ކާނެ އެއްޗަކަށް ސަލާންޖެހި މީހަކަށް އަމިއްލަ ކާއެތިކޮޅު ދިނީމަ ވަޒީފާއިން ވަކިކުރި އަންހެނަކަށް އެންމެ ތަނަވަސް ޒުވާނެއްގެ އަންތބަކަށް ވެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކާނެ އެއްޗަކަށް ސަލާންޖެހި މީހަކަށް އަމިއްލަ ކާއެތިކޮޅު ދިނީމަ ވަޒީފާއިން ވަކިކުރި އަންހެނަކަށް އެންމެ ތަނަވަސް ޒުވާނެއްގެ އަންތބަކަށް ވެވުނު ގޮތުގެ ވާހަކަ-

ރިޒުޤް އިތުރުވުމަށް އެދޭނަމަ ހައިހޫނުކަމުގައި ހުރެގެންވެސް ޞަދަޤާތްކުރަން ވަރަށް ގިނައިން ބުނަމެވެ. އެއްބައަކު އެބަހަށް ފުރައްސާރަވެސް ކުރެއެވެ. އެއީ ކާކަށް ކުރެވޭނެ ކަމެއްތޯވެސް ސުވާލުކުރެއެވެ. އެހެންވެ މިރޭވެސް މިކިޔައިދެނީ ވިސްނައިލުން މުހިންމު ޙާދިސާއެކެވެ.  

އެއްދުވަހެއްގެ މެންދުރު ރެސްޓޯރަންޓަކަށް ވަން ޒުވާނެކެވެ. ވަދެ އެދުނީ ކައިލާނެ ކޮންމެވެސް އެއްޗަކަށެވެ. މީހުން ކައިފަ ހުންނަ ބާކީއެތިކޮޅުނަމަވެސް މައްސަލައެއް ނެތްކަމަށް ބުނެ އާދޭސްކުރުމުން ކޮއްޕައި ބޭރުކޮށްލީއެވެ.  

މަންޒަރު ބަަލންހުރި ވެއިޓަރަކު އޭނާގެ ފހަތުން ގޮސް ކުޑަ ޕާރުސަލެއް ދިނެވެ. އެއީ ރެސްޓޯރަންޓުން އޭނާގެ މެންދުރުގެ ކެއުމަށް ދީފައި އޮތް ޕާރުސަލެވެ. އެތަން ފެނުމުން ވަޒީފާއިން ވަކިކޮށް ފޮނުވައިލީއެވެ.  

އޭނާ ދެރައެއްވެސް ނުވެއެވެ. އާދޭހެއްވެސް ނުކުރެއެވެ. ނުކުމެގެންދިއައީއެވެ. އޭނާއަށް ކުރެވުނީ ކުށެއް ނޫންކަމާއި ޢަމަލުކުރީ ﷲ ތައާލާގެ އަމުރުފުޅަކަށްކަން އޭނާއަށް ވިސްނޭތީއެވެ. އެހެންވީމާ އޭނާ ނިކަމެތިނުކުރައްވަވާނެކަމުގެ ޔަޤީންކަމުގައެވެ.  

ގެއަސް ގޮސް ކަންތައްވީގޮތް މަންމައަށް ކިޔައިދީފައި ބުންޏެވެ. "މަންމާއެވެ! އެންމެ ދެރަވަނީ މަންމަގެ ބޭސްނަގާނެ ގޮތަކާއިމެދުގައެވެ." މަންމަ ބުނީ ދެރަނުވުމަށާއި ﷲ އަށް ވަކީލްކުރުމަށެވެ.  

ރަހްމަތަށް އެދި އިންތިޒާރުކުރާކަށްވެސް ނުޖެހުނެވެ. ގަޑިއެއްހައިއިރުވެސް ނުވަނީސް މީހަކު ބެލްޖެހުމުން ދޮރުހުޅުވިއިރު ދޮރުމަތީގައި ހުރީ ޕާރުސަލް ގެންދިއަ ޒުވާނާއެވެ. އެކަމަކު ވީދިފައި އޮތް ބައު ހެދުމުގައެއް ނޫނެވެ. ކޯޓުފަޓުލޫނުގައެވެ. ތަންކޮޅެއް ދުރުގައި ދެމީހަކުވެސް ތިއްބެވެ.  

ގެއަށް ވެއްދުމުން ދިރިއުޅުމާއިބެހޭ ގޮތުން ސުވާލުކުރީމާ ދެމައިން އުޅޭ ޙާލުކިޔައިދިނެވެ. ހުރިހާ ވާހަކަތަކެއް އަޑުއަހާފައި ބުނީ ދެރަނުވުމަށެވެ. އަތަށް ފައިސާތަކެއްވެސް ދިނެވެ. "މީގައި ހިފާށެވެ. މަންމަގެ ބޭސްފަރުވާގެ ކަންކަން ކުރިއަށްގެންދާށެވެ. ނުފުދިހުރި ބޭނުންތައް ފުއްދާށެވެ. މާދަމާ ހެނދުނު 7 ޖަހާއިރު އަހުރެމެންގެ ގެއަށް އަންނާށެވެ! ވަޒީފާއާއިމެދު ވިސްނާނެ ކަމެއް ނެތެވެ. އެގަޑީގައި ގެއިން ބައްދަލުކުރާނީ އަހުރެންގެ މަންމައެވެ."  

އޭނާ އެގަޑިއަށް ދިއުމުން މަންމަ މަރުޙަބާ ކިޔަންވެސް ގޮވައިލީ ދަރިފުޅު ކިޔާފައެވެ! ގޭގެ މަސައްކަތުގައި ގެންގުޅެންފެށތާ 3 މަސްފުރުނު ދުވަހަކީ ޒުވާނާ އާއި ދެމީހުންގެ ކައިވެނިކުރެވުނު ދުވަހެވެ. އެތަނަވަސް މަންމްގެވެސް ދަރިއަކަށް ވެވުނު ދުވަހެވެ.  

ދެން ނިކަން ބުނެބަލާށެވެ! ނުކައި ހުރެގެންވެސް ޞަދަޤާތްކުރީމާ މިފަދަ ރަނގަޅު ގޮތްތައް މެދުވެރިވަނީ ކިތައް މީހުންނަށް ހެއްޔެވެ؟ އެންމެންނަށް މެދުވެރިވާނީ އެއްގޮތަކަށް ނޫނެވެ. ޔަޤީންކަމަކީ ޞަދަޤާތްކުރުމުގައި ދީލަތިވެއްޖެ މީހަކަށް ﷲ ތަޢާލާ ރިޒުޤް ތަނަވަސްކޮށް ދެއްވަވާނެކަމެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން