ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި ފަށާފައިވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު"ގެ ދަށުން، މިހާތަނަށް 2.4 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި، ކަނޑައެޅިފައިވާ ލަނޑުދަނޑީގެ ބޮޑުބައެއް ހާސިލުކޮށްފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2,463,339 (ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް) ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ތިމާވެށި ހިމާޔަތްކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގައި ސަރުކާރުގެ ވުޒާރާތަކާއި، މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާތަކުން ވެސް ދަނީ ފުޅާ ދާއިރާއެއްގައި ބައިވެރިވަމުންނެވެ. އެގޮތުން އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ގަސް އިންދުމަށް ވައުދުވެ، އެ ވައުދުތައް ފުއްދުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ދަނީ ހޯދަމުންނެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ގިނައިން ގަސް އިންދުމަށް ވައުދުވި ފަރާތްތަކާއި، ދާއިރާތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ ޗެމްޕިއަނުންގެ މަސައްކަތްތައް ހިމެނޭ ތަފާސްހިސާބުތައް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
ރާއްޖޭގެ ފެހިކަން އިތުރުކޮށް، ދެމެހެއްޓެނިވި ތިމާވެއްޓެއް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ އޮތް ބައި ފުރިހަމަކޮށް، 5 މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ކާމިޔާބުކަމާއެކު ހާސިލުކުރުމެވެ.
ހަބަރު: ސަރުކާރު