މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ގުދަންތަކަށް ގެއްލުން ލިބިފައި ނުވާކަމަށާއި ގުދަންތައް ހުރީ ރައްކާތެރިކޮށް ކަމަށް އެކުންފުނިން ބުނެފިއެވެ. އަދި ކާޑުގެ ބާވަތްތައް ލިބުމުގައި ރައްޔިތުންނަށް ދަތިނުވާނެ ކަމުގެ ޔަގީންކަން ވެސް އެސްޓީއޯއިން ދީފިއެވެ.
މިކަމާއި ގުޅޭ ގޮތުން އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބޭހާއި ކާޑުގެ އިތުރުން ތެޔޮ ރައްކާކުރާ ގުދަންތައް ރައްކާތެރިކޮށް ހުރިކަމަށާއި ރައްޔިތުންނަށް ދަތިކަމަކާނުލާ މިތަކެތި ލިބޭނެ ކަމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އެސްޓީއޯގެ ގިނަ އަދަދެއްގެ ކާޑު ގުދަންތައް ހުންނަނީ މާފަންނު ސަރަޙައްދުގައެވެ. މިއަދު މާލެއަށް ބޯކޮށް ވެހުނު ވާރޭގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ވެސް މާފަންނު ސަރަޙައްދުގައެވެ. އެހެންކަމުން އެކުންފުނީގެ ކާޑޫ ގުދަންތަކަށް ވެސް ފެންވަދެފައިވާ ކަމަގެ އަޑުތަކެއް މިއަދު ވަނީ ފެތުރިފައެވެ.
ނަމަވެސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ އެސްޓީއޯގެ ގުދަން ތަކަށް ފެން ވަތް ނަމަވެސް މުވައްޒަފުންގެ ހުށިޔާރުކަމުން، ކާޑުގެ ބާވަތްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.