"ޝައިޠާނާ އިންކާރުކުރީ އެންމެ ސަޖިދައަކަށް!- ތިބާ ކޮންމެ ދުވަހަކު ކިތައް ސަޖިދަ ނުކޮށް ދޫކޮށްލަމު ހެއްޔެވެ؟" މިއީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެކެވެ. ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.

ފަރުޟު ފަސް ނަމާދުކޮށް ދުވާލަކު 17 ސަޖިދަކުރަން އަމުރުފުޅު ކުރައްވަވާފައިވަނީ އާދަމްގެފާނަށް އެންމެ ސަޖިދައެއް ކުރައްވަން މަލާއިކަތްބޭކަލުންނަށާއި އިބިލީހަށްވެސް އަމުރުފުޅު ކުރެއްވެވި ﷲ ތަޢާލާއެވެ.
މީގެ އިތުރުންވެސް ވިސްނައިލަން ވަރަށް މުހިންމު ކަމެއް އެބައޮތެވެ! ﷲ ތަޢާލާގެ އަތްޕުޅުން އުފައްދަވައި ﷲ ތަޢާލާގެ ރޫޙްފުޅުން ފުރާނަ އެޅުއްވެވި އާދަމްގެފާނު ސުވަރުގެއިން ބޭރު ކުރައްވަވައި ބިމަށް ފޮނުއްވެވީ ﷲ ތަޢާލާގެ ހަމަ އެންމެ އަމުރުފުޅަކާއި ޚިލާފްވެވަޑައިގަތުމުންނެވެ. އަދި އެ ކުށުގެ ތައުބާ ޤަބޫލުފުޅު ކުރެއްވެވުމަށްވެސް ފަހުގައެވެ.
ކޮންމެ ދުވަހަކުހެން މިއަދު މީސްތަކުން ޚިލާފްވަމުން މިދަނީ ﷲ ތަޢާލާގެ ކިތައް އަމުރުފުޅަށްތޯއެވެ؟ ތައުބާވީނަމަވެސް ތައުބާ ޤަބޫލުފުޅު ކުރެއްވެވިކަން އެނގެނީ ކިހިނަކުންތޯއެވެ؟ އޮތީ ހަމައެކަނި އުންމީދު ކުރުން ނޫންތޯއެވެ؟ ވީއިރު ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވާން ފެށުން އަވަސްކުރަން ނުޖެހޭތޯއެވެ؟