ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ތެރެއިން، ހުޅުމާލޭގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ކުރިއަށްގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ކުލައިމެޓްޗޭންޖް އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި، މި ހަރަކާތް ހުޅުމާލޭގައި އިންތިޒާމުކޮށް ކުރިއަށްގެންދާނެ ގޮތްތަކާއި، ގަސް އިންދުމަށް އެންމެ އެކަށޭނަ ސަރަޙައްދުތައް ކަނޑައެޅުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރެވިފައެވެ. އަދި މި ޙަރަކާތުގައި ވީހާވެސް ގިނަ ރައްޔިތުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތައް ބައިވެރިކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ.
ފަސް މިލިއަން ގަސް އިންދުމުގެ މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ފަށްޓަވާފައިވާ މުހިންމު މަޝްރޫޢެކެވެ. މިގޮތުން ހުޅުމާލެއަކީ ފެހިކަން ގަދަ، ހިތްފަސޭހަ އަދި ދިރިއުޅެން ފަހި ތަނަކަށް ހެދުމަށްޓަކައި އެޗްޑީސީން އަބަދުވެސް ޚާއްޞަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ގަސް އިންދުމުގެ މި ބޮޑު ހަރަކާތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. އަދި މި ހަރަކާތުގެ ސަބަބުން ހުޅުމާލޭގެ ތިމާވެށި އިތުރަށް ފެހިވެ، ޤައުމީ ފެންވަރުގައި ކުރިއަށްދާ ފަސް މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ޙާޞިލުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ހަބަރު: ސަރުކާރު