ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށާއި، ޓެކުހުން އެއްކިބާވުމަށް ހިންގާ މުއާމަލާތްތައް ހުއްޓުވުމުގެ މަޤްޞަދުގައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީއެވެ.
މި އިޞްލާޙުގެ ދަށުން، ޓެކުހާ ގުޅޭ ނާޖާއިޒު މަންފާއެއް ހޯދުމުގެ ނިޔަތުގައި ނުވަތަ އެފަދަ ކަމަކަށް މަގުފަހިވާ ގޮތަށް ހިންގާ މުއާމަލާތްތަކަކީ ޓެކުހުން އެއްކިބާވުމުގެ މުޢާމަލާތްތަކެއް ކަމަށް ބެލެވޭނެއެވެ. އަދި ޖީއެސްޓީ ދެއްކުމުން އެއްފަރާތްވުމަށް އެފަދަ ގޮތަކަށް އަމަލުކުރާ މުއާމަލާތްތަކަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވޭނެ މުޢާމަލާތްތަކެއް ނޫން ކަމަށް ކަނޑައެޅުމުގެ ފުރިހަމަ ބާރު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށް ލިބިގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކުޑަކުރުމާއި، ޓެކްސް ފައިސާ ދައްކަންޖެހޭ ތާރީޚު ފަސްކުރުން ފަދަ ކަންކަން ބެލެވޭނީ ޓެކުހާ ގުޅޭ މަންފާގެ ގޮތުގައެވެ. މީގެއިތުރުން، ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކާއި އެއާ ގުޅުންހުރި ޚިދުމަތްތަކުން ޓެކްސް ނުނަގާ ގޮތަށް ހަމަޖެއްސުމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ.
މި ބިލަށް ޢަމަލުކުރަން ފަށާނީ މަޖިލީހުން ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ހިސާބުންނެވެ.