ބައިވެރިޔާގެ ގާތުގައި އޭނާގެ ރަނގަޅުކަން ހާމަކުރަމުން ލޯބިވެރިޔާއާ އެކުވެރިންގެ ގާތުގަ ބައިވެރިޔާގެ ގޯސްވާހަކަ ދެއްކުމަކީ ނަރަކައިގެ އެންމެ އަޑިއަށް ވަންނަންޖެހިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ބައިވެރިޔާގެ ގާތުގައި އޭނާގެ ރަނގަޅުކަން ހާމަކުރަމުން ލޯބިވެރިޔާއާ އެކުވެރިންގެ ގާތުގަ ބައިވެރިޔާގެ ގޯސްވާހަކަ ދެއްކުމަކީ ނަރަކައިގެ އެންމެ އަޑިއަށް ވަންނަންޖެހިދާނެ ކަމެއް!

ފުރަތަމަ ކަމަކަށް ބުނެލަން އޮތީ އެއްކަމެއްގައި އެކި މީހުންގެ ގާތުގައި ވާހަކަދެއްކުމަކީ މުނާފިޤުންގެ ސިފައެއް ކަމަށެވެ. އެއާއިއެކު މިޙަދީޘްފުޅަށް ވިސްނައިލާށެވެ!  

ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވި ބަސްފުޅެއްގެ މާނައިގައިވެއެވެ. 

"މީސްތަކުންގެ ތެރެއިން އެންމެ ނުބައިކަން ބޮޑު ބައަކީ 2 މޫނުގެ ވެރިންނެވެ. އެއީ އެކަކަށް އެއް މޫނު ދައްކާފައި އނެކަކަށް އެހެން މޫނެއް ދައްކާ މީހުންނެވެ." (ޞަޙީޙް ބުޚާރީ)  

މިޙަދީޘްފުޅާއި ގުޅިގެން މިރޭ ފާހަގަކޮށްލަން ބޭނުމީ އަހަރެމެންގެ ތެރެއިން ބައެއް މީހުން ވަރަށް ޢާންމުކޮށް ކުރާ ކަމެއްގެ ވާހަކައެވެ. ބައެއް މީހުން އެމީހުންގެ ބައިވެރިޔާއަށް ދައްކާ މޫނާއި އެހެން މީހުންގެ ގާތުގައި ބައިވެރިޔާގެ ވާހަކަ ދައްކާ ގޮތް ވަރަށް ތަފާތުވާ މައްސަލައެވެ.

ބައެއް ފިރިންވެސް އަދި އަނބިންވެސް ހަމަ މިމޭރުމުން ކަންކަން ކުރެއެވެ. ބައިވެރިޔާއަށް ދައްކާ މޫނާއި އެހެން މީހުންގެ ގާތު އޭނާގެ ވާހަކަ ދައްކާގޮތް ބޮޑުތަނުން ތަފާތުކުރެއެވެ.  

މިސާލެއް:  

އަނބިމީހާ ގާތު ނުވަތަ ފިރިމީހާ ގާތު މިބުނަނީ ތިބާދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށެވެ. ކަލާއާއި ނުލައި ދުނިޔޭގައި އުޅެންވެސް ބޭނުން ނުވާކަމަށެވެ. ގެއިން ނުކުމެ ލޯބިވެރިޔާ އާއި ނުވަތަ ލޯބިވާން ބޭނުންވެ ހިތުގައި އަޅައިގެން އުޅޭ މީހާ އާއި ބައްދަލުވާއިރަށް ވާހަކަ މުޅިން ބަދަލުވެއެވެ. ބައިވެރިޔާ ދެކެ ލޯބިވާ ކަމަކަށްވެސް ނުވެއެވެ. ތިމާ ދެކެ ބައިވެރިޔާ  ލޯބިވާކަމަކަށްވެސް ނުވެއެވެ. ބައިވެރިޔާގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ހުންނަ ކަމަކަށްވެސް ނުވެއެވެ. ހަމަ މިމޭރުމުން އެކުވެރިންގެ ގާތުގައިވެސް ވާހަކަދައްކައެވެ.  

ނިކަން ބުނެބަލާށެވެ! މިފަދައިން ޢަމަލުކުރާ މީހާއީ ދެމޫނުގެ ވެރިއަކަށް ނުވާނީ ކީއްވެގެން ހެއްޔެވެ؟ މިބުނަނީ މުނާފިޤުންގެ ތެރޭގައި އޭނާ ހިމެނޭނެ ވާހަކައެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފަށަމުން ބުނިފަދައިން ދެ މޫނުގެ ވެރިންނަކީ މުނާފިޤުންނެވެ. އެއީ މުނާފިޤުންގެ ސިފައެކެވެ. މުނާފިޤުންވަނީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުތަކުގައެވެ. އެންމެ ގަދަފަދަ ޢަޛާބުގައެވެ. ވީމާ ނުއެނގި ތިބެ ނަމަވެސް މިހައި ބޮޑެތި ފާފަތައް ކުރެވޭކަމީ ހިތާމަހުރި ކަމެކެވެ.  

ފިރިމީހާއަށް ނަމަވެސް އަދި އަނބިމީހާއަށް ނަމަވެސް އެއް މޫނު ދައްކާށެވެ! ހިތްހަމަ ނުޖެހޭނަމަ އެކަން ކުރިމަތީގައި ބަޔާންކުރާށެވެ. ގާތުގައި ތަޢްރީފްކޮށްފައި ދުރުގައި އެހެން ގޮތްގޮތަށް ވާހަކަ ނުދައްކާށެވެ! އެއިރުން އެވެވެނީ 2 މޫނުގެ ވެރިއަކަށެވެ.  

ބައެއް މީހުން މިފަދަ ކަންކަން ކުރަނީ ކަމުގެ ބޮޑުކަން ނުއެނގި ތިބެ ކަމަށް ވެދާނެއެވެ. ވީމާ ހޭލުންތެރިވާށެވެ! ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް ހަމަ އެއްވެސް ކަމެއްގައި 2 މޫނުގެ ވެރިއަކަށް ނުވާށެވެ! ތިބާއަކީ އެންމެ ނުބައިކަން ބޮޑު މީހަކަށްވެދާނެ ކަމަށް ބިރުވެތިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން