ހަމައެކަނި ނިދާގަޑީގަ ލޯބިހާމަކޮށްގެން ލޯތްބެއް ނުލިބޭނެ! ނިކަން މިގޮތަށް ކަންކަންކޮށް ތަފާތު ބަލައިލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހަމައެކަނި ނިދާގަޑީގަ ލޯބިހާމަކޮށްގެން ލޯތްބެއް ނުލިބޭނެ! ނިކަން މިގޮތަށް ކަންކަންކޮށް ތަފާތު ބަލައިލަބަލަ!

ގިނަ ބައަކަށް އެންމެ ބޮޑަށް އޮޅުން އަރަމުން އަންނަ އެއްކަމަކީ ބައިވެރިޔާގެ ގާތުން ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގަންނަންވީ ވަޤުތެވެ. އެހެންވެ ގިނަ ބައަކަށް މާނަކުރެވެނީ އެއީ ނިދަންވުމުން ލިބިގަންނަންޖެހޭ ކަމެއް ކަމުގައެވެ.  

އެއީ އެއްގޮތަކަށްވެސް އެގޮތަށް އޮތް ކަމެއް ނޫނެވެ. ދެމަފިރިން އެކަކު އަނެކަކާއި ބައްދަލުވުމުން ހިނިތުންވެލުމާއިއެކު ބައްދާލައި ހެދުމަކީ ސިކުނޑީގައި ހުންނަ ބުރަކަން ފިލައިގެންދާ ކަމެކެވެ. މީގެ މާނައަކީ ޢާޢިލާގެ ގިނަ ބައަކު އެކުގައި ދިރިއުޅޭނަމަ ވަށައިގެން ބަލަން ތިބި މީހުންނަށް ނުވިސްނައި ކަންކަން ކުރުމެއް ނޫނެވެ. ދިރިއުޅެނީ ދެމަފިރިން އެކަނިކަމަށްވާނަމަ މިބުނި ޙާލަތަށް ވިސްނާކަށް ނުވެސް ޖެހޭނެއެވެ.  

ފިރިމީހާ މަސައްކަތް ނިންމާފައި އައިސް ގެއަށް ވަނުމުން ދަރިންގެ ސަބަބުން ހުރަހަކަށް ނުވާނަމަ ފިރިމީހާ އާއިއެކު ކޮޓަރިއަށް ވަންނާށެވެ. ހަމައެކަނި ކޮޓަރިއަށް ވަދެ އެކަނިވެލައި ލޯބިން ދެމީހުން ވާހަކަދައްކައިލުންވެސް އެއީ ލޯބި އިތުރުވެ ގުޅުން ބަދަހިވެގެންދާ ކަމެކެވެ.  

ކައިވެނީގެ ހަނީމޫން ނިމުމުން އެހިސާބުން ދެމީހުންގެ ގުޅުންތައް ދުރުކުރާނަމަ ދަތުރުއެކުރެވެނީ ނުބައި ދިމާއަކަށެވެ. ގުޅުން ވީރާނާ ކުރުވާނެ ދިމާއަށެވެ. އެކަން އެހެންވިއަނުދޭށެވެ. ލޯބީގެ ގަހަކީ އަބަދުވެސް ވަރަށް ނާޒުކު ގަހެކެވެ. އެގަހަށް ފެންދިނުމާއި އަޅައިލުން ފަދަ ކަންކަން ކުރުމުގައި އިހްމާލުވެވޭނަމަ ދާދި އަވަހަށް ގަސްހިކި އަނަރޫފަވާން ފަށައިފާނެއެވެ. ގަސް މަރުވަން ފަށައިފާނެއެވެ. ވީމާ އަބަދުވެސް އެކަންކަމަށް ސަމާލުކަންދޭންވާނެއެވެ.

ކައިވެނިކުރާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެމަފިރިންގެ ގުޅުން ގޯސްވެ ފޫހިވާން ފަށަނީ މިބުނި މަގުން ކަންކަން ނުކުރެވޭތީއެވެ. ކަންކަން ކުރެވޭނަމަ ފޫހިވެ މައްސަލަ ޖެހޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން