މަރްޔަމް ސާޖިދާ
އިންސާނާއަށް ﷲ ތަޢާލާ މިންވަރު ކުރައްވަވާ ރިޒްޤަކީ ހަމައެކަނި ކައިބޮއެ އުޅޭނެ ތަކެއްޗާއި، ޖީބަށް ވަންނަ ފައިސާއެއް ނޫނެވެ. ދިރިއުޅުމަށް ހިތްހަމަޖެހުން ގެނެސްދޭ، ނަފްސަށް އުފާވެރިކަން ލިއްބައިދޭ ކޮންމެ ނިޢުމަތަކީ ރިޒްޤެކެވެ. މިގޮތުން ބަލާއިރު، އިޚްލާޞްތެރި، ރަނގަޅު ރަޙުމަތްތެރިންނަކީ އިންސާނާއަށް ލިބޭނެ އެންމެ މަތިވެރި އަދި އަގުބޮޑު އެއް ރިޒްޤެވެ.
މި ޒަމާނަކީ ދުނިޔެވީ އެދުންތަކާއި މަޞްލަޙަތުތަކުގެ މައްޗަށް ގުޅުންތައް ބިނާވަމުންދާ ޒަމާނެކެވެ. ނަމަވެސް، އެއްވެސް އަމިއްލަ އެދުމެއްނެތް، ހަމައެކަނި ހެޔޮލަފާކަމުގެ މައްޗަށް ބިނާވެފައިވާ އެކުވެރިކަމަކީ މިއަދު މަދުން ނޫނީ ނުފެންނަ ގުޅުމެކެވެ.
އެކުވެރިކަމުގެ އެންމެ މަތިވެރި މިސާލު: ރަސޫލާ މުޙައްމަދު ﷺ އާއި އަބޫބަކުރުގެފާނު
ރަނގަޅު ރަޙުމަތްތެރިކަމާއި ތެދުވެރި އެކުވެރިކަމުގެ އެންމެ ފުރިހަމަ ލާމަސީލު މިސާލު ފެންނަން އޮތީ ކީރިތި ރަސޫލާ މުޙައްމަދު ﷺ އާއި އެކަލޭގެފާނުގެ ލޯބިވާ އެކުވެރިޔާ އަބޫބަކުރުގެފާނުގެ ގުޅުމުންނެވެ. އަބޫބަކުރުގެފާނަކީ ރަސޫލާ ﷺ ގެ ދަޢުވަތު އެންމެ ފުރަތަމަ ގަބޫލުކުރެއްވި ފިރިހެނާއެވެ. އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުން ދޮގުކުރި ހިނދު، އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ބަސްފުޅުތައް ތެދުކުރެއްވިއެވެ. އެހެންކަމުން އެކަލޭގެފާނަށް "އައްޞިއްދީޤު" ގެ ލަޤަބު ދެވުނެވެ.
ރަސޫލާ ﷺ އާއި އަބޫބަކުރުގެފާނު މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ ދަތުރުފުޅަކީ ރަގަޅު ރަޙުމަތްތެރިކަމާއި، ތެދުވެރި އިޚްލާޞްތެރިކަމުގެ އެންމެ ފުރިހަމަ އެއް މިސާލެވެ. ދަތުރުމަތީގައި އަބޫބަކުރުގެފާނު ބައެއްފަހަރު ރަސޫލާ ﷺ ގެ ކުރިފުޅުމަތިން، އަނެއްބައިފަހަރު ފަހަތްޕުޅުން، އަދި ކަނާތްފަރާތާއި ވާތްފަރާތުން ހިންގަވައެވެ. އެއީ ދިމާވެދާނެ ނުރައްކަލަކުން ރަސޫލާ ﷺ ސަލާމަތްކުރައްވައި، އޭގެ ބަދަލުގައި އެ ނުރައްކަލަކާ އަމިއްލަފުޅަށް ކުރިމަތިލެއްވެވުމަށެވެ .
ޘައުރުފަރުބަދައިގެ ހޮހޮޅައިގެ ތެރޭގައި ތިއްބެވި ހިނދު، މުޝްރިކުން އެ ހޮހޮޅައިގެ ދޮރުމައްޗަށް ހުއްޓުމުން އަބޫބަކުރުގެފާނު ރަސޫލާ ﷺ އަށްޓަކައި ބިރުފުޅުގަތެވެ. އެހިނދު ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ހިތާމަނުކުރާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތިމަންމެންނާއެކުގައެވެ." މިއީ އެކަކު އަނެކަކަށްޓަކައި ފުރާނައިން ޤުރުބާންވާން ތައްޔާރަށް އޮތް ޙަޤީޤީ ރަޙުމަތްތެރިކަމުގެ ނަމޫނާއެކެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: "ތިމަންކަލޭގެފާނުގެ ވެރި ރައްބު ފިޔަވައި އެހެން މީހަކު ޚަލީލެއްގެ (އެންމެ ގާތް އެކުވެރިޔާގެ) ގޮތުގައި އިޚްތިޔާރުކުރައްވާނެ ނަމަ، އަބޫބަކުރު އިޚްތިޔާރުކުރެއްވީހެވެ."
ދީނީ ނަޒަރަކުން ރަނގަޅު އެކުވެރިން:
އިސްލާމްދީން ވަނީ އެކުވެރިން އިޚްތިޔާރު ކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް އަންގަވާފައެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ވެއެވެ: "މީހާ ވަނީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ."
މި ޙަދީޘުން އެނގޭ ގޮތުގައި، ރަނގަޅު އެކުވެރިއަކު އަޅުގަނޑުމެން ހެޔޮ މަގަށް ގެންގޮސްދޭ ފަދައިން، ނުބައި އެކުވެރިއެއްގެ ސަބަބުން މުޅި ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެއެވެ. ޤިޔާމަތް ދުވަހުވެސް ތަޤުވާވެރި، ޞާލިޙު ރަޙުމަތްތެރިން އެކަކު އަނެކަކަށް ޝަފާޢަތްތެރިވާނެއެވެ.
"އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ دشمن ން ކަމުގައެވެ. تقوى ވެރިން މެނުވީއެވެ. (67) " (سورة الزخرف)
ޙަޤީޤީ ރަޙުމަތްތެރިކަމަކީ ހަމައެކަނި ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުމެއް ނޫނެވެ. އެއީ އެކަކު އަނެކެއްގެ ދިރިއުޅުން ބިނާކޮށް، ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް އެހީތެރިވެދޭ މުޤައްދަސް ގުޅުމެކެވެ.
1. އިޞްލާޙުކުރުމާއި ނަސޭޙަތްތެރިވުން:
2. ދަތި ވަގުތުގައާއި ހިތާމައިގައި ބައިވެރިވުން:
3. އަބުރާއި ޢިއްޒަތް ރައްކާތެރިކޮށްދިނުން:
4. ދެދުނިޔޭގެ ކާމިޔާބީއަށް މަގުދެއްކުން:
އެހެންކަމުން، އަޅުގަނޑުމެންގެ ކައިރީގައި ތެދުވެރި، ހެޔޮލަފާ ރަޙުމަތްތެރިން ތިބިނަމަ، އެއީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ޚާއްޞަ ރިޒްޤެކެވެ. އެފަދަ ގުޅުންތައް ދަމަހައްޓައި، އެކުވެރިންނަށް ހެޔޮ ދުޢާކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެކެވެ. ހަމައެފަދައިން، އަޅުގަނޑުމެންނަކީވެސް އެހެން މީހުންނަށް ހުރި މިފަދަ "ރިޒްޤެއް" ކަމުގައި ވުމަށް ޢަޒުމް ކަނޑައަޅަންޖެހެއެވެ.
- މިއަދުނޫސް