ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 3

މިއަދު
ކިޔުމަށް ހޭދަވާނީ 18މ 42ސ
ސޫރަތުލް ކަހްފި ގެ ތަފްސީރު‍‍‍ 3

ނަރަކަވަންތަވެރިން އެތަނުގައި ދެމިތިބޭނެ ކަން އަންގަވާ ކީރިތި ގުރްއާނުގެ ތިން ތަނެއްގައި އެވާހަކަ އަންގަވާފައިވެއެވެ. އެތިން ތަނަކީ:

-  ސޫރަތުއް ނިސާގެ168 އަދި 169 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ كَفَرُوا وَظَلَمُوا لَمْ يَكُنِ اللَّـهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا ﴿١٦٨﴾إِلَّا طَرِيقَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ۚ وَكَانَ ذَٰلِكَ عَلَى اللَّـهِ يَسِيرًا ﴿١٦٩﴾) މާނައަކީ: "ހަމަކަށަވަރުން، كافرވެ އަދި އަނިޔާވެރިވި މީހުންނަށް، اللَّهފާފައެއް ނުފުއްސަވާނެތެވެ. އަދި، އެއްވެސް މަގަކަށް އެއުރެންނަށް އެކަލާނގެ މަގެއް ނުދައްކަވާނެތެވެ. ނަރަކައިގެ މަގަށް މެނުވީއެވެ. އެއުރެން އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެކަންތައް اللَّهއަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ."

-  ސޫރަތުލް އަޙްޒާބްގެ 64 އަދި 65 ގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّ اللَّـهَ لَعَنَ الْكَافِرِينَ وَأَعَدَّ لَهُمْ سَعِيرًا ﴿٦٤﴾خَالِدِينَ فِيهَا أَبَدًا ۖ لَّا يَجِدُونَ وَلِيًّا وَلَا نَصِيرًا ﴿٦٥﴾  ) މާނައަކީ: "ހަމަކަށަވަރުން، اللَّه، كافرންނަށް لعنةލެއްވިއެވެ. އަދި އެއުރެންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ. އެތާނގައި އެއުރެންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ نصرދޭނޭ މީހަކުވެސް އެއުރެން ނުދެކޭނެތެވެ."

-  ސޫރަތުލް ޖިންނިގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَعْصِ اللَّـهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ﴿٢٣﴾  ) މާނައަކީ: "اللَّهއަށާއި، އެކަލާނގެ رسولއާއަށް އުރެދޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ."

ސުވަރުގެ އާއި ނަރަކަ މިހާރުވެސް ވަނީ ތައްޔާރުވެގެން ކަން އަންގަވާ ސޫރަތު އާލުޢިމްރާންގެ 133 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. ( وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾) މާނައަކީ: "އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرةން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوىވެރިންނަށެވެ."

ސޫރަތުލް ބަގަރާގެ 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (فَإِن لَّمْ تَفْعَلُوا وَلَن تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ ۖ أُعِدَّتْ لِلْكَافِرِينَ ﴿٢٤﴾) މާނައަކީ: "ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ - އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. - (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافرންނަށްޓަކައެވެ." 

(وَيُنذِرَ الَّذِينَ قَالُوا اتَّخَذَ اللَّـهُ وَلَدًا ﴿٤﴾  )"އަދި اللَّه،ދަރިކަލަކު ހިއްޕެވިކަމަށް ބުނިމީހުންނަށް إنذارކުރެއްވުމަށްޓަކައެވެ."

މި އާޔަތުގައި މިވަނީ ކުރީ އާޔަތުގައި ބަޔާން ނުކުރައްވާ ދޫކޮށްލެއްވި ބައެއް ކަންތައްތަކުގެ ތަފްޞީލެވެ. މަސީޙު ޢީސާ އަކީ ﷲ ގެ ދަރިކަލެއް ކަމަށް ބުނަމުން އައި ނަޞާރާ އިންނަށާއި، ޢުޒައިރު އަކީ ﷲ ގެ ދަރި އެއް ކަމުގައި ބުނަމުން އައި ޔަހޫދީންނަށް، އަދި މަލާއިކަތުންނަކީ ﷲ ގެ އަންހެން ދަރިން ކަމުގައި ބުނަމުން އައި މުޝްރިކުންނަށް ވަރުގަދަ އިންޛާރެއް ދެއްވާފައެވެ.

(مَّا لَهُم بِهِ مِنْ عِلْمٍ)"އެއުރެންނަކަށްވެސް، އަދި އެއުރެންގެ ކާބަފައިންނަކަށްވެސް (އެއުރެން އެބުނާ ބަހާމެދު) އެއްވެސްعلمއެއް ލިބިފައެއް ނުވެއެވެ." އެބަހީ ﷲ އަށް ދަރިކަލަކު ވާ ކަމަށް އެބައިމީހުން ބުނާ ބުނުމުގައި އެބައިމީހުންނަށް ޢިލްމެއް ނެތެވެ.

(وَلَا لِآبَائِهِمْ) އެބައިމީހުން ބުނި ފަދައިން ބުނި (ﷲ އަށް ދަރިކަލެއްވާ ކަމަށްބުނި) އެބައިމީހުންގެ ކާބަފައިންވެސް.

(كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَاهِهِمْ )އެބައިމީހުންގެ އަނގައިން އެބޭރު ކުރަނީ ހާދަހާވާ ބޮޑު ބަހެކެވެ. ސޫރަތު މަރްޔަމްގެ 90 އިން 93 ގެ ނިޔަލަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا ﴿٩٠﴾أَن دَعَوْا لِلرَّحْمَـٰنِ وَلَدًا ﴿٩١﴾وَمَا يَنبَغِي لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا ﴿٩٢﴾إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَـٰنِ عَبْدًا ﴿٩٣﴾  ) މާނައަކީ: "އެކަމުގެ ސަބަބުން، އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް،ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. އެއީرحمنވަންތަ ރަސްކަލާނގެއަށް ދަރިކަލަކުވާކަމަށް އެއުރެންގޮވުމުގެ ސަބަބުންނެވެ.ފަހެ، ދަރިކަލަކު ހިއްޕެވުން رحمنވަންތަ ރަސްކަލާނގެއަށްއެކަށީގެނެއް ނުވެއެވެ.رحمنވަންތަ ރަސްކަލާނގެ حضرةއަށް އަޅެއްގެ ގޮތުގައި ނާންނާނޭހަމައެކަކުވެސް، އުޑުތަކުގައްޔާއި، ބިމުގައި ނުވެތެވެ."

(تَخْرُجُ مِنْ أَفْوَاهِهِمْ) " އެއުރެންގެ އަނގަތަކުން އެނުކުންނަ ބަހެއްގެ ބޮޑުކަމާއެވެ!"

މި ޖުމްލައިން ދޭހަވަނީ އެބައިމީހުން އެބުނާ ބުނުމެއް ބުނަނީ ހިތުން ޔަގީންކޮށްގެން ނޫން ކަމެވެ. ސަބަބަކީ ﷲ އަށް ދަރިޔަކު ވާކަމަށް ބުއްދި ހުރި މީހަކު ނުބުނާނެއެވެ. ސަބަބަކީ މިދަރިޔަކީ އާދައިގެ އިންސާނެއް ނަމަ، އޭނާ ކާށާއި، ބޯން، އަދި ހެދުން ލާން ބޭނުންވާނެއެވެ. ބަނޑުހައިވުމާއި ހަރުހިއްކުމާއިވެސް ކުރިމަތިވާނެއެވެ. އަދި އެނޫންވެސް އިންސާނުންނަށް ކުރިމަތިވާ ހުރިހާ ކަމެއް ކުރިމަތިވާނެއެވެ. ވީމާ، އެހުރިހާ ކަމެއް ބޭނުންވާ ދަރިކަލަކު، ﷲ އަށް ލިބިގެންވުން އެއީ މުސްތަޙީލު ކަމެކެވެ.  އެހެންވެ، އެބައިމީހުންގެ ވާހަކަތަކަށް ރައްދު ދެއްވާ ވަޙީ ކުރެއްވިއެވެ.

(إِن يَقُولُونَ إِلَّا كَذِبًا) "އެއުރެން އެ ބުނަނީ، ދޮގެއްކަމުގައިނޫނީ ނުވެއެވެ."

މިތަނުގައި (إِن) ގެންނަވާފައިވަނީ ( ما) އައްނާފިޔާގެ ގޮތުގައެވެ. އެކަން ބޮޑަށް ދޭހަވަނީ ފަހަތަށް (إِلَّا)"މެނުވީ" ގެންނަވާފައިވުމުންނެވެ. ސޫރަތު ފާޠިރުގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنْ أَنتَ إِلَّا نَذِيرٌ ﴿٢٣﴾  ) މާނައަކީ: "إنذارކުރައްވާ ބޭކަލަކު ކަމުގައި މެނުވީ ކަލޭގެފާނު ނުވެތެވެ."

ސޫރަތުލް މާއިދާގެ 110 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَقَالَ الَّذِينَ كَفَرُوا مِنْهُمْ إِنْ هَـٰذَا إِلَّا سِحْرٌ مُّبِينٌ ﴿١١٠﴾ ) މާނައަކީ: "ފަހެ، އެއުރެންގެ ތެރެއިން كافرވި މީހުން ބުނޫއެވެ. މިކަންތައްތަކަކީ، ފާޅުވެ بيانވެގެން ހުރި ޖާދޫކަމުގައި ނޫނީ ނުވެއެވެ."

މި ހުރިހާ ތަނެއްގައިވެސް (إِن) ގެންނަވާފައިވަނީ ( ما) އައްނާފިޔާގެ ގޮތުގައެވެ.

(كَذِبًا ) ދޮގު، ދޮގަކީ ޙަގީގަތާއި ޚިލާފަށް ވާހަކަ ދެއްކުމެވެ.  ޙަގީގަތާއި އެއްގޮތަށް ވާހަކަ ދެއްކުމަކީ ތެދުބުނުމެވެ. މިޘާލަކަށް: "މިވެނި މީހަކު އަތުވެއްޖެޔޭ" ބުނާ އިރު އެމީހަކު ނާންނަ ކަމަށް ވަނީނަމަ އެހެދެނީ ދޮގެކެވެ. އެއީ ޙަގީގަތް އެނގިގެން ބުނި އެއްޗެއް ނަމަވެސް ނުވަތަ ނޫންނަމަވެސް އެވެ. އޭގެ ދަލީލަކީ ސުބައިޢިއްޔަތުލް އަސްލަމީ ރަޟިޔަﷲ ޢަންހާގެ ވާހަކަ އެވެ. އެކަމަނާ ބަލިވެ އިންނަވަނިކޮށް ފިރިކަލުން އަވާހަރަވިއެވެ. ފިރިކަލުން ނިޔާވިތާ ކުޑަދުވަސްކޮޅެއް ތެރޭގައި ރައްކާވެވަޑައިގެންފިއެވެ. އެހިސާބުން އެކަމަނާ ޙިދާދު ހެދުން ދޫކޮށްލައްވާ، ކައިވެނި ކުރުމަށް ޓަކައި ޒީނަތްތެރިވެ ވަޑައިގަތެވެ. މިގޮތަށް މިކަންވެފައިވަނިކޮށް އެއްދުވަހަކު އަބުއްސަނާބިލް އެކަމަނާގެ ގާތުގައި ވިދާޅުވިއެވެ. "ހަތަރު މަހާއި ދިހަ ދުވަސް ވުމުން މެނުވީ ކަމަނާ ޙިދާދުގެ ހެދުންކޮޅު ދޫކޮށް ނުލެވޭނެއެވެ." ސަބަބަކީ އެކަމަނާގެ ފިރިކަލުން ނިޔާވިތާ 40 ދުވަސް ނުވަނީސް އެކަމަނާ ރައްކާވެ ވަޑައިގެންފިއެވެ. އަބުއްސަނާބިލް އަށް ހީފުޅުވެފައި އޮތީ ޢިއްދާގައި އިންނަން ޖެހޭނީ އެންމެ ދިގު މުއްދަތަށް ކަމަށެވެ. އެހެންވެ، އެކަމަނާ އަލުން ޙިދާދުގެ ހެދުންކޮޅު ތުރު ކުރައްވައިގެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގޮސް އެވާހަކަތައް ދެންނެވިއެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އަބުއްސަނާބިލް އިތުރުފުޅު ހައްދަވައިފިއެވެ." މިތަނުގައި އަބުއްސަނާބިލް ހީފުޅު ކުރެއްވީ ދިގު މުއްދަތަށް ޢިއްދާގައި އިންނަން ޖެހޭނެ ކަމަށެވެ. އެހެންވެ، އެކަމަށް ރިޢާޔަތް ކުރައްވާ އެކަލޭގެފާނު އެހެން ވިދާޅުވީއެވެ. ކޮންމެ އަކަސް އަބުއްސަނާބިލް އަށް އެނގިވަޑައިނުގެން ނަމަވެސް ޙަގީގަތާއި ޚިލާފަށް ވިދާޅުވުމުން އެކަން ވެފައި އެވަނީ "ދޮގަކަށެވެ."

(فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلَىٰ آثَارِهِمْ إِن لَّمْ يُؤْمِنُوا بِهَـٰذَا الْحَدِيثِ أَسَفًا ﴿٦﴾ )

(فَلَعَلَّكَ) މުޚާޠަބު ކުރައްވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ.

(بَاخِعٌ نَّفْسَكَ) ކަލޭގެފާނުގެ ނަފްސު ހަލާކުކޮށްލަނީތޯއެވެ.

(عَلَىٰ آثَارِهِمْ) އެބައިމީހުން މޫނު އަނބުރާލާ ދިޔަކަންމައްޗަށް،

(إِن لَّمْ يُؤْمِنُوا بِهَـٰذَا الْحَدِيثِ) އެބައިމީހުން މިގުރްއާނަށް އީމާންނުވި ކަންމައްޗަށް،

(أَسَفًا) ހިތާމަ

އެބައިމީހުން މިގުރްއާނުގެ އާޔަތްތަކަށް އީމާންނުވެ މޫނު އަނބުރާލާފައި ދިޔަކަމަށް ޓަކައި ހިތާމަކޮށް، ކަލޭގެފާނުގެ ނަފްސު އެކަމަށްޓަކައި ހަލާކު ކުރައްވަނީތޯއެވެ؟ އެހެން ނުހައްދަވާށެވެ. އެބައިމީހުން އިޖާބަނުދީ ފުރަގަސް ދިނުމަކުން ކަލޭގެފާނުގެ މައްޗަށް ފާފަ އެއް ނެތެވެ. ކަލޭގެފާނުގެ މައްޗަށް އޮތް ކަމަކީ އެބައިމީހުންނާއި ހަމައަށް މި އާޔަތްތައް ފޯރުކޮށްދެއްވުމެވެ. ސޫރަތުއް ރަޢްދުގެ 40 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ) މާނައަކީ: " ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ (މީސްތަކުންނަށް) އިއްވެވުމެވެ. އަދި حسابބެއްލެވުންވަނީ، ތިމަންރަސްކަލާނގެއަށެވެ."

(إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا ﴿٧﴾)

(جَعَلْنَا) ތިމަން ﷲ ލެއްވީމޭ،

(جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا ) ބިންމަތީގައިވާހާ އެއްޗެއް ތިމަން ﷲ ލައްވާފައިވަނީ ބިންގަނޑުގެ ޒީނަތަކަށްޓަކައެވެ. އެއީ މީސްތަކުން އިމްތިޙާނު ކުރެއްވުމަށެވެ. އެމީހުން އަޅައިގަންނަނީ އެ ޒީނަތްތެރިކަމަށްތޯ، ނުވަތަ އެ ޒީނަތްތެރިކަން ލެއްވި ފަރާތަށްތޯ ބައްލަވާ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. މީސްތަކުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަކު ޒީނަތްތެރިކަމާއި ގުޅިގަނެއެވެ. އަނެއްބަޔަކު އެޒީނަތްތެރިކަން ޚަލްގު ކުރެއްވި އިލާހާއި ގުޅެއެވެ. މިކަން ބަޔާން ކުރައްވާ ސޫރަތުލް އަޢްރާފްގެ 175 އިން 176 އަށް ވަޙީ ކުރައްވާފައިވެއެވެ. (وَاتْلُ عَلَيْهِمْ نَبَأَ الَّذِي آتَيْنَاهُ آيَاتِنَا فَانسَلَخَ مِنْهَا فَأَتْبَعَهُ الشَّيْطَانُ فَكَانَ مِنَ الْغَاوِينَ ﴿١٧٥﴾وَلَوْ شِئْنَا لَرَفَعْنَاهُ بِهَا وَلَـٰكِنَّهُ أَخْلَدَ إِلَى الْأَرْضِ وَاتَّبَعَ هَوَاهُ ۚ فَمَثَلُهُ كَمَثَلِ الْكَلْبِ إِن تَحْمِلْ عَلَيْهِ يَلْهَثْ أَوْ تَتْرُكْهُ يَلْهَث ۚ ذَّٰلِكَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِنَا ۚ فَاقْصُصِ الْقَصَصَ لَعَلَّهُمْ يَتَفَكَّرُونَ ﴿١٧٦﴾ ) މާނައަކީ: " ތިމަންރަސްކަލާނގެ آيةތައް އެމީހާއަށް ލިބިދެއްވުމުން، އެއިން ވަކިވެގަތް މީހާގެخبرކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! ދެން شيطانއާ އޭނާގެ ފަހަތުންދިޔައެވެ. ފަހެ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން އޭނާ ވިއެވެ. ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، އެ آيةތަކުގެ ސަބަބުންއޭނާ މަތިވެރި ކުރެއްވީމުހެވެ. އެހެނެއްކަމަކު، އޭނާ ބިމަށް ލެނބިގަތެވެ. އަދިއޭނާގެ އަމިއްލަ އެދުމަށް تبعވިއެވެ. ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލުފަދައެވެ. އެއަށް حملةދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތައޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ތިމަންރަސްކަލާނގެ آيةތައްދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ، ކަލޭގެފާނު ވާހަކަތައްކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކައެވެ."

- ނުނިމޭ -

މިއަދު އޮންލައިން