمْ فِتْيَةٌ آمَنُوا بِرَبِّهِمْ) އެއީ ހަށިގަނޑުގައި ވަރުހުރި، ޢަޒުމް ވަރުގަދަ، އީމާންކަން ވަރުގަދަ ޒުވާން ކުދިންކޮޅެކެވެ.

(وَزِدْنَاهُمْ هُدًى) މާތް ﷲ އެކުދިންނަށް ހިދާޔަތް އިތުރު ކުރެއްވިއެވެ. މީހަކު ހެޔޮ ޢަމަލު ގިނަކުރި ވަރަކަށް މާތް ﷲ އެމީހަކަށް ހިދާޔަތް އިތުރުކޮށްދެއްވައެވެ.

(وَرَبَطْنَا عَلَىٰ قُلُوبِهِمْ) ތިމަން ﷲ އެކުދިންނަށް ޘާބިތުކަން ދެއްވާ ޢަޒުމް ވަރުގަދަ ކޮށްދެއްވީމެވެ. ސަބަބަކީ މުޅި ގައުމު އެއްކޮށް ވަނީ އެކުދިންނާއި ދެކޮޅަށެވެ. މިފަދަ ޙާލަތެއްގައި ޘާބިތުކަން ބޭނުންވާނެއެވެ. ވަކިން ޚާއްޞަގޮތެއްގައި ޒުވާން ކުދިންކޮޅެއް ކަމުން، އެކުދިންގެ މައިންބަފައިން އެކުދިންނަށް ކާފިރު ވުމަށް އަމުރުކޮށްފިނަމަ އެގޮތަކަށް ކިޔަމަން ގަންފާނެއެވެ. އެހެންނަމަވެސް، މާތް ﷲ ވަނީ އެކުދިންނަށް ޘާބިތުކަން ދެއްވާފައެވެ. މާތް ﷲ އަޅަމެންނަށްވެސް ޘާބިތުކަން ދެއްވާށި. އާމީން.

(إِذْ قَامُوا) އެކުދިންގެ ގައުމުގައި އޮތް ޝިރްކަށް އިންކާރުކޮށް، އެކަމުން ބަރީއަވެ، ތައުޙީދު އިޢުލާންކުރިއެވެ.

- ނުނިމޭ -

މިއަދު އޮންލައިން