އެހެންކަމުން، ޒީނަތްތެރިކަމަކީ ﷲ ގެ އަޅުތަކުން އިމްތިޙާނު ކުރެއްވުމަށްޓަކައި ލައްވާފައިވާ ކަމެކެވެ. އެއީ ﷲ އުފެއްދެވި ޒީނަތްތެރި ކަމަކަށްވިޔަސް އަދި މަޚްލޫގުން އަމިއްލަ އަށް އުފެއްދި ޒީނަތްތެރިކަމެއް ވިޔަސް ވެސް އެވެ.
(لِنَبْلُوَهُمْ) އެބައިމީހުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.
(أَيُّهُمْ أَحْسَنُ عَمَلًا) އެބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުތޯ ބެއްލެވުމަށެވެ.
މިތަނުގައި (أَكْثَرُ عَمَلًا) "އެންމެ ގިނައިން ޢަމަލު ކުރަނީ" ގެ ބަދަލުގައި (أَحْسَنُ عَمَلًا ) "އެންމެ ހެޔޮ ޢަމަލު ކުރަނީ" އޮތުމުގެ ޙިކްމަތަކީ ގިނައިން ކުރުމަށްވުރެ ބޮޑަށް ބޭނުންވަނީ ރަގަޅަށް ކުރުމެވެ. މިޘާލަކަށް މީހަކު ދަމު ނަމާދުގައި 4 ރަކްޢަތް ކުރަނީ، އެހެންނަމަވެސް، ޚުޝޫޢަތްތެރި ކަމެއް ނެތިއެވެ. އެހެން މީހަކު މި ކުރަނީ ދެރަކްޢަތެވެ. ނަމަވެސް ޚުޝޫޢަތްތެރި ކަމާއި އެކުގައެވެ. މި ޙާލަތުގައި ޚުޝޫޢަތްތެރި ކަމާއި އެކު ދެރަކްޢަތް ކުރި މީހާ މާބޮޑަށްވެސް ރަގަޅެވެ.
(وَإِنَّا لَجَاعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا ﴿٨﴾ ) ތިމަން ﷲ އިރާދަ ކުރައްވައިފިނަމަ، ބިންގަނޑުގައި ޢިމާރާތެއް، ގަހެއް ނުހުންނަ ފަދައިން ލައްވާހުށީހެވެ. ސޫރަތު ޠާހާގެ 105 އިން 107 އަށް ވަޙީ ކުރައްވާފައިވެއެވެ. (وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنسِفُهَا رَبِّي نَسْفًا ﴿١٠٥﴾فَيَذَرُهَا قَاعًا صَفْصَفًا ﴿١٠٦﴾لَّا تَرَىٰ فِيهَا عِوَجًا وَلَا أَمْتًا ﴿١٠٧﴾) މާނައަކީ: "އަދި އެއުރެން ފަރުބަދަތަކާމެދުގައި ކަލޭގެފާނާ ސުވާލުކުރެތެވެ. ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެތަކެތި ފުނޑުފުޑުކޮށްލައްވައި ބުރުއްސަވައިލައްވާނެތެވެ.ފަހެ، ގަހެއް ރުކެއްނެތް ހަމަބިމެއްގެ ގޮތުގައި އެކަލާނގެ އެ ބިން ދޫކުރައްވާނެތެވެ.އެ ބިމުން ގުދުކަމެއް ނުވަތަ އަޑިގުޑަންކަމެއް ތިބާޔަކަށް ނުފެންނާނެތެވެ." ވީމާ، އެތަކެއްޗަކީ ކުރިން ނުވާ އެއްޗެއްގެ ގޮތުގައި މާތް ﷲ ލައްވާނެތެވެ. ސޫރަތު ޔޫނުސްގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. (كَأَن لَّمْ تَغْنَ بِالْأَمْسِ) މާނައަކީ: "އެތަކެތި އިއްޔެ ނުވެސް ނެތްކަހަލައެވެ."
(أَمْ حَسِبْتَ أَنَّ أَصْحَابَ الْكَهْفِ وَالرَّقِيمِ كَانُوا مِنْ آيَاتِنَا عَجَبًا ﴿٩﴾)
(أَمْ) މިތަނުގައި ގެންނަވާފައި މިވަނީ ސުވާލެއްގެ ގޮތުގައެވެ. އެއީ މިވާހަކަ އަޑުއެހުމަށް ނަފްސުގެ ޝައުގުވެރިކަން ހޯއްދެވުމުގެ ބޭނުމުގައެވެ. ސަބަބަކީ މިއީ ޢަޖައިބުކުރުވަނިވި ޙަގީގީ ޙާދިޘާ އަކަށްވާތީވެއެވެ.
(حَسِبْتَ) ހީކުރީހޭ،
(الْكَهْفِ) ފަރުބަދައިގެ ތެރޭގައިވާ ހޮހޮޅަ
(وَالرَّقِيمِ) ލިޔެވިފައިވާ، ސަބަބަކީ މިބައިމީހުންގެ ވާހަކަ އެއްކޮޅުން އަނެއް ކޮޅަށް ހޮހޮޅައިގެ ތެރޭގައިވާ ހިލަގަނޑެއްގައި ވަނީ ލިޔެވިފައެވެ.
(كَانُوا) ކަހަފް ބާގައިގެ މީހުންނާއި، ހިލަގަނޑުގައި ލިޔެވިފައިވާ ވުން،
(مِنْ آيَاتِنَا عَجَبًا) މިއީ ﷲގެ ކައުނީ ހެކިތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.
(عَجَبًا) މިއީ ޙައިރާން ކުރުވަނިވި ޢަޖައިބު ވާހަކަ އެކެވެ. މިއީ ހަތް މީހުންނެވެ. އެމީހުންނާއި އެކުގައިވަނީ ކުއްތާ އެކެވެ. އެމީހުންގެ ރަށުގައި ޝިރްކުގެ ކަންތައްގަނޑު ބޮޑުވެފައިވުމުން އެކަމާ ހިތްހަމަ ނުޖެހިގެން މީސްތަކުންނާއި އެކަހެރި ވުމުގެ ގޮތުން އެމީހުން ދިޔައީ މި ހޮހޮޅަ އަށެވެ. އެމީހުންގެ ނަޞީބު ރަގަޅު ކަމުން މިހޮހޮޅާގައި އިންނަ ދޮރު އިރަކަށްވެސް އަދި ހުޅަނގަކަށްވެސް ނުވެއެވެ. ސަބަބަކީ ދޮރު އިރަށް އިންނަމަ އިރުއަރާވަގުތު އަވިން އެބައިމީހުން ހަލާކުވެގެން ހިނގައިދާނެއެވެ. އަދި ހުޅަނގަށް ދޮރުއިންނަމަ އިރު އޮއްސޭވަގުތުގައި އޭގެ ގެއްލުން އެބައިމީހުންނަށް ލިބިދާނެއެވެ. މިވާހަކަތައް ބަޔާންކޮށްދެއްވާ މި ސޫރަތުގެ 17 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَتَرَى الشَّمْسَ إِذَا طَلَعَت تَّزَاوَرُ عَن كَهْفِهِمْ ذَاتَ الْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ الشِّمَالِ وَهُمْ فِي فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ آيَاتِ اللَّـهِ ۗ مَن يَهْدِ اللَّـهُ فَهُوَ الْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُ وَلِيًّا مُّرْشِدًا ﴿١٧﴾ ) މާނައަކީ: "އިރުއަރައިގެން އަންނަހިނދު، އެއުރެންގެ ހޮހަޅައިގެ ކަނާތްފަރާތަށް، އިރު ލަނބާލައިގެންދާތީ، ތިބާއަށް ފެންނާނެތެވެ. އަދި އިރުއޮއްސެންދާހިނދު، ވާތްފަރާތަށް އެއުރެން ދޫކޮށް ފަހަނަޅައިދެއެވެ. އޭރު އެއުރެންވަނީ، ހޮހަޅައިގެ ތަނަވަސް ތަނެއްގައެވެ. އެކަންތައްވަނީ، اللَّهގެ آيةތަކުގެތެރެއިންނެވެ. اللَّهތެދުމަގު ދެއްކެވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކީ ތެދުމަގު ލިބިފައިވާ މީހެކެވެ. އަދި އެކަލާނގެ މަގުފުރައްދަވައިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކާނޭ އެހީތެރިޔަކު ތިބާޔަކަށް ނުފެންނާނެތެވެ."
(إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴿١٠﴾)
މިވާހަކަ ފެށެނީ މިހިސާބުންނެވެ.
(إِذْ أَوَى الْفِتْيَةُإِلَى الْكَهْفِ) "އެ ޒުވާނުން، އެ ހޮހަޅަޔަށް ވަންހިނދު، ހަނދުމަކުރާށެވެ!" މައްކާގެ ގުރައިޝުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް މިކަމާއި ގުޅޭ ގޮތުން ސުވާލު ކުރިމަތި ކުރުވިއެވެ. އެކަލޭގެފާނަކީ ކުރީގެ ފޮތްތައް ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެއް ނޫނެވެ. ސޫރަތުލް ޢަންކަބޫތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ ﴿٤٨﴾ ) މާނައަކީ: " އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، كافرން شكކުރީހެވެ"
ވީމާ، އެކަލޭގެފާނަށް ވަޙީގެ ޛަރީޢާއިން މެނުވީ އެވާހަކަތައް އެބައިމީހުންނަށް ކިޔައިދެއްވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ވުމާއިއެކު، އެބައިމީހުން މިވާހަކައިން ސުވާލު ކުރުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޖަވާބަކަށްވީ، ވަޙީ އައުމުން ޖަވާބު ދެއްވާނެ ކަމެވެ. ދެންފަހެ، މާތް ﷲ އެކަލާންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ވަޙީބާވާލައްވާ މިވާހަކަތައް ބަޔާން ކޮށްދެއްވިއެވެ.
(الْفِتْيَةُ) މިއީ "ފަތާ" މިލަފްޡުގެ ޖަމްޢުއެވެ. އެއީ ފުރާފުރިހަމަވެފައިވާ ޢަޒުމްވަރުގަދަ ޒުވާނާއެވެ.
(إِذْ أَوَى الْفِتْيَةُإِلَى الْكَهْفِ) އެ ޒުވާނުން އެމީހުންގެ ގައުމު ދޫކޮށް، ހޮހޮޅަ އަށް އައީ އެމީހުންގެ ރަށުގައި ޢާއްމުވެފައިވާ ޝިރްކުގެ ވަބާ އެބައިމީހުންނަށް ޖެހިދާނެކަމަށް ބިރުންނެވެ.
(فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً) " ފަހެ، އެ ޒުވާނުން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرةން އަޅަމެންނަށް رحمةއެއް ދެއްވާނދޭވެ!"
(فَقَالُوا) އެބައިމީހުން ބުންޏެވެ.
(رَبَّنَا) ހައްދަވާ ގެންގުޅުއްވާ އިލާހެވެ.
(آتِنَا) އަޅަމެންނަށް ދެއްވާފާންދޭވެ.
(مِن لَّدُنك ) އިބަ ﷲ ގެ ޙަޟްރަތުން،
(رَحْمَةً) އިބަ ﷲ ގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތް ލައްވާފާންދޭވެ. އަބޫބަކުރު ރަޟިޔަﷲ ޢަންހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. "ނަމާދުގައި ކޮށްލާނެ ރަގަޅު ދުޢާ އެއް ދަސްކޮށްދެއްވާށެވެ." އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ކިޔާށެވެ. (اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ. فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ، وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيم)މާނައަކީ: "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން، މިއަޅާވަނީ މިއޅާގެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް އަނިޔާވެރިވެފައެވެ. އިބަ ﷲ މެނުވީ ފާފަފުއްސަވާ ފަރާތެއް ނުވެއެވެ. އިބަ ﷲގެ ޙަޟްރަތުން މިއަޅާގެ ފާފަ ފުއްސަވާ މިއަޅާ އަށް ރަޙްމަތްލައްވާފާންދޭވެ. ހަމަކަށަވަރުން، އިބަ ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ."
(وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا)" އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!"
- ނުނިމޭ -