އެންމެ ބޮޑު އަމާޒަކީ ފެންވަރު ރަގަޅު ޚިދްމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެމް.ޑަބްލިޔު.އެސް.ސީ ގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާދަމް ޢާޒިމް މިމޭރުމުން ވިދާޅުވީ އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސްގެ ޚިދުމަތްތައް ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި ގެނެސްފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމަށް މިއަދު އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސާވިސް ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އަދަމް ޢާޒިމް ވިދާޅުވީ އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށްޓަކައި ކުންފުނިން ދެމުންގެންދާ ފެނާއި ނަރުދަމާގެ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށެވެ. އަދި މިގޮތުން ކުންފުނީގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ކަސްޓަމަރ ކެއަރސެންޓަރެއް މިހާރު ގާއިމްކުރެވި، މިސެންޓަރގެ ޚިދުމަތް ސައުވީސް ގަޑިއިރށް ވަނީ ދޭން ފެށިފައި ކަމަށެވެ. މި ކެއަރ ސެންޓަރ ހޮޓްލައިން 105
މެދުވެރިކޮށް ޚިދުމަތްތަކާއި ގުޅޭގޮތުން ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ބެލުމަށް ފަހު، އެމައްސަލަތަކަށް އަވަސް ހައްލެއް ފޯރުކޮށްދެވިގެންދާނެ ކަމަށާއި އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަ ގޮތްތަކެއް ހޯދައިދެވި، ކަސްޓަމަރުންނާއި
އެމް.ޑަބްލިޔު.އެސް.ސީ އާއި ދެމެދުގައި ކުރިއަށްވުރެ ގާތް އަދި ރަޙްމަތްތެރި ގުޅުމެއް ޤާއިމް ކުރެވިގެންދާނެކަމަށެވެ.
މިކުންފުނީގެ ޚިދުމަތްތައް ލުއިފަސޭހަކޮށް ފޯރުކޯށްދިނުމަށްޓަކައި "އެމް.ޑަބްލިޔު.އެސް.ސީގެ އެޕް" ގެ ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފް ކުރެވިފައިވާއިރު މިއެޕްލިކޭޝަންގެ ސަބަބުން ކަސްޓަމަރުންނަށް ކިޔުގައި މަޑުނުކޮށް ފަސޭހަ ކަމާއެކު ފެންބިލަށް ފައިސާ ދެއްކޭނެ މަގު ވަނީ ފަހިވެފައެވެ. އަދި މީގެ އިތުރުން އެޕް މެދުވެރިކޮށް ފާއިތުވި މަސްތަކުގެ ފެންބިލް ބެލުމުގެއިންތިޒާމް ވެސް ވަނީ ތަޢާރަފް ކުރެވިފެއެވެ.
މި ބައްދަލުވުމުގައި މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައިމިއަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފެނާއި ނަރުދަމާއާއި ގުޅުން ހުރި ޚިދުމަތްތައް ހޯދުމަށް އެދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. މިބަދަލުތަކާއެކު ކަސްޓަމަރުން މިކުންފުނީގެ ކަސްޓަމަރ ސަރވީސް ކައުންޓަރަށް އައުމުގެ ބަދަލުވެ،ކޮންމެ ތަނެއްގައި ހުރެގެންވެސް ކުންފުނީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ. އަދި ކަނޑައަޅެފިވާ މުއްދަތަށް ފެން ބިލަށް ފައިސާ ނުދެއްކިގެން ފެނުގެ ޚިދުމަތް ކަނޑާލެވޭ ފަރާތްތަކުން ފެން ބިލަށް ފައިސާ ދައްކާތާ 30 މިނެޓް ތެރޭގައި ފެނުގެ ޚިދުމަތް އަލުން ގުޅާއިދިނުމަށް މަސައްކަތް ކުރަމުންދާނެއެވެ. މީގެ އިތުރުން ޕީކް ގަޑިތަކުގައި ފެނުގެ ޕްރެޝަރ ދައްވާ މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން ފެނުގެ ވިޔުގަ އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކުރިއަށްދާކަމާއި، މާލޭގެ ގޭބީސީތަކުގައި ހަރުކޮށްފައިވާ ގިނަދުވަސްވީ ފެން މީޓަރުތައް ބަދަލުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މާލޭގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރެވެންޓިވް މެއިންޓެނެސް ޕްރޮގުރާމްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ނަރުދަމާގެ ވިޔުގަ ސާފުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން މެނޭޖިންގ ޑިރެކްޓަރގެ ވަހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މިޕްރޮގްރާމުގެ ދަށުން އަހަރަކު އެއްފަހަރު މުޅި ނަރުދަމާގެވިޔުގަ އެއްކޮށް ސާފުކުރެވި، މަގުމަތިން ނަޖިސް އެރުމުގެ މައްސަލައަށް ލުޔެއް ލިބިގެންދާނެ ކަމަށާއި އަދި ހަމައެހެންމެ، މިމައްސަލަ ޙައްލުކުރުމަށްޓަކައި ނަރުދަމާގެ ވިޔުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް މެނޭޖިންގ ޑިރެކްޓަރ ފާހަގަކުރެއްވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ ޚިދުމަތްތަކަށް 23 އަހަރު ފުރިފައިވާއިރު، ކުންފުނިން ފޯރުކޮށްދޭ ފެނާއި ނަރުދަމާ އަދި އިންޖިނިޔަރިންގ މަސައްކަތްތަކަކީ، މިއަދު މިދާއިރާގައި ފޯރުކޮށްދެވޭ ފެންވަރު ރަނގަޅު ޚިދުމަތްތަކެކެވެ. މީގެ އިތުރުން މެނިފެކްޗަރިންނާއި އަދި ޓްރޭޑިން ގެ ޚިދުމަތް ވެސް ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.