އެދެމަފިރިންނަކީވެސް ވަރަށް ލޯބިން އެކުގައި އުޅެމުން އަންނަ ދެމަފިރިންނެވެ. ފިރިމީހާގެ މަންމައަށް އެނގިފައި އޮތީ ދެމަފިރިން ދިރިއުޅޭގެވެސް ރަނގަޅު ފެންވަރަކަށް ހަދައިފިކަމާއި ދިރިއުޅެނީ ފުދިގެންކަމެވެ. އެހެންވެ އަންގައިވެސް ނުލައި ހަގަށް ތިބި 3 ދަރިން ގޮވައިގެން ދުވަސްކޮޅަކު އެގޭގައި ތިބެން ދިއައެވެ.
ދެމަފިރިން އެމީހުންނަށް މަރުޙަބާކިޔެވެ. އެމީހުންގެ ފެންވަރުން ކާންދީ އެހެން ކަންކަންވެސް ކޮށްދެއެވެ. ނަމަވެސް މަންމައަކަށް އެވަރަކުން ނުފުދުނެވެ. ކާންލިބޭވަރު މަދުވެފައި ފެންވަރުދަށްކަމުން ޅީދަރިފުޅަށް އެއްޗެތިގޮވުން ހުއްޓައެއް ނުލިއެވެ.
ދުވަސްކޮޅަކު ކެތްތެރިވެގެން އިނދެފައި އަނބިމީހާ އޭނާގެ ފައިސާއިން ގެއަށް ޚަރަދުކުރުން ހުއްޓައިލިއެވެ. ފިރިމީހާގެ ގާތުގައި ބުނީ މަންމަމެންގެ ޚަރަދާއި ގޭގެ ޚަރަދު ބެލެހެއްޓުމަށެވެ. އަނބިމީހާ އެހެން އެބުނީ ކީއްވެގެންކަން އެނގޭތީ ބުނެވޭނެ އެއްޗެއް ނެތެވެ.
ޖެހިގެން އައި ދުވަހު ޅީދަރިފުޅު އޮފީހަށް ދިއައީ ނުކައްކައެވެ. މައިދައިތަ ބަދިގެއަށްވަދެ ބެލިއިރު ކައްކާނެ އެއްވެސް އެއްޗެއް ނެތެވެ. ހަވީރުވުމުން ދަރިފުޅު ގެއަށް އައުމުން އެކަމުގެ ޝަކުވާ ކުރުމުން ބުންޏެވެ. "މަންމާއެވެ. މިގެ ހެދީ އަހުރެންގެ ފައިސާއަކުން ނޫނެވެ. ގޭގެ ޚަރަދުގެ ބޮޑުބައިވެސް ބަލަހައްޓަނީ އަނބިމީހާއެވެ. އެއީ އަހުރެންނަށް ލިބޭ މުސާރަ ކުޑަކަމުންނެވެ. ހަމަޖެހިގެން މިއުޅެވެނީ އަނބިމީހާގެ ރަނގަޅުކަމާ ހަރުދަނާ ކަމުންނެވެ. މަންމަމެން ގެއަށް އައުމުންވެސް ކަންކަން ކޮށްދޭން އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް މަންމަގެ ހިތް ނުފުރުނީއެވެ. އަބަދު އެއްޗެތި ގޮވަމުން ގެންދިއައިމަ ކަންކަން ވާނެ ގޮތަށް އެވީއެވެ. ދެން އޭނާ ގެއަކަށް ޚަރަދެއް ނުކުރާނެއެވެ. އަހުރެންގެ އަތަކު އެއްވެސް ފައިސާއެއް ނެތެވެ."
މަންމައަށް ބުނެވުނެވެ. "މަންމައަށް ނުއެނގުނީއެވެ. މަންމަ ހީކުރީ ގެހަދައި ހުރިހާ ޚަރަދެއް ތިއަކުރަނީ ދަރިފުޅުކަމަށެވެ. އެމަންޖެއާއިމެދު ކަންތައްކުރެވުނު ގޮތުން ވަރަށް ދެރަވެއްޖެއެވެ. ލަދުވެސް ގަނެއްޖެއެވެ. އެމަންޖެ ގެއަށް އައިމަ މަންމަގެ ފަރާތުން މާފަށް އެދިދޭށެވެ. މަންމަ އަވަހަށް މިދަނީއެވެ. ފަހުން އައިސް މާފަށްވެސް އެދޭނަމެވެ."
ދަރިފުޅު ބުންޏެވެ. "މަންމާއެވެ! އޭނާ މަންމައަކަށް ހިތްބުރައެއް ނުކުރާނެއެވެ. ނަމަވެސް ދެންވެސް ވިސްނައިގެން ކަންކަން ކުރާށެވެ! ޙަޤީޤަތް ނުބަލައި ވާހަކަނުދައްކާށެވެ! ދުވަހަކުވެސް މަންމަ ދެރަވާނެކަމެއް އޭނާ ނުކުރޭ ނޫން ހެއްޔެވެ؟"
މިފަދަ ތަފާތު ޙާދިސާތައް ދަނީ ހިނގަމުންނެވެ. ދެމަފިރިން އެކުގައި އުޅެމުންދަނިކޮށް ގުޅުމަށް ހުރަސްއަޅަން ޤަބްދުގައި ކަންކަންކުރާ މައިދައިތައިންވެސް އަދި މައިންވެސް މަދެއް ނޫނެވެ. ޅީދަރިފުޅު ނުވަތަ ދަނބިދަރިފުޅުގެ އަގުވަޒަން ނުކުރާ މީހުން ވަރަށް ގިނައެވެ.
ޢާއިލީ ގުޅުން ދެމެހެއްޓޭނީ ދަރިންނަށް މިނިވަންކަމާއިއެކު އުޅެން ފުރުޞަތުދީގެންނެވެ. ރަނގަޅު ގޮތުގައި އުޅެމުން އަންނަނަމަ އޮތީ ހިތްވަރުދިނުމެވެ. އެންމެންނަށް ގުޅިގެން އުފަލުގައި އުޅެވޭނީ އެއިރުންނެވެ.
- ސަންފަ / މިއަދުނޫހުގެ ކިޔުންތެރިއެއް