މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް ބޭންކިންގ ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
ބޭންކުން ހާމަކުރި ގޮތުގައި މިއީ ރާއްޖޭގެ ވިޔަފާރިތަކާއި، އުފެއްދުންތެރިކަމުގެ އިތުރުން އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް އެ ބޭންކުން ދެމުންގެންދާ އެއްބާރުލުމާއި ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ނިންމުމެކެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ކުރިއަށްދާނީ މިއަހަރުގެ 25 އޮކްޓޫބަރުން ފެށިގެން 2 ނޮވެންބަރުގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ދިވެހި އުފެއްދުންތެރިކަމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށް ބާއްވާ މި ހަރަކާތަކީ، ވިޔަފާރިވެރިންނާއި އަމިއްލަ އުފެއްދުންތެރިންގެ މަސައްކަތްތައް އިޝްތިހާރުކޮށް، ފަހި މާކެޓުތަކަކަށް ވާސިލުވުމަށް ލިބިގެންދާނެ އަގުހުރި ފުރުޞަތެކެވެ.
ޤައުމީ ބޭންކުގެ ދައުރާ އެއްގޮތަށް، ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، އީޖާދީ ވިސްނުންތަކަށް ހިތްވަރުދީ، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް މަގުފަހިކޮށްދޭ މިފަދަ ކޮންމެ ހަރަކާތަކަށް އެއްބާރުލުން ދިނުމުގައި އެ ބޭންކް އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.