ވަޒީފާއަށް އެދި ހުށަހަޅާނެ އިދާރާއެއް ވަރަށް މުހިންމު!- ދިވެއްސަކު ކުރިމަތި ނުލާކަމަށް ބުނާއިރަށް ޤަބޫލުކޮށް ކޯޓާ ދިނުން ވަގުތުން ހުއްޓާލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 7ސ
ވަޒީފާއަށް އެދި ހުށަހަޅާނެ އިދާރާއެއް ވަރަށް މުހިންމު!- ދިވެއްސަކު ކުރިމަތި ނުލާކަމަށް ބުނާއިރަށް ޤަބޫލުކޮށް ކޯޓާ ދިނުން ވަގުތުން ހުއްޓާލާ!

ވަޒީފާ ދޭ މީހުން ބުނަނީ ވަޒީފާ ތަކަށް ކުރިމަތި ނުލަނީ ކަމަށެވެ. ވަޒީފާއަށް އެދޭ މީހުން ބުނަނީ ވަޒީފާއަކަށް އެދިއެދި ވަރުބަލިވާއިރުވެސް ވަޒީފާއެއް ނުލިބޭ ކަމަށެވެ. ޙަޤީޤަތަކީ ކޮބައި ހެއްޔެވެ؟ ޙައްލަކީ ކޮބައި ހެއްޔެވެ؟

ވަޒީފާއަށް މީހުން ބޭނުންވެގެން އިއުލާނެއް ކުރުމަށްފަހު 3 ދުވަސްވުމުން ބިދޭސީއަކު ގެންނަން އެދި ހުށަހަޅާއިރު ހަމަ އެންމެ ދިވެއްސަކުވެސް ވަޒީފާއަށް ކުރިމަތި ނުލާކަމަށް ބުނުމުން އެބަސްވެސް ޤަބޫލުކުރެއެވެ. ބޭރު މީހުން ގެންނަން ކޯޓާވެސް ދެއެވެ.

މިފަދަ ގިނަ މައްސަލަތަކެއް ހުރިއިރު މިއީ ވަރަށް ބޮޑަށް އިތުރަށް ވިސްނައިޖެހިފައިވާ ކަމެއް ކަމަށް ގިނަ ބައަކު ދެކެއެވެ. ދިވެހި ޒުވާނުންނަކީ ވަޒީފާއެއް އަދާކުރާ ބައަކަށް ހެދުމުގެ މުހިންމުކަން ކޮންމެ ސަރުކާރަކުންވެސް ފާހަގަކުރެއެވެ. ބައިލައްކައިން ލައްކައިން ވަޒީފާ އުފައްދާ ވާހަކަތަކާއި ވަޒީފާ ދޭ ކަމުގެ ވާހަކަތައްވެސް ދެކެވެއެވެ. ނަމަވެސް ރައްޔިތުންނަށް އެކަން އިޙްޞާޞްވާ އަދި ދިވެހި ރައްޔިތުންނަށް ވަޒީފާ ލިބޭ މިންވަރާއިމެދު އަބަދުވެސް އަންނަނީ ސުވާލުތައް އުފައްދަމުންނެވެ.

މި ބޮޑު މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ވަޒީފާއަށް އެދުމަށް ސަރުކާރުން އިދާރާއެއް ހަމަޖެއްސުން ކީއްތޯއެވެ! ކޮންމެހެން އެކަން ކުރަން އިތުރު މިނިސްޓްރީއެއް އުފައްދާކަށްވެސް ނުޖެހެއެވެ. އެކަން ކުރެވިދާނެ 3 މިނިސްޓްރީ އެބަހުއްޓެވެ. ޔޫތް މިނިސްޓްރީ އާއި ޕްލޭނިންގ މިނިސްޓްރީ އިކޮނޮމިކް މިނިސްޓްރީ ފަދަ ކޮންމެ މިނިސްޓްރީއެއްގައި ނަމަވެސް އެކަމަށް ޑެސްކެއް ޚާއްޞަކޮށްލައިގެންވެސް އެކަން ކުރެވިދާނެއެވެ.

އެފަދަ އިންތިޒާމެއް ހަމަ ޖެއްސުމުން ވަޒީފާއަށް އެދޭ އެންމެންނަށް ވެސް ވަޒީފާއަށް އެދި އެތަނަށް ހުށަހެޅިދާނެއެވެ. ސަރުކާރަށް ނަމަވެސް އަމިއްލަ ކުންފުނިތަކަށް ނަމަވެސް ފިހާރަތަކަށާއި ސައި ހޮޓާ، ރެސްޓޯރަންޓް ފަދަ ތަނަކަށް ނަމަވެސް އަދި ރިޒޯޓުތަކަށް ނަމަވެސް މުވައްޒިފުން ބޭނުންވާނަމަ އެފަދަ ވަޒީފާއަކަށް އެދިގެން ތިބި ބައަކު ތިބިތޯ އެތަނަކުން ބެލިދާނެއެވެ. އެއިރުން ކުންފުނިތަކުންނާއި ރިޒޯޓުތަކުން އެބުނާފަދައިން ހަމަ ދިވެއްސަކު ކުރިމަތިލާފައި ނެތްކަން ކޯޓާ ދޫކުރާ ފަރާތަށް ޔަޤީން ކުރެވޭނެއެވެ. އެގޮތުން ކަނޑައަޅާ އިދާރާއެއްގެ އެންޑޯޒްމަންޓް ނުވަތަ ބަހެއް ނެތި ކޯޓާ ދޫނުކޮށް ހިފެހެއްޓިދާނެއެވެ.

މިފަދަ އިންތިޒާމެއް ހަމަ ޖެއްސުމުން ވަޒީފާ ހޯދަން މާލެއަށް އަންނާކަށްވެސް ނުޖެހޭނެއެވެ. ރަށުގައި ހުރެގެން ވަޒީފާއަށް އެދެވޭނެއެވެ. ވަޒީފާ ހަމަޖެހުމުން އެމީހަކު މާލެ އަންނާނީ ސީދާ ވަޒީފާއަށެވެ. ނުވަތަ އެމީހަކު ދާނީ ސީދާ ރިޒޯޓަށެވެ. މާލޭގައި ހުރުމަށާއި ކެއިން ބުއިމަށް އަތުގައި ހުރި ލާރިކޮޅު ހުސްކުރާކަށް ވެސް ނުޖެހޭނެއެވެ.

ދިވެހި ސަރުކާރުން ރައްޔިތުންނަށް ހެޔޮ އެދޭނަމަ އަދި މި މައްސަލަތައް ހައްލުކުރަން ބޭނުންނަމަ އެންމެ އާދައިގެ މަސައްކަތު މީހާއަށްވެސް މަހަކު 30000 ރުފިޔާ ލިބޭ އަގުބޮޑު ރިޒޯޓުތަކުގައި ކުނިކަހަން ތިބޭނީ ބަންގާޅީންނެއް ނޫނެވެ. މުދާ ބާލަން ތިބޭނީ ވެސް ބަންގާޅީންނެއް ނޫނެވެ. ޑްރައިވަރުންނަށް ތިބޭނީ ބަންގާޅީންނެއް ނޫނެވެ. ދިވެހިންނެވެ.

އެއީ ހަމަ ޔަޤީން ކަމެކެވެ. މިއީ މިހާރުން މިހާރަށްވެސް ދިވެހިން ހަމަޖެއްސިދާނެ ވަޒީފާތަކެވެ. ނަމަވެސް އެކަން ކުރުމުގެ ބަދަލުގައި އަބަދުވެސް ސަރުކާރުން ދައްކަނީ މެނޭޖަރުކަން ކުރާނެ ދިވެހިން ނެތްކަމުގެ ވާހަކައެވެ.

މެނޭޖަރުކަން ކުރާނެ ދިވެހިންވެސް އެބަތިއްބެވެ. ހަމަޤައިމުވެސް މިބުނި މަސައްކަތްތަކަށް ދިވެހިން ހަމަޖައްސައި ނުދެނީ އެކަންކުރަން ނަގަން ޖެހޭ ޑިގްރީ އޮތް ބައަކު ނެތިގެނެއް ނޫނެއް ނޫންތޯއެވެ؟ މިހާރުން މިހާރަށް ވެސް ދިވެހިންނަށް ހޯދައިދެވެން ހުރި ވަޒީފާތައް ހޯދައި ނުދެނީ ކީއްވެގެންތޯއެވެ؟

ކަމެއް ކިރިޔާވެސް ބަލައިފިނަމަ އެނގެނީ ސަރުކާރާއި ރިޒޯޓުތަކާއި ވެފައިވާ އެއްބަސްވުމުގައިވާ އަދަދަށްވެސް ދިވެހި މުވައްޒިފުން ނުގެންގުޅޭ ކަމެވެ. އެޅޭ އެއްވެސް ފިޔަވަޅެއް އޮންނަ ކަމަކަށް ނުވެއެވެ. ނަމަވެސް ފިޔަވަޅު އަޅަން ސަރުކާރުން ބޭނުންވާ ކަންކަމުގައި އެޑްވާންސްކޮށް، ކުރިއަށްވެސް ފިޔަވަޅު އަޅައެވެ.

ސަރުކާރުގައި މިކަމަށް އިޚްލާޞްތެރިކަމެއް ހުރިނަމަ ފުރަތަމަ ދައްކަންވީ ދިވެހި މުވައްޒިފުން ގެންގޫޅޭތީ އިނާޔަތްދޭ ވާހަކައެއް ނޫނެވެ. ފުރަތަމަ ކުރަންޖެހޭ ކަމަކީ އެއްބަސްވުންތަކާއި އެއްގޮތަށް ވަޒީފާ ހަމަ ޖެއްސުވުމެވެ. އެކަން ކުރެވުނު ނަމަވެސް އެތައް ހާސް ދިވެހިންނަށް މިހާރުވެސް ވަޒީފާ ލިބިގެންދާނެއެވެ.

މިފަދަ އިންތިޒާމެއް ހަމަ ޖައްސަން އިތުރު މުވައްޒިފުންތަކެއްވެސް ސަރުކާރަށް ބޭނުމެއް ނުވާނެއެވެ. މިނިސްޓްރީތަކުގައި މިހާރު ތިބި މުވައްޒިފުން ބޭނުންކޮށްގެންވެސް މިފަދަ މަސައްކަތެއް ކުރެވިދާނެއެވެ. ބޭނުންވަނީ ހަމައެކަނި އިޚްލާޞްތެރިކަމާއިއެކު ކަމެއް ކުރުމުގެ ނިޔަތެވެ. މިއިން އެއްވެސް ކަމެއް ކުރަން މަޖިލީހުން ފާސްކުރާކަށް ނުޖެހެއެވެ. ވީމާ މަޖިލީހާއި ގުޅުވައިގެން ލަސްކުރުމުގެ އެއްވެސް ބޭނުމެއްވެސް ނެތެވެ. ސަރުކާރުން ކުރަން ބޭނުން ނަމަ މިއަދުން މިއަދަށްވެސް ކޮށް ނިނބްމައިލެވޭނެއެވެ!

މަސައްކަތް ކުރެވޭ ހާލަތުގައި ތިބި ބައަކު ލައްވައި އެއްވެސް މަސައްކަތެއް ނުކުރުވައި އެލަވަންސް ތަކާއި އިނާޔަތް ދައުލަތުން ދިނުމަކީ ރައްޔިތުން އިތުރަށް ކަންނެތްވާނެ ސަބަބެކެވެ. މިއީ ހުރިހާ ޤައުމެއްގައިވެސް މިކަންކަން މެދުވެރިވަމުން އަންނަ ގޮތެވެ. ވީމާ އެހެން ޤައުމުތަކުގެ ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރުން މުހިންމު ކަމަށް ފެނެއެވެ.

މިއަދު އޮންލައިން