"މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ކާމިޔާބުކަމާއެކު ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 3ސ
"މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ކާމިޔާބުކަމާއެކު ބާއްވައިފި

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް އިޤުޠިޞާދީ، ވިޔަފާރި އަދި އިންވެސްޓްމަންޓްގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމުގެ މަޤުޞަދުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން އިންތިޒާމުކުރި މަތީ ފަންތީގެ "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގެ ސެރީނާ ހޮޓެލްގައި ބާއްވައިފިއެވެ. 

މި ފޯރަމް ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި ފޯރަމް ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފެވެ. މީގެ އިތުރުން ދެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުން އަދި މީޑިއާތަކުން މި ފޯރަމްގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމާދިމާކޮށް ބޭއްވި މި ފޯރަމަކީ، ދެޤައުމުގެ އިޤުޠިޞާދީ ގުޅުން އިތުރަށް ފުޅާކުރުމަށާއި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް ޕާކިސްތާނުގެ ކުރިއަރާފައިވާ ދާއިރާތަކުގެ އެހީގައި ދެޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމުގެ މަޤްޞަދުގައި ބޭއްވުނު ފޯރަމެކެވެ.

ފޯރަމް ފަށްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ވިޔަފާރިތަކުގެ މެދުގައި ސީދާ ގުޅުން ބަދަހިކުރުމާއި، ދެމެހެއްޓެނިވި ވިޔަފާރީގެ ޕާޓްނަރޝިޕްތައް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި އިންވެސްޓްމަންޓްތަކަށާއި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް މަގުފަހިކޮށްދިނުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އުފެދިފައި އޮތް އިޤުތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެ ޤައުމުން ދޭ އިސްކަން ބަޔާންކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި ފުޅާކުރުމަށާއި، ވަޔާއި ކަނޑުގެ މަގުން ދެ ޤައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ އިޤުތިޞާދީ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި، ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާއި ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ "ވިޝަން 2040" ގެ ދަށުން ރާއްޖޭގެ އިޤުޠިޞާދަށް ގެންނަމުންދާ ޒަމާނީ ބަދަލުތަކާއި، އިންވެސްޓްމަންޓް ދާއިރާއަށް ގެންނަވަމުންދާ އިޞްލާޙުތަކަށް އަލިއަޅުވާލެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާޞިލްވުމަސް ސްޓްރެޓީޖިކް ދާއިރާތަކުގައި އިންވެސްޓްކޮށް، ދިގުމުއްދަތުގެ ޕާޓްނަރޝިޕްތައް ޤާއިމުކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް އެމަނިކުފާނު ދަޢުވަތު އެރުވިއެވެ. 

ފޯރަމްގެ އެންމެ މުހިންމު އެޖެންޑާ އައިޓަމެއްގެ ގޮތުގައި އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގެ އިޤުޠިޞާދީ މާޙައުލާއި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވިއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނާއި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ވަނީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ސިނާޢަތްތަކުގައި ހުރި ފުރުޞަތުތަކާ ގުޅޭ ޕްރެޒެންޓޭޝަންތަކެއް ހުށަހަޅުއްވައިފައެވެ. ހަމައެއާއެކު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މާލީ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން ފޯރަމްގެ ބައިވެރިންނާއި މަޢުލޫމާތު ޙިއްސާ ކުރައްވައިފައެވެ. 

މި ފޯރަމްގެ ހަވާސާގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ފެޑެރޭޝަން އޮފް ޕާކިސްތާން ޗެމްބަރސް އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ (އެފް.ޕީ.ސީ.ސީ.އައި) އާ ދެމެދު އިޤުޠިޞާދީ އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭ ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ. މި ފަހުމުނާމާ މެދުވެރިކޮށް ދެ ޤައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

ފޯރަމް ނިންމާލާފައިވަނީ ޕާކިސްތާނުގެ ފެޑަރަލް މިނިސްޓަރ ފޮރ ކޮމަރސް، ހިޒް އެކްސަލަންސީ ޖޭމް ކަމާލް ޚާންގެ ވާހަކަފުޅުންނެވެ. އަދި ރަސްމީ އެޖެންޑާއަށްފަހު ދެ ޤައުމުގެ ބައިވެރިންނަށް އޯޕަން ނެޓްވަރކިންގ އަށް ފުރުޞަތު ހުޅުވާލެވުނެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން