އެހެން ދީނެއްގެ މީހަކު އިސްލާމް ވުމުން އެމީހެއްގެ ކުރީގެ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ފުއްސަވައި ދެއްވަވައެވެ. އެހެންކަމުން އަލަށް އިސްލާމް ވުމާއި އަލުން އިސްލާމް ވުމުގެ މާނަ ބައެއް މީހުންނަށް އޮޅެއެވެ.
"އިސްވެ ދިއަ ހުރިހާ ފާފަތަކެއް ފޮހެލުމަށްޓަކައި އަހަރެން އިސްލާމް ދީން ދޫކޮށްލުމަށްފަހު އަލުން އެނބުރި އިސްލާމް ދީނަށް ވަންނަން ހެއްޔެވެ؟" މިއީ ބައެއް މީހުންގެ ހިތުގައި އުފެދޭ ވަރަށް ނުބައި ސުވާލެކެވެ. މިސުވާލު ނުބައި ސުވާލަކަށްވާ ސަބަބަކީ އެހެން ދީނެއްގައި ހުރި މީހަކު އަލަށް އިސްލާމް ދީނަށް ވަނުމާއި އިސްލާމަކު ދީނުން ބޭރުވެފައި ވަނުމަކީ މުޅިން ތަފާތު ދެ މައްސަލައަކަށްވާތީއެވެ.
އިސްލާމް ދީނުގައި ހުރި މީހަކު ފާފަ ފުއްސަވައި ދެއްވެވުން އެދި އިސްލާމް ދީނުން ބޭރުވުމެއް ނެތެވެ. އެހެނީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އޮތީ ތައުބާވުމެވެ. އަބަދުވެސް ބުނަމުން މިގެންދާ ފަދައިން އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް އެދި ދުޢާ ކުރުމެވެ. ހަމައެޢާއިއެކު އިތުރު ފާފައެއް ނުކުރުމަށް އަޒުމްކަނޑައަޅައި އެކަމަށް މަސައްކަތް ކުރުމެވެ.
އަހަރެމެން މުސްލިމުންނަކީ ފާފައެއް ކުރެވިގެން މާޔޫސްވާން ޖެހެންވީ ބައެއް ނޫނެވެ! އަހަރެމެން ފާފަކުރުން ހުއްޓާލައި ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފެށުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ ލިބެމުންނެވެ. ތައުބާވެ އަހަރެމެންގެ ހެޔޮ އަމަލުތައް އިތުރުކުރުމުން އަހަރެމެންނަށް ކުރިން ކުރެވުނު ހުރިހާ ފާފަތަކެއް އެއީ އަހަރެމެންނަށް ކުރެވުނު ހެޔޮ އަމަލުތައް ކަމަށްވެސް ﷲ ތަޢާލާ އެބަ ބަދަލުކޮށް ދެއްވަވަތެވެ! މަސައްކަތް ކުރަންވީ އެފަދަ މީހުންގެ ތެރެއިން ވުމަށެވެ. އެކަމަށް ގަދައަޅައި މަސައްކަތް ކުރުމާއިއެކު އެފަދަ މީހަކު ކަމުގައި ލައްވަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން