ދަރިފުޅު މަޑުން ބެއިންދުމުގެ ބޭނުމުގައި ފޯނާއި އައިޕޭޑްފަދަ ތަކެތި ދީފައި ގިނަ ވަޤުތުތަކެއްވަންދެން ބައިތިއްބުމުން ދަރިފުޅަށް ލިބޭ ބައެއް ގެއްލުންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދަރިފުޅު މަޑުން ބެއިންދުމުގެ ބޭނުމުގައި ފޯނާއި އައިޕޭޑްފަދަ ތަކެތި ދީފައި ގިނަ ވަޤުތުތަކެއްވަންދެން ބައިތިއްބުމުން ދަރިފުޅަށް ލިބޭ ބައެއް ގެއްލުންތައް!

ދަރިފުޅު މަޑުން ބެއިންދުމުގެ ބޭނުމުގައި ފޯނާއި އައިޕޭޑްފަދަ ތަކެތި ދީފައި ގިނަ ވަޤުތުތަކެއްވަންދެން ބައިތިއްބާ މީހުން ދަންނާށެވެ! އެއިން ކުރެވޭ ކަންކަން ސިކުނޑީގައި ހަރުލުމުން އެހެން ކަންކަމަށް ވިސްނުމުގެ ބާރު ކެނޑިގެންދެއެވެ. ސިކުނޑި ފުރިގެންދަނީ އެކަންކަމުންނެވެ.  

ދެން ކުރިމަތިވާ މައްސަލައަކީ ކިޔެވުމަށް ދޭ ސަމާލުކަން ކުޑަވުމެވެ. ފޮތްކިޔާހިތްނުވުމެވެ. ފޯނާއި އައިޕޭޑްކުޅުމުގަ ގިނަ ވަޤުތުތައް ހޭދަކުރަން ބޭނުންވުމެވެ. މިއީ ލޮލަށް ލިބޭ ގެއްލުންތަކުގެ އިތުރަށް ލިބޭ ގެއްލުންތަކެވެ.  

އަދިވެސް ފާހަގަ މިކުރަނީ އިތުރު ކަމެކެވެ. ކުއްޖާ ކުޅެން ނުވަތަ ކަމެއް ކުރަން ޙަރަކާތްތެރިވުމުގެ ބަދަލުގައި އެތައް ގަޑިއިރެއްވަންދެން ތަނެއްގައި އިނުމަކީ ކުއްޖާ ޙަރަކާތްތެރިވެ އުޅުމުން ކުރާނެ ފައިދާތަކުން މަޙްރޫމްވާނެކަމެކެވެ. އެކަމުގެ ގެއްލުން ޞިއްޙަތަކަށް ކުރާނެއެވެ. ހެދިބޮޑިވުމަށްވެސް އެކަމުގެ އަސަރުކުރާނެއެވެ.  

އަހުރެންގެވެސް ކުދިން އެބަތިއްބެވެ. އަހުރެން އެކުދިންނަށް ޖައްސުވަނީ ލިގޯ ފަދަ އެއްޗަކުން ކޮންމެވެސް އެއްޗެއް ހެދުމަށެވެ. އެކަން ދަރިފުޅު ކުރާ ގޮތް އަހުރެން ބަލަމެވެ. ވާހަކަ ދައްކަމެވެ. އެކަމުގެ ސަބަބުން ކުއްޖާގެ ސިކުނޑި ހުޅުވިގެންދެއެވެ. ހުނަރުވެރިކަން އިތުރުވެއެވެ.  

އެމީހެއްގެ ދަރިފުޅު ޝައުޤުވެރިވާނެ ކަންކަން އެނގޭނީ އެމީހަކަށެވެ. އަހުރެންގެ ނަޞީޙަތަކީ ފޯނާއި އައިޕޭޑް ފަދަ ތަކެތީގައި ގިނަ ވަޤުތު ހޭދަކުރިއަ ނުދިނުމެވެ. މިބުނެދިން ސަބަބުތަކަށްޓަކައެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން