މަޝްރޫއުތަކަށް ބަޖެޓު ހަމަޖައްސަނީ ފިނޭންސް މިނިސްޓްރީގެ ޕްލޭނާ އެއްގޮތަށް: ވަޒީރު މުއްތަލިބު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މަޝްރޫއުތަކަށް ބަޖެޓު ހަމަޖައްސަނީ ފިނޭންސް މިނިސްޓްރީގެ ޕްލޭނާ އެއްގޮތަށް: ވަޒީރު މުއްތަލިބު

ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކަށް ފައިސާ ހަމަޖައްސަވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްއިން ރާވާފައިވާ ޕްލޭނާ އެއްގޮތަށް ކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ހައުސިން މިނިސްޓްރީގެ ދަށުން މިހާރު ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް ބޭނުންވާނެ ޖުމްލަ ބަޖެޓާއި، މިއަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައަޅާފައިވާ މިންވަރާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

ވަޒީރު މުއްތަލިބު ދެއްވި ޖަވާބުގައި ފާހަގަކުރެއްވި ގޮތުގައި، މިހާރު ފެށިފައިވާ މަޝްރޫއުތައް އެއްކޮށް ނިންމާލުމަށްޓަކައި ލަފާކުރެވޭ ޖުމްލަ ބަޖެޓަކީ 58.8 ބިލިއަން (58,831,473,267) ރުފިޔާއެވެ. އަދި 2026 ވަނަ އަހަރު މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޕްރޮގްރާމް ބަޖެޓެއްގެ ގޮތުގައި ކަމަށްވުމުން، މިއަހަރުގެ ބަޖެޓުގައި ވަކިވަކި މަޝްރޫއުތަކަށް ވަކި ޢަދަދެއް ކަނޑައެޅިފައި ނުވާކަން ވަޒީރު ވަނީ ސާފުކޮށްދެއްވާފައެވެ.

މީގެއިތުރުން، މިވަގުތުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަސް އެއާޕޯޓެއްގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ މަޝްރޫއުތައް ނިންމުމަށް މިހާރު ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް ލަފާނުކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން