"ބައެއް ދެމަފިރިން ވަރަށް ދަތިޙާލުގައި އުޅެމުންގޮސް އެތައް އަހަރެއްވާފަހުން ފިރިމީހާއަށް ބޮޑު ތަނަވަސްކަމެއް ނުވަތަ ކުރިއެރުމެއް ލިބުމުން އަނބިމީހާ ނިކަމެތިކޮށް އެއްލައިލައެވެ. ވަރިކޮށް އެކަނިވެރިކޮށްލައެވެ. ހަގު އަންތބަކު ހޯދައި ދޮށީ އަނބި ބާކީކޮށްލައެވެ. މިއީ ހަމަ ހުއްދަ ކަންކަންތޯ؟" ކުރެވޭ ސުވާލަށް ޖަވާބެއް ދޭން މިގެނެސްދެނީ ފައިދާކުރާނެ ލިޔުމެވެ. އިން ޝާ ﷲ
ތިމާ އަށް ދަތހާލަތެއް މިންވަރުކުރައްވަވައިފިނަމަ އެ ހާލަތުގައި ތިމާ އާއިއެކު ކެތްތެރިވާ އަނބިމީހާއަށް ދެރަ ގޮތެއް ނުހަދާށެވެ! އެފަދަ އަންތބަކު ދޫކޮށްނުލާށެވެ! ޢަދުލުވެރިވުމަކީ އެއީއެވެ. އެއްވެސް ކަމެއްގައި ޢަދުލުވެރިނުވުމަކީ އަނިޔާވެރިވުމެވެ. އަނިޔާވެރިކަން ﷲ ތަޢާލާ ވަނީ ނަހީކުރައްވަވައިފައެވެ.
ދިރިއުޅެމުންދާއިރު ކޮންމެ މީހަކަށްވެސް ވަރަށް ބޮޑެތި ދަތިތައް އުފުލަން ޖެހިދާނެއެވެ. މުޞީބާތްތަކަށް ކެތްތެރިވާންޖެހޭ ދަތިޙާލަތުގައި ތިމާ އާއިއެކު ކެތްތެރިވާ އަނބިމީހާ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ!
މިއީ ހުރިހާ ފިރިހެނުންނަށް އަޅުގަނޑުކުރާ ވަޞިއްޔަތެކެވެ.
އައްޔޫބްގެފާނުގެ ތަނަވަސްކަން ގެއްލިވަޑައިގެން އަދި އާލާސްކަންފުޅު ބޮޑުވުމުން އެކަލޭގެފާނު ދެކެ ވަރަށް ލޯބިފުޅުވާ އެންމެ އނބިކަނބަލަކު ފިޔަވައި އެހެން ހުރިހާ އަނބިކަނބަލުން އެކަލޭގެފާނު ދޫކުރެއްވެވިއެވެ. އެކަލޭގެފާނުގެ އަރިއަހުގައި ދެމިހުންނެވި އަނބިކަނބަލުން އެކަލޭގެފާނަށް ފަރިއްކޮޅު އެރުވުމަށްޓަކައި ގޭގޭގައި ނޯކިރީކޮށްދެއްވައިގެން ތަކެތި ހޯއްދެވިއެވެ.
ދެމަފިރިކަނބަލުންގެ މެދުގައި ޚިޔާލުފުޅު ތަފާތުވުމުގެ ކަމެއް ވެސް ހިނގިއެވެ. ﷲ ތަޢާލާ އައްޔޫބްގެފާނަށް އެންގެވީ އެކަމަނާއަށް ރަޙުމް ކުރެއްވެވުމަށެވެ. އެކަމަނާއަށް ދެރަ ގޮތެއް ނުހެއްދެވުމަށެވެ. އެކަމަނާ ދޫކޮށް ނުލެއްވެވުމަށެވެ.
މިއީ އަހަރެމެން އެންމެންވެސް ޢިބްރަތް ޙާޞިލުކޮށް ޢަމަލުކުރަން ޖެހޭނެ އުޞޫލެވެ. ކަންކުރަންޖެހޭނެ ގޮތެވެ!
ޢިލްމްވެރިޔާގެ މިބަސްފުޅާއިއެކު ބުނެލަން ބޭނުންވަނީ ޙާލަތު ނިޔާކުރާ ގޮތުން އިތުރު އަންތބަކަށް ބޭނުންވެގެން 2 ވަނަ ކައިވެނި ކުރިނަމަވެސް ތިމާއާއިއެކު ކެތްތެރިވި އަނބިމީހާ ފަސްޓްލޭޑީގެ މަޤާމުގައި ބައިންދަންޖެހޭނެއެވެ. އޭނާ ދެރަކޮށް ނިކަމެތިކޮށްލައިގެން ނުވާނެއެވެ.
- މިއަދުނޫސް