އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 148 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އުރީދޫ މޯލްޑިވްސް އިން ނެރުނު މާލީ ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި، މިދިޔަ އހަަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް 481 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޚަރަދުތަކާއި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އުރީދޫ އަށް 148 މިލިއަން ރުފިޔާ ލިބުންކަމަށް އެކުންފުނީގެ މާލީ ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 115 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު 28 އިންސައްތަ އިތުރު ވުމެކެވެ. އުރީދޫގެ މާލީ ރިޕޯޓުން ފާހަގަވާ ގޮތުގައި މިއީ 2017 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް ލިބުނު ސާފު ފައިދާއާއި އަޅާބަލާއިރު ފަސް އިންސައްތަ އިތުރުވުމެކެވެ.
ރާއްޖެގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި މީގެ 14 އަަރު ކުރިން 2005 ވަނަ އަހަރު، އިންވެސްޓް ކުރި ޤަތަރުގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދޫ މޯލްޑިވްސް އިން، މިދިޔަ އަހަރު ރާއްޖެއަށް ވަނީ މުޅިން އައު ޑިޖިޓަލް ޚިދުމަތްތަކެއް ވެސް ތަޢާރަފު ކޮށްފައެވެ. އޭގެ ތެރޭގައި ޑިޖިޓަލް ރިސޯޓްސް، އެމޭޒަން ޕްރައިމް ވީޑިއޯސް ގެ އިތުރުން ޓޫރިސްޓް ސިމް ޕެކޭޖުތައް ތަޢާރަފް ކުރުން ހިމެނެއެވެ.