ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 5 އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 5 އެއާޕޯޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވެއްޖެ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 5 އެއާޕޯޓެއް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިވަގުތުވެސް ކުރިއަށްދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި ވަޒީރު ވިދާޅުވީ، އެއާޕޯޓް ތަރައްޤީ ކުރުމުގެ މި މަޝްރޫޢުތައް މިހާރު ކުރިއަށްދަނީ އެކި މަރުހަލާތަކުގައި ކަމަށެވެ. އަދި މި މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް މިހާތަނަށް ބެލެވިފައި ނުވާ ކަމަށްވެސް ވަޒީރުގެ ޖަވާބުގައި ފާހަގަކުރައްވާފައިވެއެވެ.

މިވަގުތު އެކި މަރުހަލާތަކުގައި މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވި 5 އެއާޕޯޓަކީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް، ހދ. މަކުނުދޫ އެއާޕޯޓް، ފ. މަގޫދޫ އެއާޕޯޓް، ރ. އަލިފުށި އެއާޕޯޓް އަދި ލ. އިސްދޫ-ކަލައިދޫ އެއާޕޯޓެވެ.

މި މަޝްރޫޢުތަކުގެ ތަފްސީލު ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، އިސްދޫ-ކަލައިދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް އަދި ރަސްމީކޮށް ކޮންޓްރެކްޓް ކުރެވިފައި ނުވި ނަމަވެސް، އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ 600 މިލިޔަން ރުފިޔާ މިހާރު ދައުލަތުގެ ބަޖެޓުގައި ހިމަނައި ހަމަޖައްސާފައިވާ ކަމަށެވެ.

މިއަދު އޮންލައިން