އަނބިމީހާގެ ހިތުގަ ޖައްސުވައި ނިކަމެތިކޮށް ރޮއްވަމުން ގެންދާއިއިރުވެސް އެކަން ކުރަނީ ތިމާގެ މަންމައާއި އުޚުތުންނާއި އަޚުންކަމަށްވާތީ އަނބިމީހާގެ ދިފާޢުގައި ބަހެއް ބުނަން ފަސްޖެހޭ ފިރިން ތިބެއެވެ. މިއީ ވަރަށް ނުރައްކައުތެރި ކަމެކެވެ.
ކައިވެނިކުރަނީ އަނބިމީހާއަށް ދޭންޖެހޭ ރައްކައުތެރިކަމާއި ޙިމާޔަތްދޭނެ ކަމަށް ޔަޤީންކަން ދެމުންނެވެ. އެއީ ބޭރުން މީހަކު އައިސް އަނބިމީހާއަށް ޖިސްމާނީ އަނިޔާ ކުރިއަ ނުދިނުން އެކަންޏެއް ނޫނެވެ. އެއިގެ ފުރިހަމަ މާނައިގައި އަނބިމީހާ ހިތްދަތިނުކުރުމާއި ނިކަމެތި ނުކުރުންވެސް ހިމެނެއެވެ. އަނބިމީހާގެ ދިފާޢުގައި ޙައްޤުބަސްބުނެ ޙައްޤުތައް ކަށަވަރުކޮށްދިނުންވެސް ހިމެނެއެވެ.
އަނބިމީހާ ގެއަށް ގެންދަންވާނީ އޭނާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރެވޭނެނަމައެވެ. އަނބިމީހާއަށް ދެވޭނެ އެންމެ ބޮޑު އަނިޔާއަކީ ހިތުގަ ޖައްސުވައި ނަފްސާނީ ގޮތުން ބަލިކަށިކުރުވުމެވެ. ނަމަވެސް އެކަން ނުވިސްނޭ ފިރިން ވަރަށް ގިނައެވެ.
ކުޑަ ޙާދިސާއެއްވެސް ކިޔައިދޭނަމެވެ. މަންމަ އާއި ކޮއްކޮ އަނބިމީހާއަށް ފުރަތަމަ ކުރަންފޭށީ ފުރައްސާރައެވެ. ދެން ބުންނަންފެށީ އެއްވެސް ކަމެއް ކުރަން ނުއެނގޭކަމަށެވެ. ދެން ކުރަންފެށީ ޖެއްސުމެވެ. ދެންކުރަންފެށިކަމަކީ ގެއަށް އަންނަ މެހްމާނުންގެ ގާތުގައި އޭނާގެ ނުބައި ވާހަކަތައް ދައްކަން ފެށުމެވެ.
އެކަންކަމަށް ކެތްކުރަން ހަދައިގެން ބަލިކަށިވަމުން އައިސް ނަފްސާނީ ގޮތުން ބަލިމީހަކަށްވީއެވެ. ތެދުވެ ނުއުޅެވޭ ޙާލަތަށް ކަންކަން ދިއައީއެވެ. އެއިރުވެސް އަނބިމީހާގެ ދިފާޢުގައި ފިރިމީހާ ބަހެއްވެސް ނުބުނެއެވެ.
ފިރިމީހާއަށް ކަންކަން ވިސްނުނީ ޑޮކްޓަރު ދިން އިންޒާރުތަކުންނެވެ. އަނބިމީހާއަށް ރައްކައުތެރިކަން ނުދެވޭނަމަ ދުނިޔެއިން މޮޔަވެދާނެކަމުގެ އިންޒާރު ދިނުމުންނެވެ. އެހިސާބުން ފިރިމީހާއަށް ކަންކަން ވިސްނި އަނބިމީހާ ގޮވައިގެން ގެއިން ނުކުމެ ވަކިން ދިރިއުޅެން ފެށިއެވެ. އަނބިމީހާގެ ކަންކަން ހަމައަކަށް އެޅުވުނީ އަހަރުވީ ފަހުންނެވެ.
މިފަދަ ޙާދިސާތައް ހިނގަނީ މަދަކުންނޫނެވެ. އެންމެ ދެރަކަމަކީ މިފަދަ ޙާލަތު މެދުވެރިވުމުން އަނބިމީހާ ދޫކޮށްލެވޭ ކަމެވެ. އަހުރެން ބުނާނީ އެއީ އަނބިމީހާ މަރައިލުން ފަދަ ކަމެއް ކަމަށެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭނެ ދުވަހު ސަލާމަތް ނުވެވޭނެ ކަންކަމެވެ.
އަމިއްލަ ޢާއިލާއަށް އިޙްތިރާމްކުރަންވާނެއެވެ. އިޙްތިރާމްކުރުމަކީ އަނބިމީހާގެ ހިތުގައި ޖައްސުވަން ދޫކޮށްލުމެއް ނޫނެވެ. އެގޮތަށް ދޫކޮށްލާނެނަމަ ކައިވެނި ނުކުރާށެވެ. ކައިވެނިކޮށްގެން ގެއަށް ނުގެންދާށެވެ. އުންމީދުކުރަނީ މިދިން ނަޞީޙަތުން ފައިދާކުރާނެ ކަމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން