ކަރާޗީއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކަރާޗީއާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ޕާކިސްތާނުގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ކަރާޗީއާއި ރާއްޖޭގެ ވެރިރަށް މާލެއާ ދެމެދު ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ "މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޖަޒީރާ ގައުމުތައް ކަނޑުމަގާއި ވައިގެ މަގުން ގުޅާލެވިފައި އޮތުމަކީ އެ ގައުމުތަކުގެ އިގްތިޞާދަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ވިޔަފާރީގެ މުއާމަލާތްތައް މިހާރަށްވުރެ ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ މަގުފަހިކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ސީދާ އަދި ވިޔަފާރީގެ ގޮތުން ފައިދާހުރި ގުޅުންތަކެއް ގާއިމުކުރުމުގެ މުހިންމުކަމަށް ވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، ދެ ގައުމުގެ ޝިޕިންގ، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކުގެ އިތުރުން އޭވިއޭޝަން ދާއިރާގެ ފަރާތްތަކާއި އަމިއްލަ ސެކްޓަރުގެ ބައިވެރިން ގުޅިގެން ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.

"ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކޮށް، ދަތުރުތައް އިތުރުކުރުމަށް އެއަރލައިންތަކަށާއި، އޭވިއޭޝަން ދާއިރާގެ ކަމާބެހޭ އިދާރާތަކަށާއި، އަމިއްލަ ސެކްޓަރުގެ ބައިވެރިންނަށްވެސް އަޅުގަނޑު ބާރުއަޅަން،" ރައީސް ވިދާޅުވިއެވެ.

މި ދަތުރުތައް ފެށުމާއެކު، ދެ ގައުމުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ޚާއްސަކޮށް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން