އެއާޕޯޓު ހެދުމަށް ހިއްކި ހދ. ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ހިމާޔަތްކޮށް، އަލުން ދިރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ބޭރުގެ ކަމާއިބެހޭ މާހިރުންގެ އެހީ ހޯދުމަށް އެންވައިރަމެންޓް މިނިސްޓްރީން ނިންމައިފިއެވެ.
އެގޮތުން އެންވައިރަމެންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ހަސަން ވަނީ "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް" އިން އެކަމަށްޓަކައި ހުށަހަޅާފައިވާ އެހީ ޤަބޫލު ކުރައްވަން ނިންމަވާފައެވެ. އެޕްރޮޖެކްޓަކީ ދުނިޔޭގެ ކުޅި، ފާ ފަދަ ތަންތަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ނެޓްވޯކެކެވެ.
މިކަން ހާމަކޮށް އެންވައިރަމެންޓް މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ކުރި ޓްވީޓެއްގައި ވެސް ބުނެފައިވަނީ ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ސަލާމަތްކުރުމަށްޓަކައި "މެންގްރޫވް އެކްޝަން ޕްރޮޖެކްޓް" އިން ހުށަހަޅާފައިވާ އެހީ މިނިސްޓަރ ޤަބޫލު ކުރައްވާފައިވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މާހިރުންގެ އެހީތެރިކަމާއެކު ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި އަލުން ދިރުވޭނެ ކަމަށް ވެސް އެޓްވީޓުގައި ބުނެފައިވެއެވެ.
ވަރަށް ފަހުން އެންވައިރަމެންޓް މިނިސްޓަރ ޑރ. ޙުސެއިން ވަނީ އެރަށަށް ވަޑައިގެން ކުޅީގެ މިހާރުގެ ހާލަތު ވެސް ގާތުން ބައްލަވާފައެވެ. މިނިސްޓަރ ގެ އެދަތުރުފުޅުގައި އެރަށުގެ ބައެއް ޒުވާނުން ވަނީ އެތަނުގައި "ނޭޗާރ ޕާކެއް" އެޅުމަށް އެދިފައެވެ.