ރަސްމާލޭގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ މަޝްހޫރު ކުންފުނި 'އީގަލް ހިލްސް' އިން ތަރައްޤީކުރާ ރިއަލް އެސްޓޭޓް ޕްރޮޕަޓީތައް ބޭރުގެ ފަރާތްތަކަށް ވިއްކުމުގައި، ވަކި އެއް ޤައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ވެސް ގަނެވޭނީ %25 ކަމަށާއި، މި މަޝްރޫޢުން އިޒްރޭލުގެ ރައްޔިތުންނަށް އެއްވެސް ފުރުޞަތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާއަށް މައުލޫމާތުދެއްކަވަމުން ރައީސް މިހެން ވިދާޅުވީ، އީގަލް ހިލްސްގެ ޕްރޮޕަޓީތައް ގަންނަ ބޭރުގެ ފަރާތްތަކަށް ދިވެހި ރައްޔިތުކަން ލިބިދާނެތޯ އާންމުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކާ ގުޅިގެންނެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުކަން ދެވޭނެ އުޞޫލުތައް ޤާނޫނުގައި ވަރަށް ސާފުކޮށް ކަނޑައެޅިފައިވާ ކަމަށާއި، މިފަދަ މަޝްރޫޢަކުން ރައްޔިތުކަން ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.
މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން ވިއްކާ އެއްވެސް ޕްރޮޕަޓީއެއް ވަކި ޤައުމެއްގެ ބަޔަކަށް އެކަނި ޚާއްޞަވެގެން ނުދާނެކަން ކަށަވަރުކުރުމަށްޓަކައި، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިއަލް އެސްޓޭޓާ ބެހޭ އައު ޤާނޫނެއް ތަޢާރަފްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޤާނޫނުގެ ދަށުން ބޭރުގެ ޤައުމުތަކުގެ މީހުންނަށް ރިއަލް އެސްޓޭޓް މިލްކުކުރެވޭނެ މިންވަރު ވަކި އިންސައްތައަކުން ލިމިޓުކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ، އެއްވެސް ޤައުމެއްގެ ރައްޔިތުން އެންމެ ގިނަވެގެން %25 އަށޭ ތިބެވޭނީ އިނގޭތޯ. އެއަށްވުރެ ގިނައިން ވަކި ޤައުމެއްގެ ރައްޔިތުންނަށް ނުތިބެވޭނެ. އަދި އަމުދުން އިޒްރޭލުގެ ރައްޔިތުންނަކަށް ނުތިބެވޭނެ،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި މި އައު ޤާނޫނު ވުޖޫދަށް އައުމާއެކު ރާއްޖޭގެ ރިއަލް އެސްޓޭޓް މާރުކޭޓު ހަރުދަނާ އުޞޫލުތަކަކުން ރެގިއުލޭޓްކުރެވި، ބޭރުގެ އިންވެސްޓްމަންޓްތަކަށް ހަމަހަމަ އަދި ރައްކާތެރި މާޙައުލެއް ޤާއިމުވެގެންދާނެއެވެ.