ޢިބްރަތުން ފުރިފައިވާ 2 ކަތީބުންގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޢިބްރަތުން ފުރިފައިވާ 2 ކަތީބުންގެ ވާހަކަ!

އެކުގައި މަސައަކަތްކުރި ދެ ކަތީބުންނެވެ. އިތުރު ޢާމްދަނީ ހޯދަން ބޮޑު ކަތީބު ކުރާ މަސައްކަތަކީ އޮފީސް ވަގުތު ނިމުމުން ކަނބުރުގެއަށްވަދެ މަސްވެރިން ބޭނުންވާ ބުޅި ޖެހުމުގެ މަސައްކަތެވެ. ކުޑަކަތީބު އިތުރު އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ މީސްމީހުންގެ އަތުން ފައިސާ ހޯދައިގެން އެމީހުން އެދޭކަންކަން އަވަހަށް ނިންމައި ދިނުމެވެ. 

ދެކަތީބުންގެ ދިރިއުޅުމުގެ ފެނަވަރު ވަރަށް ތަފާތެވެ. ބޮޑުކަތީބަށް އަބަދުވެސް އުޅެން ޖެހުނީ އަސާސީ ބޭނުންތައް ވެސް ނުފުއްދިގެންނެވެ. ނަމަވެސް ކުޑަކަތީބު ދިރިއުޅެމުން ދިއައީ ތަނަވަސްކަމާއިއެކުގައެވެ. ބޮޑު ކަތީބު އެކަމާއި ކަންބޮޑެއް ނުވެއެވެ. ބޮޑުކަތީބުގެ އަޒުމަކީ ހަލާލް ނޫން ގޮތުގައި އެންމެ ރުފިޔާއެއްވެސް ބޭނުން ނުކުރުމެވެ. އެހެންކަމުން ބޮޑުކަތީބު އަބަދުވެސް ހުރީ ހިތްހަމަ ޖެހިގެންނެވެ. 

އެއްފަހަރަކު ބޮޑުކަތީބު ޗުއްޓީއެއް ނަގައިގެން މާލެ އަންނަން ޖެހުމުން ކުޑަކަތީބާއި އޮފީސް ހަވާލުކުރިއެވެ. ޗުއްޓީ ނިމިގެން ގޮސް އަލުން އޮފީހާއި ހަވާލުވާނަވެގެން ބެލިއިރު ތިޖޫރީން 60000 ރުފިޔާ މަދުވެއެވެ. އެ ޒަމާނުގައި އެއީ ވަރަށް ބޮޑު އަދަދެކެވެ. ފައިސާއަށް ވީގޮތް ކުޑަކަތީބަށް ބުނެއެއް ނުދެވުނެވެ. އެހިސާބުން ޖެހުނީ އަތޮޅު އޮފީހަށް ހުށަހަޅައިގެން މައްސަލަ ބަލާށެވެ.

ކުޑަކަތީބުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރަށް އަރުވާލަން ޙުކުމް ކުރިއެވެ. ދިރިއުޅުނު މުއްސަނދިކަން ގެއްލި ދިއައީއެވެ. އަނބިދަރިންވެސް ނިކަމެތިވީއެވެ. އެ ޒަމާނުގައި މިފަދަ މައްސަލައެއްގައި ކުށްވެރިވެ އަބުރު ގެއްލުމަކީ އެމީހަކު ދިރިހުއްޓައި މަރުވާން ޖެހުން ފަދައެވެ. ޢާންމު ގޮތެއްގައި ނަމުގެ ކުރިއަށް ކުރި ވައްކަންވެސް ލާނެއެވެ. 

ބޮޑުކަތީބު މުސްކުޅިވެ ޕެންޝަން ލިބި ވަޒީފާއިން ވަކިވާނަޖެހުނު އިރުވެސް ދިރިއުޅުނީ ހަމަ ވަރަށް ނިކަމެތި ކޮށެވެ. ނަމަވެސް މަރުވަންދެންވެސް ދިރިއުޅުނީ ރަށުގެ ޤަދަރުވެރިއެއްގެ ގޮތުގައެވެ. 

މިއީ ރާއްޖޭގެ ރަށެއްގައި މީގެ 40 ވަރަކަށް އަހަރު ކުރިން ހިނގާފައިވާ ކަމެކެވެ. މިއަދު ވެސް އިބްރަތް ހާޞިލުކޮށްލުން ރަނގަޅެވެ.

މިއަދު އޮންލައިން