ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދައުރުގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓާރ އަކަށް ހުންނެވި ޙުސެއިން ދީދީ، އެކުންފުނީގެ ބޯޑަށް ވަގަށް 41 މިލިއަން ރުފިޔާގެ ތެޔޮ، ކުންފުނިތަކަކަށް ދޫކޮށްފައި ހުރި މައްސަލައެއްގައި ވަޒީފާއިން ވަކިކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެފްއެސްއެމް ގެ ކުރީގެ އެމްޑީ ޙުސެއިން ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެން އެމައްސަލަ އޭސީސީ އަށް ފޮނުވަން ނިންމާފައިވާ ކަމަށާއި އަދި އޭނާ މިހާރު ހުރި މަގާމު ކަމުގައިވާ އެސްޓީއޯގެ ޖެނެރަލް މެނޭޖަރ ސޭލްސް ރީޖަނަލް ގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
"އޮޑިޓް ރިޕޯޓު ބެލުމަށްފަހު ކުންފުނީގެ ބޯޑުން ނިންމީ ޚިޔާނާތުގެ މައްސަލަތަކެއް ހުރި ކަމަށާއި އެހެންވެ ވަޒީފާއިން ވަކި ކުރުމަށް" އެސްޓީއޯ ގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
އެނގިފައިފާ ގޮތުގައި، ޙުސެއިން ދީދީ ކުންފުނިތަކަށް 41 މިލިއަން ރުފިޔާގެ ތެޔޮ ދޫކޮށްފައިވަނީ، ކުންފުނިތަކަށް ކްރެޑިޓަށް ތެޔޮ ދޫނުކުރުމަށް އަންގާފައި ވަނިކޮށެވެ.