ބައެއް ދަރިން މައިންބަފައިންނަށް ނުފެނި އުޅެނީ ޚަރަދުކުރަން ބުރަވުމުންނެވެ. އެހެން ދަރިން ޚަރަދުކުރާތީއެވެ. ނަމަވެސް މިއީ މައިންބަފައިންނާއި ދުރުހެލިވާން އޮތް ސަބަބެއް ނޫނެވެ. ކޮންމެ މީހެއްގެ ޙާލަތުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
މައިންބަފައިންނަށް އަޅާލައި ހެޔޮކޮށް ހިތުމަށް ދެގޮތެއްވެއެވެ. އެއީ ތަނަވަސްކަންހުރިވަރަކުން މައިންބަފައިންނަށް ހޭދަކުރުމާއި އަޅާލައި އެހީތެރިވުމެވެ. ތަނަވަސްކަން ކުޑަނަމަވެސް އަޅާލައި އެހީތެރިވެވޭނެއެވެ. ޚިދުމަތްކުރެވޭނެއެވެ. އެކަމަށް ﷲ ތަޢާލާ ހެޔޮ ޖަޒާ ދެއްވަވާނެއެވެ. އިން ޝާ ﷲ
މައިންބަފައިންނަށް އެހީތެރިވުމަކީ ވަކި ދަރިއަކަށް ކުރަން ޖެހޭ ކަމެއް ނޫނެވެ، ހުރިހާ ދަރިންވެސް ކުރަންޖެހޭ ކަމެކެވެ. ކޮންމެހެން އެންމެ ދޮށީދަރިފުޅު ނުވަތަ އެންމެ ތަނަވަސްދަރިފުޅުކުރަންޖެހޭ ކަމެއް ނޫނެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތައި އަޅައިލުމަކީ ﷲ ތަޢާލާގެ ރުހިވަޑިގަތުން ލިބިގެންދާ ކަމެކެވެ. އިން ޝާ ﷲ
މައިންބަފައިންނަށް އެހީތެރިވެ ޚަރަދުކޮށް، ޑޮކްޓަރުންނަށް ދައްކައި ބޭސްފަރުވާކޮށްދީ އަދި އެމީހުންގެ އެހެން ބޭނުންތައް ފުއްދައިދީ ހެދުމަކީ ހުރިހާ ދަރިންވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަން ކުރަންވީ ﷲ ގެ ޙަޟްރަތުން ޘަވާބަށް އެދިގެންނެވެ. ﷲ ގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ އެދިގެންނެވެ.
އެކަންކަން ނުކުރުމަކީ ތިމާއަށް ލިބެންހުރި ނިޢްމަތްތައް ދޫކޮށްލުމެވެ. ނަޞޭޙަތަކީ މިކަންކަމަށް ވިސްނައި ހުރިހާ ދަރިންނަކީވެސް މައިންބަފައިންނަށް ހެޔޮކޮށް ހިތައި އަޅައިލާ ބައަކު ކަމުގައިވުމެވެ. ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް އެކަމަށް އަވަސްވެގަތުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން