ރަސްމާލެއިން ބޯހިޔާވަހިކަން ދިނުމުގައި އިސްކަންދޭނީ އަލަށް ގެދޮރުވެރިވާ ފަރާތްތަކަށް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 39ސ
ރަސްމާލެއިން ބޯހިޔާވަހިކަން ދިނުމުގައި އިސްކަންދޭނީ އަލަށް ގެދޮރުވެރިވާ ފަރާތްތަކަށް: ރައީސް

ރަސްމާލެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ހައުސިންގ ޔުނިޓުތައް ޚާއްޞަކުރާނީ އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އަދި އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ ރައްޔިތުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސަތުތަކާއި ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ހާމަކުރެއްވުމަށް ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލެއިން ދޫކުރާ ފްލެޓުތައް ވެގެންދާނީ ދިވެހި ރައްޔިތުންނަށް އަތްފޯރާ ފަށުގެ އަގުތަކެއްގައި ލިބިގެންދާނެ ތަންތަނަށް ކަމަށެވެ. އެގޮތުން، ޔޫއޭއީގެ އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ޙަވާލުކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 5،000 ހައުސިންގ ޔުނިޓެކޭ އެއްފަދައިން، ރަސްމާލޭގެ ހައުސިންގ ޔުނިޓުތަކުގެ އަގުތައް ވެސް ހުންނާނީ އާންމު ރައްޔިތުންނަށް އަތްފޯރާނެ މިންވަރެއްގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގައި މިހާރު ވެސް އެކި ކުންފުނިތަކާއި، ބޭންކް އޮފް މޯލްޑިވްސްގެ އެފޯޑަބަލް ހޯމް އަދި ހޯމް ލީޒިންގ ސްކީމްތަކުގެ ދަށުން 3،000 އާއި 4،000 އާ ދެމެދުގެ އަދަދަކަށް ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތްތައް ދަނީ ހިނގަމުންނެވެ. އަދި ރަސްމާލެއިން ބޯހިޔާވަހިކަން ދޫކުރާނެ އުސޫލުތައް ފަހުން އިޢުލާނުކުރެއްވި ނަމަވެސް، އެ މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދިވެހިންގެ ތެރެއިން މިވަގުތު ދިރިއުޅޭނެ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް އެ ފުރުޞަތު ފަހިކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

"ކޮންމެ ގޮތެއް ވިޔަސް އެއްކަމަކީ، މި ތަންތަން ލިބޭނީ ދިވެހިންނަށް. ދެވަނަ ކަމަކީ، މި ތަންތަން ލިބޭނީ އެންމެ ފުރަތަމަ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށްކަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މިހާރު ވެސް އެއްވެސް މަޝްރޫޢަކުން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތްތަކަށާއި ދިރިއުޅޭނެ އެހެން އިންތިޒާމެއް ހުރި މީހުންނަށް މި މަޝްރޫޢުން ފުރުޞަތެއް ނޯންނާނެއެވެ. ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އަލަށް ގެދޮރުވެރިވާ ފަރާތްތަކަށް އިސްކަންދިނުމެވެ. އެގޮތުން ޒުވާނުންނާއި، ރިސޯޓު މުވައްޒަފުންނާއި، މަސްވެރިންގެ އިތުރުން ސިވިލް ސާވަންޓުންނާއި އެކި ދާއިރާތަކުގެ މަސައްކަތްތެރިންނަށް ކަނޑައެޅޭ ކޯޓާތަކުން ވެސް ޖާގަ ލިބޭނީ އެ ފަރާތްތަކުގެ "ފަސްޓް ހޯމް" ނުވަތަ އަލަށް ހޯދާ ބޯހިޔާވަހިކަން ކަމުގައިވާ ނަމައެވެ.

ރަސްމާލޭގައި ޢިމާރާތްކުރެވޭ 5,000 ހައުސިންގ ޔުނިޓަކީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަ އަގުތަކުގައި ލިބޭނެ ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ ކަމަށް ރައީސް ވިދާޅުވިއެވެ. މަޝްރޫޢުގެ ތާވަލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު ފަހަނައަޅައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހާ ހިސާބަށް ދާއިރު ގިނަ ފްލެޓްތަކެއްގެ އޮނިގަނޑާއި ފިނިޝިންގ މަސައްކަތްތަކުގެ ބޮޑުބައެއް ނިމޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ސަރަޙައްދުގައި ދިރިއުޅުމަށް ބޭނުންވާ އެންމެހައި އަސާސީ ޚިދުމަތްތަކާއި ވަޞީލަތްތައް ވެސް ޤާއިމުކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު އޮންލައިން