ކައިވެނީގެ ކުރީކޮޅު އަޅާލައި ލޯބިދޭވަރަށް އެކަންކަން ނުކުރާނަމަ ފޫހިވެ ކައިވެނި ރޫޅުން ގާތްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކައިވެނީގެ ކުރީކޮޅު އަޅާލައި ލޯބިދޭވަރަށް އެކަންކަން ނުކުރާނަމަ ފޫހިވެ ކައިވެނި ރޫޅުން ގާތްވާނެ!

އަންހެނުންވެސް އަދި ފިރިހެނުންވެސް މިހާރު ކައިވެނިކުރަނީ އެމީހުންނަށް އެކަނި ނުއުޅެވިގެނެއް ނޫނެވެ. މަސައްކަތްކުރީމާ އަންހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް ފައިސާ ލިބެއެވެ. ފައިސާލިބޭނަމަ އެހެން މީހަކަށް އުނދަގޫނުކޮށް އުޅެވިދާނެއެވެ.  

ކައިވެނިކުރަނީ އެހެން ބޭނުންތަކެއް ހުންނާތީއެވެ. އަނެކާގެ ކިބައިން ލޯތްބާއި އަޅައިލުން ބޭނުންވާތީއެވެ. އެހީތެރިކަން ބޭނުންވާތީއެވެ. ދަރިން ލިބި އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވާތީއެވެ. ކައިވެންޏަށްފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނުވަތަ އަހަރުތަކަކަށްފަހުގައިވެސް ގިނަބައެއްގެ ކައިވެނި ރޫޅުމުގެ މައްސަލަތައް ގިނަވަމުން މިދަނީ މިބުނި ބޭނުންތަކަށް ސަމާލުކަން ކުޑަކުރެވޭތީއެވެ.  

ކިތަންމެ ބޮޑަށް ސަމާލުކަންދީގެން މިބުނި ބޭނުންތައް ފުއްދައިދިންނަމަވެސް ކައިވެނި ރޫޅެންވެސް މެދުވެރިވެދާނެއެވެ. ނަމަވެސް ކުރިން މިބުނި ފަދައިން އެކަންކަން ފުއްދައިދެވޭނަމަ ކައިވެނި ރޫޅުން މަދުވާނެއެވެ.  

އެންމެ ބޮޑު މައްސަލައަކަށްވަނީ ކައިވެނީގެ ކުރީކޮޅުގައި އަނެކާގެ ބޭނުންތައް ފުއްދައިދޭން ސަމާލުކަންދީފައި ފަހުން ފަރުވާކުޑަކުރެވޭތީއެވެ. އެގޮތަށް އެކަންތައް ވިޔަނުދޭށެވެ. ލޯތްބާއި އަޅައިލުންދީ އަދި އެހީތެރިވަމަކީ އަބަދުވެސް ކުރަން އޮތް ކަމެކެވެ. ގުޅުމާއި ލޯބި ދިރިދެމިއޮންނާނީ އެއިރުންނެވެ.   

އަދިވެސް ވިސްނައި ސަމާލުކަންދޭންޖެހޭ ކަމެއް އެބައޮތެވެ. އެއީ ދަރިން ހޯދުމެވެ. ދަރިން ހޯދަންވާނީ ހަމައެކަނި އަނބިމީހާ ލައްވައި ދަރިން ބަލާކަށް ނޫނެވެ. ފިރިމީހާއަށްވެސް ދަރިން ބަލަންޖެހޭނެއެވެ. އެކަމުގައި އަނބިމީހާއަށް އެހީތެރިވެދޭންޖެހޭނެއެވެ. އަނބިމީހާއަށް ވަޤުތުލިބި ފިރިމީހާއަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެވޭނީ އެއިރުންކަމަށްވާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން