ޖަޒުބާތީ އަނިޔާއަކީ ކައިވެނީގެ އިތުބާރު ގެއްލުވައިލާ ނުރައްކާތެރި އަމަލެއް!: ޑރ. ނުޢުމާން އަލީ ޚާން

ކިޔުމަށް ހޭދަވާނީ 2މ 24ސ
ޖަޒުބާތީ އަނިޔާއަކީ ކައިވެނީގެ އިތުބާރު ގެއްލުވައިލާ ނުރައްކާތެރި އަމަލެއް!: ޑރ. ނުޢުމާން އަލީ ޚާން

ޢާއިޝަތު ރަފާޙް ޢަލީ

 

ޖަޒުބާތީ އަނިޔާއަކީ ބަހަވީ ގޮތުން (ބަހުގެ ޙަމަލާތަކުން) ދެވޭ އަނިޔާއަކަށްވެސް ވެދާނެއެވެ. އެއީ ފިރިމީހާ ގޭގައި ނޫޅޭ ވަގުތު، ފިރިމީހާގެ ޢާއިލާ މީހުން އައިސް، "އާނ، ކަލޭ ތިއީ ކުޑަ ދުވަސްކޮޅަކަށް މިތާ އުޅޭ މީހެކެވެ. އަހަރެމެން ބޭނުން ކޮންމެ ވަގުތަކު ކަލޭ ބޭރުކޮށްލެވިދާނެއެވެ. އެއީ އަހަރެމެންގެ ދަރިއެވެ." އޭ ބުނުން ކަމުގައިވެސް ވެދާނެއެވެ.  

އަދި ފިރިމީހާ ގޭގައި ހުންނަ ވަގުތު، "ކިހިނެއްހެއްޔެވެ؟ ތިއީ ވަރަށް ރަނގަޅު، ވަރަށް ހެޔޮލަފާ ކުއްޖެކެވެ." އޭ ބުނެއެވެ. އަދި މި އަންހެންކުއްޖާ މޮޔަވާވަރު ކޮށްލައެވެ. ސަބަބަކީ ފިރިމީހާ ނޫޅޭ ވަގުތު އެމީހުން ޝައިޠާނުންނަށް ބަދަލުވެފައި، ފިރިމީހާ ހުންނަ ވަގުތު އޭގެ އިދިކޮޅަށް ބަދަލުވާތީއެވެ. އެހެންވެ، އެމީހުން ކަންކަން ކުރާ ގޮތުގެ ވާހަކަ ފިރިމީހާ ގާތު ބުނަން އުޅުމުން، ފިރިމީހާ ބުނަނީ، "ތި ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެމީހުން އެހާ ރަނގަޅެވެ. މޮޔަވެގެން ތިއުޅެނީ ތިޔައީއެވެ." މިއީވެސް ޖަޒުބާތީ އަނިޔާގެ ބާވަތެކެވެ. 

ފިރިއަކާއި އަނބިއަކާ ދެމެދު އިތުބާރު އޮންނަންޖެހޭނެއެވެ. އެއީ ކޮންމެހެންވެސް އޮންނަންޖެހޭ އެއްޗެކެވެ. އިތުބާރެއް ނެތިއްޔާ، އެއްވެސް އެއްޗެއް ނެތެވެ. އެތަނަކު އެއްވެސް އެއްޗެއް ނޯންނާނެއެވެ. މިއީ ލޭގެ ގުޅުމެއް ނޫނެވެ. ކައިވެންޏަކީ ޢަޤުދެކެވެ (އެއްބަސްވުމެކެވެ). އެއީ އެކުގައި ދިރިއުޅުމެއް ހިއްސާކުރުމަށް ތިޔަ ދެމީހުން އެއްބަސްވި ކަމެވެ. އަދި އެކަމަށް އެންމެ މަތީ ދަރަޖައިގެ އިތުބާރު ބޭނުންވެއެވެ.  

އޭނާ ތިބާ ގާތު ބުނާ ވާހަކައަށް އިތުބާރުވެސް ނުކުރެވޭނަމަ، އަދި އޭނާ ތިބާއަށް އަބަދު ހަދަނީ ދޮގުކަމަށް ތިބާ ދެކޭނަމަ، ކައިވެންޏަކީ ކައިވެންޏަކަށް ހަދައިދޭ އަސާސެއް އެތަނަކު ނެތެވެ. އެއެއް ނެތެވެ. "އަހަންނަކަށް އެކަމެއް ޤަބޫލެއް ނުކުރެވޭނެ، އަހަންނަކަށް އެކަމެއް ޤަބޫލެއް ނުކުރެވޭނެ" އޭ ތިބާ ބުނާނަމަ، ދެން ތިބާ ތިއުޅެނީ ރަނގަޅު ކައިވެންޏެއްގައި ކަމެއް އަހަންނަކަށް ނޭނގެއެވެ. އެތަނުގައި އަސާސީ ގޮތުން ގޯހެއް އެބައުޅެއެވެ. ހަމައެކަނި އަނިޔާއަށްވުރެ މާ ފުން ގޯހެކެވެ. އެ ކައިވެނީގެ ތެރޭގައި އިތުބާރުގެ މިންވަރެއްވެސް ބާކީއެއް ނެތެވެ. 

ޖަޒުބާތީ އަނިޔާއަކީ ބައެއް ފަހަރު ބަހަވީ (ބަހުން ދެވޭ) އަނިޔާއެކެވެ. އަދި ބައެއް ފަހަރު އެއީ ބަހުން ބުނާ އެއްޗަކަށް ނުވެސް ވެދާނެއެވެ. ބައެއް ފަހަރު އެއީ ތިބާއަށް ބަލައިލާ ގޮތެވެ. ބައެއް ފަހަރު އެއީ ތިބާގެ ވަށައިގެން މީހުން އިށީނދެގެން ތިބޭ ގޮތެވެ. އޭނާ ކޮޓަރިއަށް ވަނުމާއެކު، އެމީހުން ތެދުވެގެން ހިނގައިދާނެއެވެ. އެމީހުން މިކޮޅަށް މޫނުވެސް އަނބުރައެއް ނުލާނެއެވެ. އެމީހުންގެ އަޑުގެ ރާގު ބަދަލުކޮށްލާނެއެވެ. ބައެއް ފަހަރު އެއްވެސް އެއްޗެއް ނުބުނެ ހުރުމަކީވެސް ވަރަށް ބޮޑު އަނިޔާވެރި މެސެޖެކެވެ. އަދި އެއަށްފަހު އެމީހަކު އަނބުރާލާފައި ބުނެދާނެއެވެ، "އަހަރެން ކީކޭ ކީހެއްޔެވެ؟ އަހަރެން އެއްވެސް އެއްޗެކޭ ނުބުނަމެއްނޫންހެއްޔެވެ؟" މިއީ ޖަޒުބާތީ އަނިޔާއެވެ. އަދި އެއީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. 


- ޑރ. ނުޢުމާން އަލީ ޚާންގެ ދަރުސަކުން 

- މިއަދުނޫސް

މިއަދު އޮންލައިން