"ނަމާދުކޮށް ނިމިގެން މުސައްލަމަތީގައި (ނަމާދުކުރި ތަނުގައި) އިނދެ ޛިކްރުކުރާނަމަ، އެތަނުގައި އެމީހަކު އިންހައިއިރަކު، (ވުޟޫމަތީގައި) އެމީހާގެ ފާފަ ފުއްސަވައި ދެއްވެވުމަށާއި އެމީހަކަށް ރަހްމަތް ލެއްވެވުން އެދި މަލާއިކަތުން ﷲ ތަޢާލާއަށް ދުޢާކުރައްވަވާނެތެވެ." މިއީ ޞަޙީޙް ބުޚާރީގައި ބަޔާންވެގްންވާ ކަމަކެވެ.
މި ޙަދީޘްފުޅުން އެނގެނީ ނަމާދު ނިމުމާއިއެކު ފުންމައިގެން ތެދުވެ އަވަހަށް މިސްކިތުން ނުކުންނަ މީހުންނަށް މަލާއިކަތުންގެ ދުޢާ ގެއްލިގެންދާނެ ކަމެވެ. ވީމާ އެމީހަކަށް އިނދެވެން އޮތްހައި ގިނަ އިރަކު ނަމާދުކުރި ތަނުން ނުތެދުވެ އިންނަންވާނެއެވެ. އެންމެ ކުޑަމިނުން ޛިކްރްތަސްބީޙަ ކިޔައިލެވެންދެން މަޑުކުރަންވާނެއެވެ. ތިބާގެ މައްޗަށް މަލާއިކަތުން ކުރައްވަވާ ދުޢާ ލިބޭނީ އެއިރުންނެވެ.
މިއީ ހަމައެކަކުވެސް ދޫކޮށްލައިގެން ވާނެ ފުރުޞަތެއް ނޫނެވެ. ތިބާ ޛިކްރްކޮށް ދުޢާކުރަމުން ގެންދާއިރު ތިބާއަށްޓަކައި މަލާއިކަތުންވެސް ގެންދަވާނީ ދުޢާކުރައްވަމުންނެވެ. ކިހައި ބޮޑު ރަޙްމަތެއް ހެއްޔެވެ؟ ނަމަވެސް ހިތާމައަކީ ބައެއް މީސް މީހުން ނަމާދުން އަވަދިވުމާއިއެކު ފުންމައިގެން ތެދުވެ މިސްކިތުން ނުކުންނަކަމެވެ. މިސްކިތުން ނުކުތުމަށްފަހު މީހުންނާއި ވާހަކަދައްކަން އެތައް އިރެއް ހޭދަކުރާކަމެވެ. ވީމާ ލިބެން ހުންނަ މަތިވެރި ނިޢްމަތްތައް ދޫކޮށް ނުލައި ފުރުޞަތުގެ ބޭނުން ހިފުމަށް ވަޞިއްޔަތް ކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން