ސަރުކާރުން ކުރިއަށްގެންދާ ޒުވާނުން ތަމްރީނު ކުރުމުގެ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރެއިން މިހާތަނަށް 2،000 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކޮށް، އޭގެ ތެރެއިން ގިނަ ކުދިންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެވިފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި 'އަހާ' ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރަށްރަށުގައި ތިބި ޒުވާނުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، ރިސޯޓް ދާއިރާއާއި ލޯކަލް ޓޫރިޒަމް ހިމެނޭހެން ތަފާތު ދާއިރާތަކުން ބޭނުންވާ ހުނަރުތައް ދެނެގަނެ، މީހުން ތަމްރީނުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިހާތަނަށް ތަމްރީނު ކުރުމުގެ 208 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާއިރު، ރަށްރަށުގައި ތަމްރީނުވި ގިނަ ޒުވާނުންތަކެއް މިހާރު އަމިއްލަ މަސައްކަތްތަކުގައާއި ރިސޯޓުތަކުގެ ވަޒީފާތަކުގައި އަދާކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އެކި ރަށްރަށުގައި މީހުން ދިރިއުޅޭ ރަށްރަށުގައިޔާއި ރިސޯޓްތަކަށް ފޯކަސް ކޮށްގެން ޒުވާނުންނަށް ވަރަށް ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ދަނީ ހިނގަމުން. އެ ޕްރޮގްރާމްތައް ހުއްޓާނުލާ ކުރިއަށް ގެންދާނަން،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މިހާރު މާލޭގެ ޔޫތު ހަބްގައި ތަފާތު ތަމްރީނުތައް ކުރިއަށްދާއިރު، ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ސިޓީތަކުގައިވެސް ޔޫތު ހަބްތައް ޤާއިމުކުރެވި، އެތަންތަން މެދުވެރިކޮށް ޒުވާނުންނަށް ޚާއްޞަ ޕްރޮގްރާމްތައް ފުޅާދާއިރާއެއްގައި ކުރިއަށްދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.