ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އީގަލް ހިލްސް ކުންފުންޏަށް ކުއްޔަށް ދޫކުރެވޭ އެއްވެސް ސަރަޙައްދެއް ދިވެހި ދައުލަތުގެ ބާރުގެ ދަށުން ބޭރުނުވާނެ ކަމަށާއި، އެތަނުގައި ފުރިހަމަ އާރާއި ބާރާއެކު ހިނގާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތައް ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ހިނގަމުންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ނޫސްވެރިޔާ ނާފިޒްއާއެކު ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރަސްމާލޭގެ ކޮންޓްރޯލް އަބަދުވެސް އޮންނާނީ ސީދާ ދިވެހި ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށެވެ. އަދި އެއްވެސް އެއްބަސްވުމެއް ޤައުމުގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް ނުހެދޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މާލެ ސަރަޙައްދުގެ ތަރައްޤީގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން ހުޅުމާލެ ހިއްކިއިރު އެކަށީގެންވާ ދުރު ރޭވުންތެރިކަމެއް ނެތުމުގެ ސަބަބުން، އެތަނުގައި އާބާދުވާން ފެށިއިރުވެސް ބޮޑެތި އިންވެސްޓްމަންޓުތައް ޤާއިމުކުރެވިފައެއް ނުވެއެވެ. އަދި ހުޅުމާލެއަށް އެފަދަ ތަރައްޤީ އައީ އެތައް އަހަރެއް ފަހުން، މީހުން ދިރިއުޅެން ފަށައި ސިނަމާލެ ބްރިޖުގެ މަސައްކަތް ނިމުމުންނެވެ. ނަމަވެސް، ރަސްމާލެ މަޝްރޫޢު އެމަނިކުފާނުގެ ސަރުކާރުން ބައްޓަންކޮށްފައިވަނީ ރައްޔިތުންނަށް ދޫކުރާ ބިމާއި ފްލެޓުތަކަށް މީހުން ދިރިއުޅެން ބަދަލުވުމުގެ ކުރިން، ދިރިއުޅުމަށް ބޭނުންވާ އެންމެހައި ޒަމާނީ ވަސީލަތްތަކާއި އިޤްތިޞާދީ ބޮޑެތި އިންވެސްޓްމަންޓުތައް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ލިބެން ހުންނާނެ ގޮތަށެވެ.
ރަސްމާލެ މަޝްރޫޢަކީ ކުރު މުއްދަތެއްގެ ތެރޭގައި އެ ސަރަޙައްދު ތަރައްޤީކޮށްދޭނެ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އީގަލް ހިލްސްއަށް ބިން ނުވަތަ ޕްރޮޕަޓީ 99 އަހަރަށް ދޫކުރުމާ ގުޅުވައިގެން ސިޔާސީ ބޭނުމުގައި ބައެއް ފަރާތްތަކުން ރައްޔިތުންގެ މެދުގައި ޙަޤީޤަތް އޮޅޭގޮތަށް ވާހަކަ ފަތުރަމުންދާ ކަމަށެވެ. ނަމަވެސް، އެ މަޝްރޫޢާ މެދު ރައްޔިތުންގެ ހިތުގައި އުފެދޭ ޙަޤީޤީ ކަންބޮޑުވުންތަކަށް ސަރުކާރުން އަބަދުވެސް ތެދު މަޢުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މި އިންވެސްޓްމަންޓުގެ ތެރެއިން ޑިވެލޮޕް ކުރެވޭ ޕްރޮޕަޓީސްތައް ގަންނަ ފަރާތަކުން 99 އަހަރުގެ މުއްދަތަކަށް ގަނެވެނީ. އެފަރާތުން ދެން އެތަން ޖެހޭނީ ދައުލަތަށް ދޭން. ސަރުކާރުން ދެން އެހެން ފަރާތަކަށް ވިއްކަންޏާ ވިއްކާނީ. ފުލް ކޮންޓްރޯލް މިއޮންނަނީ ދިވެހި ސަރުކާރަށް. އޮޓޯއިން (އެއްބަސްވުން) ރިނިއުވެ، އަނެއްކާ އިތުރު 99 އަހަރު ލިބި، އެކަހަލަ ކަމެއް ނޫން މިއީ."ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، 99 އަހަރަށް ދޫކުރެވޭ އެއްވެސް ޕްރޮޕަޓީއެއް އެހެން އެއްވެސް ފަރާތަކަށް މިލްކުވެރިކޮށް ނުވިއްކޭނެ ކަމަށާއި، މުއްދަތު ހަމަވުމުން ނުވަތަ އެ މުއްދަތުގެ ތެރޭގައި ވިއްކާލަން ބޭނުންވި ނަމަވެސް އެތަން ޙަވާލުކުރަން ޖެހޭނީ ހަމައެކަނި ދިވެހި ދައުލަތާ ކަމަށެވެ. އަދި މި އިންތިޒާމުތަކުގެ ސަބަބުން ދިވެހި ދައުލަތަށް ނުހަނު ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ރަސްމާލޭގެ އެއްވެސް ކަމެއް ރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނީ އިމުން ބޭރުން ނުހިނގާނެ ކަމުގެ ފުރިހަމަ އިތުބާރު ރައްޔިތުންނަށް އަރުވާފައެވެ.