ތަޢުލީމީ ދާއިރާގެ އެކި ފަރާތްތަކުން ބާއްވާ ކޮންފަރެންސްތަކާއި ބައްދަލުވުންތަކުގައި ވަކި ކަމަކަށް އެކަނި ޚާއްސަކުރުމުގެ ބަދަލުގައި، މުޅި ތަޢުލީމީ ދާއިރާއަށް ހެޔޮ ބަދަލު ގެންނާނެ ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރަންޖެހޭ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީ ކުރުމާބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެ ވުޒާރާއާއި ޔުނިސެފާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން މުދައްރިސުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ "މަޝްވަރާ" ޕޮލިސީ ޑައިލޮގު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، 2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ހާސިލުކުރެވޭނީ ތަޢުލީމީ ދާއިރާގެ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. އަދި ޤައުމެއް ކުރިއަރައިގެން ދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރާނެ ބަޔަކީ އިންސާނީ ވަސީލަތްތައް ބިނާކުރާ ފަރާތްތައްކަން ފާހަގަކުރައްވައި، މުދައްރިސުންގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރު ހަރުފަތްތަކަށް ގެންދިއުމަށްޓަކައި ޕޮލިސީ ލެވެލްގައި މުދައްރިސުންނާއި، ޕްރިންސިޕަލުންނާއި، ދަރިވަރުން އަދި ޕޮލިސީ އެކުލަވައިލާ ފަރާތްތައް އެކުގައި މަޝްވަރާކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކޮންފަރެންސްތަކާއި ބައްދަލުވުންތައް ވާންޖެހޭނީ، ވަކި ހަނި ދާއިރާއަކަށް ޚާއްސަކުރުމުގެ ބަދަލުގައި މުޅި ތަޢުލީމީ ދާއިރާގެ ކުރިމަގަށް އުންމީދީ ޚިޔާލުތައް ބަދަލުކުރެވޭ މައިދާންތަކަކަށް ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުގެ ސިޔާސަތަކީ ދާއިރާތަކުގެ މުވައްޒަފުންގެ އަޑުއެހުން. އެ ބޭފުޅުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުން. އަދި ސިޔާސަތުތައް ބައްޓަން ކުރުމުގައި މުދައްރިސުން ބައިވެރިކުރުވުން،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މުދައްރިސަކަށް ވުމަކީ ފަޚުރުވެރިވާފަދަ ކަމެއްގެ ގޮތުގައި ދެކޭ، އަދި އެކަމާ މެދު ފަޚުރުވެރިވާ ޒުވާނުންތަކެއް ބިނާކުރުމަށް ހުރިހާ މުދައްރިސުންނަށް ވަޒީރު ގޮވާލެއްވިއެވެ. އަދި މިފަދަ ކަންކަމަކީ މުސްތަޤުބަލުގައި ޤައުމަށް ފައިދާހުރި ކާމިޔާބު ދަރިންތަކެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.