އަރިއަތޮޅު ދެކުނުބުރީ މަހިބަދޫގެ ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަކޮށް، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 22 އޮކްޓޫބަރު 2024 ގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އޮނަރަބަލް ޢަލީ ޝަރީފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ޢަލީ ނަޒީރެވެ.
މި މަޝްރޫއަކީ ޖުމްލަ 21,572,640.09 (އެކާވީސް މިލިއަން ފަސްލައްކަ ހަތްދިހަ ދެހާސް ހަސަތޭކަ ސާޅީސް ރުފިޔާ ނުވަ ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަސައްކަތް އެއްކޮށް ނިންމުމަށް ސްޓެލްކޯއަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މަހިބަދޫގެ ނަރުދަމާ ނިޒާމަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި އެކި މައްސަލަތައް ހައްލުކޮށް، އެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުމެވެ. މި މަސައްކަތް ނިމުމުން، އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ނަރުދަމާގެ ޚިދުމަތުގެ ފެންވަރު އެތައް ގުނައަކަށް ރަނގަޅުވެ، ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ނިޒާމެއް ރަށުގައި ގާއިމުވެގެންދާނެއެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ރަށްރަށުގެ ނަރުދަމާގެ އުމްރާނީ ވަސީލަތްތައް ވަރުގަދަކޮށް، ސާފުތާހިރުކަމުގެ ޚިދުމަތްތައް އެންމެ އެދެވޭ ގޮތުގައި ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ދަނީ މެދުކެނޑުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހަބަރު: ސަރުކާރު