ރާއްޖޭގެ 3 ސަރަހައްދެއްގައި ޑޮމެސްޓިކް ޝެލްޓަރު ޤާއިމްކުރަނީ؛ އައްޑޫ ޝެލްޓަރުގެ މަސައްކަތް ޖެނުއަރީ މަހު ނިންމަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 52ސ
ރާއްޖޭގެ 3 ސަރަހައްދެއްގައި ޑޮމެސްޓިކް ޝެލްޓަރު ޤާއިމްކުރަނީ؛ އައްޑޫ ޝެލްޓަރުގެ މަސައްކަތް ޖެނުއަރީ މަހު ނިންމަނީ

ރާއްޖޭގެ ތިން ސަރަހައްދެއްގައި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޚާއްސަ ޑޮމެސްޓިކް ވައިލަންސް (ޑީވީ) ޝެލްޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އޭގެތެރެއިން އައްޑޫ ސިޓީގައި ޤާއިމްކުރާ ޝެލްޓަރުގެ މަސައްކަތް ނިންމައި އަންނަ ޖެނުއަރީ މަހު ޚިދުމަތް ދޭން ފަށާނެކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ލީޑް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ އަކްރަމް ޙުސައިން ވިދާޅުވީ، ގެވެށި އަނިޔާއާ ގުޅިގެން ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަކީ ވުޒާރާގެ އެންމެ އިސް އެއް މަސައްކަތް ކަމަށެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެ އަދި ރ. އުނގޫފާރުގައިވެސް ޑީވީ ޝެލްޓަރު ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ ތެރެއިން އައްޑޫގައި ޤާއިމްކުރާ ޝެލްޓަރުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އަންހެނުން ބާރުވެރިކުރުވުމަށާއި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ވުޒާރާއިން ޚާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން، އަންހެނުންނަށް ކުރާ އަނިޔާތަކާ ގުޅުންހުރި ދިރާސާއެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އިޖުތިމާޢީ ޚިދުމަތްތައް ދިނުމުގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޒީނާޒް ޢަދުނާން ވިދާޅުވީ، އަންހެނުން ބާރުވެރިކުރުމަށް ތަފާތު އެކި ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. މީގެއިތުރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން 'އިބަމަ' މެދުވެރިކޮށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދެވޭ ކަމަށާއި، އެ ނިޒާމުގެ ނަތީޖާ ވަރަށް ރަނގަޅުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން