ތިމާއަށްވެސް ކޮންމެ ވަޤުތަކުވެސް ކިތަންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެކަމަށާ ހިތްދަތިކަމެއްވެސް ލިބިދާނެކަމަށް ޤަބޫލުނުކުރެވޭ މީހުންނަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 35ސ
ތިމާއަށްވެސް ކޮންމެ ވަޤުތަކުވެސް ކިތަންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެކަމަށާ ހިތްދަތިކަމެއްވެސް ލިބިދާނެކަމަށް ޤަބޫލުނުކުރެވޭ މީހުންނަށް އަގުހުރި ފިލާވަޅެއް!

ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުންވަނީ ނިކަމެތިންނަށް ރަޙުމްކުރުމުންކަން އެނގުނަސް އެސިފަ ނެތް މީހުން ވަރަށް ގިނައެވެ. ޚާއްޞަކޮށް ތަނަވަސް މީހުންގެ ތެރޭގައެވެ. މިއީ އެފަދަ މީހެއްގެ ވާހަކައެވެ.  

އޭނާއަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައިވާ އަޅުންގެތެރެއިން އަޅެކެވެ. ނަމަވެސް އެކަން އޭނާ ހަނދާނެއް ނުހުރެއެވެ. ގޭގައި 6 ވަރަކަށް ނޯކަރުން ގެންގުޅޭއިރުވެސް އެއިން މީހަކަށް ރުހުމުގެ ލޮލުން ބަލައިވެސް ނުލާނެއެވެ. އަބަދުވެސް ދައްކާނީ ރުޅިމޫނެވެ. ބޭނުމަކީ އެއްވެސް މީހަކު އޭނާގެ ގާތުން އެއްވެސް ކަމަކަށް އެދެން ނުކެރި އަބަދުވެސް ބިރުގަންނަވާފައި ބެއިތިއްބުމެވެ.   

އެއިގެ އިތުރުން ނޯކަރަކަށް ކިތަންމެ ކުޑަކުޑަ ކުށެއް ކުރެވުނު ނަމަވެސް ލެވުނު އެންމެ ބާރަކަށް ހަޅޭއްލައްވައި އެމީހަކު ބިރުން ހަލާކުވާވަރުކުރާނެއެވެ. ދެންމެ ދެންމެ ޖަހައިފާނެހެންވެސް ހީވާފަހަރު މަދެއްނުވާނެއެވެ.   

ކޮންމެއަކަސް ނޯކަރެއްގެ މަންމަ ބަލިވެ ވަރަށް ޙާލުބޮޑުވިއެވެ. އަގުބޮޑު އޮޕަރޭޝަނެއް ކުރަންޖެހުނެވެ. ނުކުރެވި ލަސްވެއްޖެނަމަ ފުރާނައަށް ގެއްލުންވާ ޙާލަތަށް ކަންކަން ހިނގައިދާނެ ކަމަށް ޑިކްޓަރުން ދިއައީ ބުނަމުންނެވެ.  

އެޙާލަތަށް ދިއުމުން ނޯކަރު ގަޞްދުކުރީ ޖެހިޖެހީނުން މަރައިލިޔަސް ހެޔޮކަމަށް ބޮސްގާތު އެހީއަކަށް އެދޭށެވެ. އެހެންވެ އޭނާގެ މަންމަގެ ޙާލަތު ކިޔައިދީފައި އެދުނީ އޮޕަރޭޝަނަށް ބޭނުންވާ ފައިސާ ދިނުމެވެ. އަދި އެފައިސާ ހަމަވަންދެން މުސާރަނުދިނަސް އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކޮށްދޭނެ ކަމަށްވެސް ބުންޏެވެ.

ބޮސް ވަގުތުން ރުޅިގަދަވިއެވެ. ބުނީ ތިއަޙާލުގައި ހޮސްޕިޓަލުތަކުގައި އެތައް ހާސް ބައަކު އެބަތިބި ކަމަށާއި އެއެންމެންނަށް އެހީވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ފުރާނައަކީ އެއިގެ މުއްދަތުހަމަވުމުން ހަށިގަނޑުން ނުކުމެގެންދާނެ އެއްޗެއް ކަމަށާއި ކިތަންމެ ބޮޑު ޚަރަދެއް ކުރިނަމަވެސް ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް މަރުވުން ނުހުއްޓުވޭނެ ކަމަށެވެ. ވީމާ ތިއަބާވަތުގެ ބޮޑެތި ޚަރަދުތައްކުރުމަކީ މުޅިން ބޭކާރު ކަމެއް ކަމަށެވެ. އަދި އެބާވަތުގެ ވާހަކަ އޭނާ އާއި ނުދެއްކުމަށެވެ.  

އެއިގެ 3 ދުވަސްފަހުން މަންމަ ނިޔާވީއެވެ. ނޯކަރުގެ ހިތަށްކުރާނެ އަސަރު ނިކަން އިޙްޞާޞްކޮށްލައިބަލާށެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

އެއިގެ މަހެއްހައި ދުވަސްފަހެވެ. ބޮސްގެ ޢާއިލާގެ މީހުން ގެއަށް އައިސް މައިންބަފައިންގެ މުދަލުގެ މައްސަލައިގައި ކުރި ޒުވާބެއްގައި ބޮޑުބޭބެ ރުޅިގަދަވެ ބޮސް މަރާލަން ޖީބުން ފިސްތޯލަނަގައި ބޮސްގެ މެއަށް އަމާޒުކުރިވަގުތެވެ. އެންމެން ތިބީ ބިރުންތުރުތުރުއަޅައަޅައެވެ.  

މަންޒަރުބަލަން ހުރި ނޯކަރު "ޕޮލިސް! ޕޮލިސް" ގޮވައި އަޑުގަދަކުރުމުން ޕޮލިސް އައީކަމަށް ހީކޮށް ބޮޑުބޭބެ ދޮރާދިމާއަށް ބަލައިލިވަގުތު އެއްޗެއް އެއްލައި އަތުގައި ޖެހުމުން ފިސްތޯލަވެއްޓުނެވެ. އެވަގުތު ޑައިވެއްޖަހާހެން ފުންމައިގަނެ ނޯކަރު ފިސްތޯލަ ނެގިއެވެ. އަދި ފިސްތޯލައިން ބިރުދައްކައި ބޭރުން އައި އެންމެން ގެއިން ބޭރުކުރިއެވެ.  

އެންމެން ނެރެފައި ދޮރުތަޅުލުމުން ބޮސްއަށް ބުނެވުނެވެ. "ކަލޭ ތިއަކަންތައް ތިއަގޮތަށް ނުކުރިނަމަ އޭނާ އަހަރެންގެ ފުރާނަ ދުއްވައިލާނެއެވެ. އަހަރެންގެ ފުރާނަ ސަލާމަތްވީ ކަލޭގެ ހުޝިޔާރުކަމާ ބިރުކުޑަކަމުންނެވެ. ކަލެއަށް އަގުހުރި އިނާމެއް ދޭނަމެވެ."

ޖަވާބުގައި ނޯކަރު ބުންޏެވެ. "ބޮސްއަތުން އެއްވެސް އިނާމެއްވެސް ހަދިޔާއެއްވެސް ބޭނުމެއް ނޫނެވެ. ބޮސްގެ ދެފައިގަ ހިފާފައި ރޮއި ސަލާންޖެހީމާ ދިން އިނާމު ބޮޑުވެފައި ބަރުކަމުން ނުއުފުލިގެން މަންމަވަނީ ނިޔާވެފައެވެ. އެވަރު ފުދެއެވެ. އިތުރު އެއްވެސް އެއްޗެއް ދޭނެ ކަމެއް ނެތެވެ. އަދިވެސް އަހަރެން ބޮސްއަށް ހަދިޔާއެއް ދީފާނަމެވެ." ބުނެފައި މިފަދައިން ދުޢާކުރިއެވެ. "ޔާ ﷲ! މިއަޅާގެ ބޮސްގެ ހިތަކީ މީސްތަކުންނަށް ރަޙުމްކުރާ އިނބަ ﷲ އަށް ބިރުވެތިވާ ހިތެއްކަމުގައި ލައްވަވާނދޭވެ! ޢާމީން"  

ނޯކަރާއިމެދު އެދުވަހު ކަންތައް ކުރެވުނު ގޮތުގެ ހަނދާންތައް އައުވުމުން ބޮސް އެކުގައި ހުއްޓުމަކަށް އައެވެ. ލޮލުން ކަރުނަވެސް އައެވެ. އެއީ އޭނާގެ މުޅި ޙަޔާތުގައިވެސް ފުރަތަމަ ފަހަރަށް ދެރަވެ އެޅި ކަރުނަކަމަށްވުން ގާތެވެ. އެއާއިއެކު އޭނާއަށް ކަންކަން ވިސްނި މީހާގެ މިޒާޖު މުޅިން އެހެންމީހަކަށް ބަދަލުކުރިއެވެ. ނޯކަރުންނަށް ދީލަތި، ރަޙުމްކުރާ އަދި ފަޤީރުންނަށް ރަޙުމްކޮށް ޞަދަޤާތްކުރާ މީހަކަށް ބަދަލުވެގެންދިއައެވެ. އެވަފާތެރި ނޯކަރަށް ވަރަށް ހެޔޮކޮށް ކަންކަންކޮށްދީ ތަނަވަސްކޮށްދީ އޭނާގެ އެންމެ ގާތްމީހަކަށް ހެދިއެވެ. 

މިއީ ހަމަ މިއަހަރުގެ ކުރީކޮޅު ކަރާޗީގައި ހިނގައިދިއަ ކަމެއްކަމަށް ލިޔެފައިވާ ވާހަކައެއްގެ ކުރު ޚުލާޞާ ތަރުޖަމާއެކެވެ. އަޅުގަނޑުގެ އުންމީދަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ނޯކަރުންނަށްވެސް އަދި ހުރިހާ ފަޤީރުންނަށްވެސް ހެޔޮކޮށް ހިތުމުގެ ވިސްނުން އެންމެންނަށް ދެއްވެވުމެވެ.

 

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް    

- ޢިބްރަތްތެރި ފިލާވަޅު

މިއަދު އޮންލައިން