ދައުލަތުގެ އެކި މުއައްސަސާތަކާއި އިދާރާތަކުގެ މުސާރަ އެއްހަމަކުރުމާ ގުޅޭގޮތުން ގިނަ އަދަދެއްގެ ޝަކުވާތައް ހުށަހެޅެމުންދާތީ، އެ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ބުދަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޕޭ ކޮމިޝަން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދުއެވެ. އެ ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ތާއީދުކުރެއްވިއިރު، މި ނިންމުން ފާސްވެފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތު ވޯޓުންނެވެ.
މެންބަރު ޝަމްހީދު މި ހުށަހެޅުން ހުށަހަޅުއްވަމުން ވިދާޅުވީ، ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ އޮނިގަނޑު ތަންފީޒުކުރުމުގައި ހުރި ގިނަ ކަންބޮޑުވުންތަކާއި ޝަކުވާތައް މަޖިލީހަށް ލިބެމުންދާ ކަމަށެވެ. އެހެންކަމުން، މި ކަންކަން ހިނގަމުންދާ ގޮތާއި އެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކޮށް، ކަންކަން ސާފުކުރުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން ޕޭ ކޮމިޝަންގެ ބޭފުޅުން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރާނެ ތާރީޚެއް ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑައަޅައި، އެ ކޮމިޝަނަށް އަންގާނެ ކަމަށް ބެލެވެއެވެ.