އެއީ ސިޙުރުވެރިއަކަށްވާން މަސައްކަތްކުރި ޒުވާނެކެވެ. އާދައިގެ ސިޙުރުވެރިއަކަށްވެސް ނޫނެވެ. އެންމެ މޮޅު ސިޙުރުވެރިއަކަށެވެ. އޭނާ ސިޙުރުވެރިއެއްގެ ގާތަށްގޮސް ކަންކަން ދަސްކުރަމުން ގޮސް އެންމެ މަތީ ހަރުފަތަށް އެރުމަށް ބޭނުންވުމުން ސިޙުރު ދަސްކޮށްދޭ މީހާ ބުނީ ދެން ކުރަން އޮތީ ވަރަށް ބޮޑު ކަމެއް ކަމަށެވެ. ގިނަ މީހުންނަށް އެންމެ މޮޅު ސިޙުރުވެރިންނަށް ނުވެވެނީ އެހަރުފަތް ގިރާނުކުރެވޭތީކަމަށެވެ.
"ދަރިފުޅާއެވެ! ދެން އޮތީ ޝިންޕިން ޖިންނިއަށް ޤުރްބާން ކުރުމެވެ. އެންމެ މަތީ ހަރުފަތަށް އަރަން ބޭނުންނަމަ ޖެހޭނީ މަންމަ ޤުރްބާންކުރާށެވެ! ވީމާ އަހަރެން މިދޭ އެތި ގެންގޮސް މަންމައަށް ކާންދޭށެވެ! އެއިރުން މަންމަ މަރުވެދާނެއެވެ. މަރުވާއިރަށް ޤުރްބާނީ ޤަބޫލުކުރެވި އެންމެ މަތީ ހަރުފަތަށް އެރުނީއެވެ!"
ދަރިފުޅު އެކަން ޤަބޫލުކޮށް ދިން ފޮނިބޯކިބާކޮޅު ހިފައިގެން ގެއަށް ދެވުނީ އިރުއޮއްސެން ވަރަށް ގާތްވެފައި ހުއްޓައެވެ. މަންމައަށް ބޯކިބާކޮޅުދީފައި އަވަހަށް ކައިލަން ބުނުމުން މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! މަންމަ މިހުރީ ރޯދައަށެވެ. އިރުއޮއްސެން އެހުރީ ވަރަށް ގާތްވެފައެވެ. ރޯދަ ވީއްލައިގެން ކާނަމެވެ."
ކަދުރު އޮށަކުން ރޯދަ ވީއްލައި ނަމާދުކޮށް ހަދައިގެން އައިސް ދަރިފުޅާއިއެކު އިށީނދެފައި ބުންޏެވެ. "ދަރިފުޅާއެވެ! ބޯކިބާފޮތި މަންމައަށް މާބޮޑެވެ! އެއްބައި ދަރިފުޅު ކާށެވެ! އެއިރުން ދެން އޮތް ބައި މަންމަ ކާނަމެވެ. ކިރުބޯކިބަލަކީ ދަރިފުޅަށް މީރުވެސް އެއްޗެއް ނޫން ހެއްޔެވެ؟"
ދަރިފުޅު ދިއައީ ސިއްސައިގެންނެވެ. އެއިން ކައިފިނަމަ އޭނާ މަރުވެދާނެ ކަމުގެ ބިރަށެވެ. އެހެންވެ ފާޑަކަށް ތުރުތުރުއަޅަން ފެށުމުން މަންމަ ބުންޏެވެ. "ދަރިފުޅާއެވެ! ދަރިފުޅު މަންމައަށް ސިއްރުން ތިއައީ ކީއްކުރަމުންކަން މަންމައަށް އެނގެއެވެ. ހުރިހާ ކަމެއް ހުވަފެނުން ފެނެއެވެ. ތިއަ އުޅެނީ ކީއްކުރަންކަންވެސް އެނގެއެވެ. ވިހެއިތަނުން ދެމައިން ދޫކޮށްލާފައި ބައްޕަ ދިއުމުން މަންމަ ދަރިފުޅަށްޓަކައި ވީޤުރްބާނީގެ އަގަކީ މަންމަ މަރައިލުން ހެއްޔެވެ؟
ދަރިފުޅާއެވެ! ދެންވެސް ތައުބާވާށެވެ! ތިއަ ނުބައިކަމުން ސަލާމަތްވާށެވެ! ތިއަ ސިޙުރުވެރިންނަކީ ތެދެއް ހަދާނެ ބައެއް ނޫނެވެ. ދަރިފުޅާއެވެ! ނިކަން ވިސްނައިލަބަލާށެވެ! ދަރިފުޅު އެމީހެއްގެ ގާތުން ސިޙުރު ދަސްކުރާ ޔޫސުފްބެގެ މަންމަ މަރާނުލައި އެހުރީ ކީއްވެގެން ހެއްޔެވެ؟ ސިޙުރުވެރިއަކަށްވާން މަންމަ މަރަންޖެހޭނަމަ އޭނާގެ މަންމަ މަރާނުލައި އެހެންނަނީ ކީއްވެގެން ހެއްޔެވެ؟
އާދޭސްކޮށްފައި ބުނަމެވެ. އަވަހަށް ވުޟޫކުރާށެވެ! ދެރަކްޢަތް ނަމާދެއްކޮށް ތައުބާވާށެވެ! ދަސްވި ހުރިހާ ކަމެއް ހިތުން ފިލައިގެންދޭތޯ ދުޢާކުރާށެވެ! މަންމަ މިގެންދަނީ ދަރިފުޅަށްޓަކައި ދުޢާކުރަމުންނެވެ. އަދިވެސް ދުޢާކުރާނަމެވެ."
ބުނާނެ އެއްޗެއްވެސް ނުވިސްނި އިރުކޮޅަކު އިނދެފައި އޭނާ މަންމަގެ ނަޞީޙަތް ޤަބޫލުކުރިއެވެ. މަންމަ ބުނިގޮތަށް ކަނަކަން ކުރިއެވެ. މިއަދު އޭނާއަކީ ސިޙުރުވެރިއެއް ނޫނެވެ. އަވަށުގެ އެންމެ ބޮޑު މިސްކިތުގެ އިމާމެކެވެ. ދަރުސްދޭ ޝައިޚެކެވެ.
މިއީ ޢިލްމްވެރިއަކު ސޯޝަލްމީޑިއާގައި ހާމަކުރައްވާފައިވާ ވާހަކައެކެވެ. ކިޔުންތެރިންނަށް ބުނެލަން އޮތީ ސިޙުރާއި ކައިރިވެސްނުވާށެވެ! ސިޙުރު ދަސްކުރަން ހިތަށްވެސް ނުއަރުވާށެވެ! ސިޙުރުވެރިންގެ މަޅީގައި ޖެހެވި އެޒުވާނާއަށް މަންމަ މަރައިލެވުނުނަމަ ޤިޔާމަތް ދުވަހު އޭނާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ސިޙުރުވެރިއަކަށްވެވުނުނަމަ ޤިޔާމަތް ދުވަހު ނަރަކައިން ސަލާމަތްވެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟
- މިއަދުނޫސް
- ޢިބްރަތްތެރި ވާހަކަ