ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ މުޢާމަލާތްތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިޔަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ޕާކިސްތާނާއެކު ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ. މީގެއިތުރުން، ޕާކިސްތާނު ސަރުކާރުން ދެއްވި ހޫނު މެހުމާންދާރީ ފާހަގަކުރައްވައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ވެރިން އެއްތަނަކުން ފެނިގެންދިއުމަކީ ދެމެހެއްޓެނިވި އަދި ވަރުގަދަ އިޤްތިޞާދީ ގުޅުމެއް ބިނާކުރުމަށް ދެ ޤައުމުންވެސް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
"ދެ ޤައުމުގެ ވެރިންގެ ދަތުރުފުޅުގެ ތެރެއިން، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ވިޔަފާރީގެ މުޢާމަލާތްތައް މިހާރު ހުރި 13 މިލިޔަން އެމެރިކާ ޑޮލަރުން 200 މިލިޔަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އަމާޒު ހިފާފައިވޭ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ރާއްޖެއިން ޕާކިސްތާނާއެކު ގާތުން މަސައްކަތްކުރުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މި ފޯރަމުގެ ތެރެއިން ކުރިއަށްދާ ޕްރެޒެންޓޭޝަންތަކާއި މަޝްވަރާތަކުގެ ސަބަބުން ރާއްޖޭގެ އިންވެސްޓްމަންޓް މާޙައުލާއި، މުހިންމު ދާއިރާތަކުގެ އިތުރުން އަލަށް އުފެދެމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތުތައް ޙިއްޞާކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ދެ ޤައުމުގެ ވިޔަފާރިވެރިންވެސް މި ބައްދަލުވުންތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެފަރާތަށް ފައިދާހުރި ދާއިރާތައް ދެނެގަނެ، ގުޅުން ބަދަހިކުރުމަށް ވަޒީރު ވަނީ ބާރުއަޅުއްވާފައެވެ.