އޮޕަރޭޝަން ކުރަމުންދާ ވަގުތު ހަށިގަނޑުގެ ނާރުތަކުގައި ދައުރުކުރާ ސިގްނަލްތަކަށް އަންނަ ބަދަލުތައް ވަގުތުން ދެނެގަނެވޭ "އިންޓްރާ އޮޕަރޭޓިވް ނިއުރޯފިޒިއޮލޮޖިކަލް މޮނިޓަރިން" (ނިއުރޯ މޮނިޓަރިން) ނިޒާމު އޭޑީކޭ ހޮސްޕިޓަލުގައި ޤާއިމްކޮށް، އެ ޚިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ.
އޭޑީކޭ ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ ސިކުނޑިއާއި، މައިބަދައިގެ ނާރުތަކުގެ އިތުރުން ހަށިގަނޑުގެ އެކި ބައިތަކަށް ގުޅިފައިވާ ނާރުތަކުގެ ނިޒާމާ ގުޅޭ ބޮޑެތި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ރައްކާތެރިކަމުގެ ޚާއްޞަ ނިޒާމެކެވެ. މީގެ ކުރިން ބަލިމީހާ ހޭނައްތައިގެން ކުރާ އޮޕަރޭޝަންތަކުގައި، އޮޕަރޭޝަނުގެ ތެރެއިން ނާރުތަކަށް ކުރާ އަސަރުތަކާއި ބަލިމީހާއަށް ވާގޮތް ވަގުތުން ދެނެގަތުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުއްޓެވެ.
ނަމަވެސް، އަލަށް ތަޢާރަފްކުރެވުނު މި ނިޒާމުގެ ސަބަބުން އޮޕަރޭޝަން ހިނގަމުންދާ ވަގުތު ނާރުތަކުގެ ސިގްނަލްތަކަށް އަންނަ ބަދަލުތައް ޑޮކްޓަރުންނަށް ވަގުތުން ވަގުތަށް ސާފުކޮށް ފެންނަން ހުންނާނެއެވެ. މީގެ ސަބަބުން ނާރުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވެ، އޮޕަރޭޝަންތަކުގައި ކުރިމަތިވެދާނެ ނުރައްކާތަކާއި ހިރާސްތައް ނުހަނު ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އޭޑީކޭއިން ފާހަގަކުރެއެވެ.