ތިލަފުއްޓަށް ދިމާވެފައިވާ ފައިބަރުގެ ކުނީގެ ބޮޑު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެރަށުގައި ޤާއިމްކުރާ އިންސިނަރޭޓަރގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމައި، ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންދާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމްގައި ވާހަކަދައްކަވަމުންނެއެވެ.
ވަޒީރު އަލީ ޝަރީފް ވިދާޅުވީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފައިބަރުގެ މަސައްކަތް ކުރާ އެއްތަނަކީ ތިލަފުށި ކަމަށްވާތީއާއި، އެއީ ވަކި ޚާއްޞަ ގޮތަކަށް ނައްތާލަންޖެހޭ އެއްޗަކަށްވާތީ، އެހެން ރަށްރަށުންވެސް ފައިބަރުގެ ކުނި ތިލަފުއްޓަށް ގެންނަމުންދާ ކަމަށެވެ. އަދި މިހާރުގެ އަމާޒަކީ އެތަކެތި ތިމާވެށްޓާ ރައްޓެހި ގޮތެއްގައި މެނޭޖްކުރެވޭނެ ނިޒާމެއް ޤާއިމްކުރުން ކަމަށްވެސް ဝޒީރު ފާހަގަކުރެއްވިއެވެ.
އިންސިނަރޭޓަރ މަޝްރޫޢުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކުރީގެ ކޮންޓްރެކްޓަރާ ގުޅޭގޮތުން ދިމާވި މައްސަލަތަކަކާ ހުރެ މަސައްކަތް ދުވަސްކޮޅަކަށް ހުއްޓިފައި އޮތް ނަމަވެސް، މިހާރު އައު ކޮންޓްރެކްޓަރަކާއެކު މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
"ދުވަސްތަކެއް ވަންދެން ހުއްޓިފައި ހުރުމަށްފަހު، މިހާރު އަނެއްކާ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ. އެއާއެކު ގިނަ ވަމުންދާ ފައިބަރައަށް ބޮޑު ހައްލެއް ލިބިގެންދާނެ. ޕްލޭންއަކީ 2028 ވަނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށުން. މިހާރު ނިމިފައިވަނީ 40 އިންސައްތަ،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ 40 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، އިންސިނަރޭޓަރގެ ޚިދުމަތް ފެށުމުން ތިލަފުއްޓާއި މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ފައިބަރު ކުނީގެ މައްސަލައަށް އެދެވޭ ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.