ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ގެ ތަސައްވުރަށް ވާސިލުވުމަށްޓަކައި ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމަށް ގެންނަންޖެހޭ ކުރިއެރުންތައް ފާހަގަކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެކަންކަން ތަންފީޒުކުރުމަށް ސަރުކާރުން ޚާއްސަ އަމާޒެއް ހިފާފައިވާކަމަށް މާލީ ވަޒީރު ވިދާޅުވެއްޖެއެވެ.
ޤައުމީ ތަފާސްހިސާބުގެ ދުވަހުގެ މުނާސަބަތުގައި އިއްޔެ ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ ސިޔާސަތުތައް ހަރުދަނާ އުސޫލެއްގެ ދަށުން އެކުލަވާލުމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ކުރާ ހަރަދުން އެންމެ އެދެވޭ ނަތީޖާ ނެރެދެވޭކަން ޔަގީންކުރުމަށް އިތުބާރުހުރި އަދި އަދާހަމަ ތަފާސްހިސާބުގެ ބޭނުން މިއަދު އަޅުގަނޑުމެންނަށް ނުހަނު ބޮޑަށް ޖެހިފައިވާ ކަމަށެވެ.
މާލީ ވުޒާރާގެ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ޒިންމާދާރުގޮތުގައި ދައުލަތުގެ މާލިއްޔަތު ބައްޓަންކޮށް، ފިސްކަލް ޕޮލިސީ ތަންފީޒުކޮށް، ޕަބްލިކް ފައިނޭންސް މެނޭޖްކުރުމަށްޓަކާ ތަފާސްހިސާބުގެ ބޭނުން ވަރަށް ފުޅާދާއިރާއެއްގައި ކުރެވޭ ކަމަށެވެ. ބަޖެޓް ތައްޔާރުކުރުން، ފިސްކަލް ރިސްކްތައް ދެނެގަތުން، އަދި ދައުލަތުގެ ވަސީލަތްތައް ރަނގަޅަށް ބޭނުންކުރުން ފަދަ ކަންކަމުގައި ތަފާސް ހިސާބުތަކުން ދައްކުވައިދެނީ މަސައްކަތްތައް ކާމިޔާބުވި މިންވަރާއި، ހާސިލްވި ނަތީޖާއާއި، އިގުތިސާދަށް ކުރި ފައިދާގެ އިތުރުން ކުރިއަށް އޮތް ތާނގައި ސިޔާސަތުތައް ހަރުދަނާ ކުރުމަށް ކުރަންވީ މަސައްކަތުގެ މިންވަރު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ރާއްޖޭގެ ޤައުމީ ތަފާސްހިސާބުގެ ނިޒާމު އެކުލެވިގެންވާ ހުރިހާ އިދާރާތަކަކުންވެސް ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ ސްޓޭންޑަރޑްތައް ބޭނުންކުރުމަށާއި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް ހަލުވިކޮށް، ތަފާސްހިސާބުގެ ފެންވަރު ވަރުގަދަކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި މާލީ ވުޒާރާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަޒީރު އެރުއްވިއެވެ.
އިތުބާރުހުރި ތަފާސްހިސާބަކީ ރާއްޖެފަދަ ޑިމޮކްރެޓިކް މުޖުތަމައެއްގެ މައުލޫމާތުގެ ނިޒާމުގެ ތެރޭގައި ހިމެނޭ އަގުނުކުރެވޭހާ މުހިންމު ވަސީލަތެއްކަން ފާހަގަކުރައްވަމުން، ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމަ އެއްބާރުލުން ދެއްވައި، ޕޮލިސީ ލެވެލްގެ މަސައްކަތްތަކަށް ތަފާސްހިސާބު ބޭނުންކުރުން އިތުރުކުރުމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި ތަފާސްހިސާބުގެ އަލީގައި ކަންކަން ނިންމުމަށް ބާރުއެޅުމަށްޓަކައި އާންމު ހޭލުންތެރިކަން އިތުރުކޮށް، ތަފާސްހިސާބަށް އަހުލުވެރި ޖީލެއް ބިނާކުރުމަށް އެންމެން ގަދައަޅައި މަސައްކަތްކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ހަބަރު: ސަރުކާރު