މާލޭ އުތުރު ބަނދަރުގެ ފުރަތަމަ ފިންގަރ ޖެޓީގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
މާލޭ އުތުރު ބަނދަރުގެ ފުރަތަމަ ފިންގަރ ޖެޓީގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި

މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، ފުރަތަމަ ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ. މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖުމްލަ 6 ފިންގަރ ޖެޓީ ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ހިމެނެނީ 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެވެ.

މި މަޝްރޫޢުގެ ދަށުން ފުރަތަމަ ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވާއިރު، ބާކީ ހުރި ޖެޓީތަކުގެ ރީއިންފޯސްމެންޓް މަސައްކަތްތައްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މުޅި ޖުމްލަ 18.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ މާލޭ އުތުރު ބަނދަރުގެ ޖާގަ ތަނަވަސްކޮށް، މުދާ އުފުލާ ދޯނިފަހަރާއި އެހެނިހެން އުޅަނދުފަހަރަށް ލަފާފުރުމާއި ލަނގަރުކުރުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން